ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތާއީދުކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ އެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކާ ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގެ ބަހުސްގެ ތެރެއިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ނަން ބައެއް ބޭފުޅުން ގެންނަވާފައިވާތީ، މި މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވަން ޖެހިވަޑައިގަތީ ކަމަށެވެ.

" އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަތޭކަ އަހަރު ފަހުން ވާނެ ގޮތަކާމެދު ބައެއް ބޭފުޅުން ސުވާލު އުފައްދަވާ ކަމަށެވެ. އަދި އެމަނިކުފާނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި، މީގެ 300 އަހަރު ކުރިން ހޯރަފުއްޓަށް ތިން ނައެއް އައި ކަމަށާއި، އޭގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރިއިރު އަނެއް ނާ ދިޔައީ ދުވާފަރަށް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ހޯރަފުށީ ދާއިރާގެ ރައީސް ސަލީމަކީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ޤައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް، އެކި ޤައުމުތަކުން ރާއްޖެއަށް ހިޖުރަކޮށް ވަޒަންވެރިވި އާބާދީތަކުން އުފެދިފައިވާ "ފަޚުރުވެރި ދިވެހި ދަރިން" ކަމަށެވެ.

އަދި ބޭރު މީހުންނަށް ރާއްޖެއިން ފުރުސަތު ދިނުމުން މުސްތަގުބަލުގައި އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް އެ މަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ. އެފަދަ "ސާބިތު ނުހިފޭ" ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތެވެ.

މީގެއިތުރުން، ރާއްޖޭގެ އާބާދީ އަކީ ޒަމާނުއްސުރެ ބޭރު ގައުމުތަކުން އައިސް ވަޒަންވެރިވެފައިވާ ބައެއްގެ މައްޗަށް އެކުލެވިގެންވާ އާބާދީއެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ ތެރެއިން ފެންނަމުންދާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނަޝީދު މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭރު މީހުންނަށް ނަފުރަތު ކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތަކަށް ޕާޓީގެ ތެރެއިން ޖާގަ ލިބެމުންދާ ކަމަށެވެ. އަދި އެއީ އެމްޑީޕީ އުފެއްދި އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ޚިލާފު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް