ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެތަނުން ފިލި އަހުމަދު ފައިރިޝް
ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެތަނުން ފިލި އަހުމަދު ފައިރިޝް
އާންމު އުނދަގުލަކަށް ވެގެން ހައްޔަރު ކުރުމަށްފަހު، ފަރުވާއަށް ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެތަނުން ފިލި ޢުމުރުން 43 އަހަރުގެ އަހުމަދު ފައިރިޝް އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ބުނީ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި، ނަމަވެސް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ އެ މަރުކަޒުން ފިލާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އަދި އޭނާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ހުރި ތަން ދެނެގަނެ، މާލެއިން އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފައިރިޝް އެންމެ ފުރަތަމަ ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުކުރަން ނިންމީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. އެހެންނަމަވެސް، ފައިރިޝް ވަނީ އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ފައިރިޝް ހައްޔަރު ކޮށްފައިވަނީ، މާލޭގެ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނަށާއި އެ މަގުން ހިނގާބިނގާވެ އުޅޭ މީހުންނަށް އޭނާ ކުރަމުންދިޔަ އުނދަގޫތަކަށް ހައްލެއް ނުލިބިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ. ސައީދު އޭރު ބުނެފައިވަނީ ފައިރިޝްގެ މައްސަލަތައް ފުލުހުންނަށާއި ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު