ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އޯޑިއޯ ރެކޯޑިންތަކެއް ހެކީގެ ގޮތުގައި ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.

މި މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް، އެމަނިކުފާނުގެ ކޯލް ރެކޯޑިންތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ހުށަހެޅުމުން އުފެދުނު މައްސަލައެކެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އެ ރެކޯޑިންތައް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެ ހެކިތައް ބަލައިގަތުމަށެވެ.

ދަށު ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް، އެ މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މި ނިންމުމާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާނަމަ، ރަޖިސްޓްރާގެ ނިންމެވުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މުރާޖައާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެމަނިކުފާނަށް އެބައޮތެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް މީޑިއާއަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، 2013 ވަނަ އަހަރުގެ އެ އޯޑިއޯތަކުގެ އެނަލިސިސް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ދައުލަތުން ކުރިން ބުނި ނަމަވެސް ފަހުން އެފަދަ ރިޕޯޓެއް ހެދެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 2015 ވަނަ އަހަރު ހިނގި ކަމަށް ބުނާ ކަމެއް ސާބިތުކުރަން، ކާކުކަން ސާފުނުވާ އަދި ތަހުލީލު ރިޕޯޓެއް ވެސް ނެތް އޯޑިއޯތަކެއް ބަލައިގަތުމަކީ ޝަރީއަތުގެ އިންސާފުވެރިކަން ގެއްލި، ރައީސް ޔާމީނާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދިދާނެ ކަމެއް ކަމަށެވެ.

އާރަށުގެ މައްސަލައިގައި ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސައްހަ ގޮތުގައި ހިންގި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. އަދި އެ ޑޮލަރަށްވާ ދިވެހި ފައިސާ، މި މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމާ ނަގުދު ފައިސާއިން ހަވާލުކުރި ކަމަށާއި، އެ ފައިސާ ގުނައި ހަވާލުކުރުމުގައި އިސްކޮށް އުޅުއްވީ މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަމަށް ވެސް އެމަނިކުފާނުގެ ދިފާއުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައަކީ މީގެ ކުރިން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. ނަމަވެސް، ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ ގޯސްކޮށް ކަމަށް ކަނޑައަޅައި، ހައިކޯޓުން އެ ހުކުމް ބާތިލުކުރުމާ ގުޅިގެން މިހާރު ކުރިއަށްދަނީ އަލުން ބަލާ ޝަރީއަތެވެ. ހައިކޯޓުގެ އެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް