ޕީއެންސީ މެންބަރު ޙުސްނީ މުބާރިކު
ޕީއެންސީ މެންބަރު ޙުސްނީ މުބާރިކު
ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކަކީ އެއްވެސް ހާލަތެއްގައި ހަރުކަށި ފިކުރު ދިރުވުމަށް ނުވަތަ އަންހެން ދަރިން ތައުލީމުން އެކަހެރިކޮށް ގޭގައި ބައިތިއްބުމުގެ މަގުސަދުގައި ހުށަހެޅި އިސްލާހުތަކެއް ނޫން ކަމަށް މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސްނީ މުބާރިކު ވިދާޅުވެއްޖެއެވެ.

ސްކޫލަށް ހާޒިރުވެގެން އުނގެނުމަށް ނުކުޅެދޭ ހާލަތްތަކުގައި ގޭގައި ބައިތިއްބައިގެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލަށް ބަހުސްކުރައްވަމުން ޙުސްނީ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިދިކޮޅު މެންބަރުން ކުރައްވާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފައެވެ.

ޙުސްނީ ވިދާޅުވީ ހޯމްސްކޫލިންގެ ކަންކަން ގާނޫނުގެ ތެރެއިން ވަރަށް ތަފުސީލުކޮށް ބެލެހެއްޓޭނެ ކަމަށާއި، މިއީ ހަރުކަށި ފިކުރަށް ފުރުސަތު ދިނުން ނުވަތަ "ޖާރިޔާއިން" އުފެއްދުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ކޮންމެ ކަމެއް އިސްލާމީ ހާލަތަކާ ގުޅުވައިގެން ހަރުކަށި ފިކުރު ފެތުރުމުގެ މަގުސަދެއް އޮތް ކަމަށް ތަސައްވުރުކުރަން އުޅެނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މި އިސްލާހާ ގުޅިގެން ރައީސް ނަޝީދު ވަނީ ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވިދާޅުވެ، އެ ބިލަކީ "ޖާރިޔާ ބިލު"ގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މީގެއިތުރުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމްވެސް ވަނީ ހޯމްސްކޫލިން ފަހިކޮށްދިނުމަކީ ހަރުކަށި ފިކުރުގެ މީހުން އެ މީހުންގެ ދަރިން ގޭގައި ބައިތިއްބައިގެން އެ ފިކުރު ދިރުވަން މަގުފަހިވެގެންދާނެ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް