ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
ފ. ނިލަންދޫގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ބިނާކުރާ އައު ޕޮލިސް ސްޓޭޝަން އިމާރާތުގެ ދެވަނަ ފަންގިފިލާގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ރާއްޖޭގެ ރަށްރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ދެވަނަ ފަންގިފިލާގެ ކޮންކްރީޓް ތަނބުތަކުގެ މަސައްކަތް ކަމަށެވެ.

ހަމައެއާއެކު، ނިލަންދޫގައި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ގެންދިއުމަށް ބިނާކުރާ މި އައު މަރުކަޒުގެ މަސައްކަތް ނިމުމުން، އެ ރަށާއި އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ރައްޔިތުންނާ ގާތުން އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަށްޓަކައި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، ނިލަންދޫގައި އިމާރާތްކުރާ މި މަރުކަޒަކީ އެ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު