ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރް.އެސް.ޑަބްލިޔު) ފައިނޭންސިންގ ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ގޮތަށް އުސޫލު އިސްލާހު ކޮށްފިއެވެ. މީގެއިތުރުން، މި ފެސިލިޓީގެ ދަށުން މަސްދޯނި ފަހަރުގައި އިންޖީނު އެޅުމަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ފައިނޭންސިންގ ސްކީމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިނިސްޓްރީ އޮފް ފިނޭންސް، ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މީގެކުރިން މި ފެސިލިޓީ ދޫކުރަމުން އައީ މަސްދޯނި ފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށް އެކަންޏެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި، ބާ އިންޖީނު ބަދަލުކުރުމަށްވެސް ލުއި ގޮތެއްގައި ފައިނޭންސް ހަމަޖެހިގެންދާނެއެވެ.

މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 6 އިންސައްތައިގެ ފައިދާ ރޭޓެއްގައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ބޮޑު ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދިނުމެވެ.

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށް ހިނގާ ބޮޑު ޚަރަދު ކަމަށެވެ.

"ދޯނިފަހަރުގައި އާރް.އެސް.ޑަބްލިޔު ސިސްޓަމްތައް ގާއިމްކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވެގެންދާނެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ މުޅި ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.

"އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފައިނޭންސިންގ އެހީއާ އެކު މަސްވެރިން ބާނާ މަސް، ތާޒާކަންމަތީ ބެހެއްޓުމަށް އެންމެ ޒަމާނީ ވަސީލަތް އޮޑީގައި ގާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެ. މި ފައިނޭންސިންގ އަކީ މަސްވެރިކަމަކީ ދެކޮޅުޖެހޭ މަސައްކަތެއްގެ ގޮތުގައި ކުރެވޭ އިންވެސްޓްމަންޓެއް. މީގެ ސަބަބުން މަސްވެރިކަމުން އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވެލިއު އެޑެޑް ޕްރޮޑަކްޓްތަކެއް އުފެއްދުމަށް އެހީތެރިވެދޭނެ. އަދި މިކަމުގެ ފައިދާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް، ވިޔަފާރިތަކަށާއި ރަށުގެ އިގްތިސާދަށް ހެޔޮ ގޮތުގައި ކުރާނެ." ބަދުރުއްދީން ޙަސަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ އިސްކަމެއް ދީގެން ގިނަ ލުއިތަކެއް ހަމަޖައްސައިދެމުން އަންނައިރު، މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ މަސްވެރި އުޅަނދުފަހަރުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު