ޖޭއެސްސީ
ޖޭއެސްސީ
ދިވެހިރާއްޖޭގެ ކޯޓުތަކުގެ އެންމެހައި އިދާރީ ކަންކަން ބަލަހައްޓަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބެލުމުގެ ދަށުން ވަކިކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި ބިލު މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމާއެކު، ޖޭއެސްސީގެ ދަށުން ޑީޖޭއޭ ހިންގުމަށް އެ ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގައި މިހާރު ކަނޑައަޅާފައިވާ އުސޫލުތައް އުވިގެންދާނެއެވެ.

ބިލުގައިވާ ގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ އަމިއްލަ ނަމުގައި ނުވަތަ ވަކިވަކި ކޯޓުތަކުގެ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުއީ މަޖިލިސްތަކުގައި ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ މުސްތަގިއްލު ގާނޫނީ ޝަހުސެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މި އިސްލާހުގައިވާ ގޮތުން ޑީޖޭއޭ ހިންގުމުގެ އެންމެ އިސްވެރިޔަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އޭނާ އައްޔަންކޮށް ވަކިކުރާނީ އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ، އަދި އަލަށް އުފައްދާ ޖުޑީޝަލް ކައުންސިލުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ވެސް ސީދާ ޖުޑީޝަލް ކައުންސިލަށާއި އުއްތަމަފަނޑިޔާރަށެވެ. ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާއިރު މިހާރު އެ މަގާމުގައި ހުންނެވި ބޭފުޅަކު، އާ ގާނޫނުގެ ދަށުން ވެސް މަގާމުގައި ދެމިހުންނަވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާ ގޮތުން އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ ޖުޑީޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ އެހެން ދެ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެ ކޯޓުން ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. މީގެއިތުރުން ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ކަނޑައަޅުއްވާ ތިން އިސް މެޖިސްޓްރޭޓުން ވެސް މި ކައުންސިލްގައި ތިއްބަވާނެއެވެ. ކައުންސިލްގައި ތިއްބަވާ އިސް މެޖިސްޓްރޭޓުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބަދަލުކުރަންޖެހޭއިރު، އެކަން ކުރަންވާނީ ޝަރުއީ ދާއިރާގެ ހުރިހާ ފަރާތްތައް ތަމްސީލުކުރެވޭ ގޮތަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ޝަރުއީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ މަދުވެގެން ދެ ޕަސެންޓް ޝަރުއީ ދާއިރާއަށް ހާއްސަކޮށް، އެ ފައިސާ ޑީޖޭއޭއަށް ދޫކުރަން ޖެހޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ. ކޯޓުތަކުގެ އެންމެހާ އިދާރީ ކަންކަމާއި، ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމާއި، އުމްރާނީ އަދި އައިޓީ ތަރައްގީގެ ކަންކަމާއި އަހަރީ ބަޖެޓު ތަންފީޒު ކުރުމުގެ ބާރު ވެސް އޮންނާނީ ޑީޖޭއޭ އަށެވެ. އަދި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ތަމްރީނުކުރުމަށް އުފައްދާފައިވާ ޖުޑީޝަލް އެކެޑަމީ ހިންގުން ވެސް ޑީޖޭއޭގެ ދަށަށް ގެނައުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

ޑީޖޭއޭއަކީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އުފެއްދި އިދާރާއެކެވެ. ނަމަވެސް 2019 ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހަކުން އެ އިދާރާ ޖޭއެސްސީގެ ދަށަށް ބަދަލުކުރިއެވެ. ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މި އިސްލާހު ފާސްވެއްޖެނަމަ، ޑީޖޭއޭ އަލުން އުއްތަމަފަނޑިޔާރާއި ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ގޮތަށް ބަދަލުވެ، ޝަރުއީ ދާއިރާގެ އިދާރީ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުތަނުން ހަނިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް