ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން
މި ސަރުކާރުގައި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރައީސް އުރްދުޣާނަށާއި، އެ ޤައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަނީ ހޫނު މަރުޙަބާއަކާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަށްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހަކީ އެ ޤައުމުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ މުނާސަބަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ އެ ޤައުމުގެ ސިޔާދަތާއި، ތަރައްޤީ، އަދި ޤައުމު ބިނާކުރުމުގެ އަސާސްތައް ދެމެހެއްޓުމުގައި ފަޚުރުވެރި ޤަރުނެއް ކަޑައްތުކޮށްފައިވާކަން ރަމްޒުކޮށްދޭ މުހިންމު ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމަށް ދޭ އަހަންމިއްޔަތު ވަޒަންކުރެވިގެންދާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީވިލާތުގެ އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގެ ހަވާސާގައި ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނާ ބައްދަލުވެވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުންތައް މުރާޖާކުރައްވައި، ކުރިމަގުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު