ރައީސް ޔާމީންގެ ކޯޓު އަޑުއެހުމެއް ކުރިޔަށްދަނީ-
ރައީސް ޔާމީންގެ ކޯޓު އަޑުއެހުމެއް ކުރިޔަށްދަނީ-
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް މާދަމާއަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ، މި މަހުގެ 29 ވާ ދުވަހުގެ ހެނދުނު 11:00 ގައި ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާނެ ކަމަށެވެ. ނަމަވެސް، ރައީސް ޔާމީންގެ ވަކީލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާދަމާއަށް ތާވަލްކުރި ހުކުމުގެ އަޑުއެހުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

އަދި ދެން މި އަޑުއެހުން ބާއްވާނެ ވަކި ތާރީޚެއް ކޯޓުން އަދި ކަނޑައަޅާފައި ނުވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމައި، ހުލާސާ ބަޔާން އިއްވާފައިވަނީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ހުލާސާ ބަޔާން އިއްވުމަށް ބޭއްވި މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ވަކީލުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެމަނިކުފާނުގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނާ ތާރީޚަކީ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރިތާ 9 މަސްދުވަސް ފަހުން ކަމަށް ވާއިރު، އެހާ ފަހުން ޖަމާވި ފައިސާއަކާއި 9 މަސް ކުރިން ހިނގި މުއާމަލާތަކާ ގުޅުވޭނެ އެއްވެސް ހަރުދަނާ ހެއްކެއް ނެތް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދައުލަތުން މި މައްސަލައިގައި މައިގަނޑު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ، ޝަރުއީ މަރުހަލާގައި ލުއިތަކެއް ހޯދުމަށް ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައިގެން ތިބި ބަޔަކަށް ވާތީ، އެ ދެ މީހުންގެ ހެކިބަހުގެ ސައްހަކަމާމެދު ވެސް ރައީސް ޔާމީން ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ.

ރައީސް ޔާމީންގެ ދިފާއީ ޓީމުން ޝަރީއަތުގައި ބުނެފައިވަނީ، މި މައްސަލައަކީ އެމަނިކުފާނު ސިޔާސީ ގޮތުން އެކަހެރިކުރުމުގެ ބޭނުމުގައި ހިންގާ އަމަލެއް ކަމަށެވެ. އަދި ހިޔާނާތް ހިންގި ކަމަށް އަދީބާއި ޒިޔަތު އަމިއްލައަށް އިއުތިރާފުވާއިރު، އެކަމާ ރައީސް ޔާމީނާ ގުޅުވައިދޭނެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މި މައްސަލައިގައި ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ކަމަށް ބުނާ ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވުމާއި، ފައިސާ ދައުރުކުރި ކަމަށް ތުހުމަތުވި ސަންގެ ކުންފުނިތައް ކޯޓުން ބަރީއަވުމުން ވެސް އެ ނިންމުން އިސްތިއުނާފު ނުކޮށް، ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަކީ ދައުލަތުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް