މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން
މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު މާލޭގައި ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. ޕިންކްލައިޓް، އުމުރުން 45 އަހަރުގެ ޝިވާން އިބްރާހީމާއި، ތ. ތިމަރަފުށީ އަލީއާބާދު، އުމުރުން 38 އަހަރުގެ އަޙްމަދު މުޙައްމަދުގެ އިތުރުން ތ. ތިމަރަފުށި މާލޭގެއާގެ، އުމުރުން 41 އަހަރުގެ އަޒުހަދު ޢަލީމަނިކު އަދި ތ.ތިމަރަފުށި ވިލާ، އުމުރުން 41 އަހަރުގެ އާމިނަތު ނިސާއެވެ.

މި ހަތަރު މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ފުޅާ ދާއިރާއެއްގައި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ ބައެކެވެ. މި މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ހަތަރު މީހުންގެ ބަންދަށްވެސް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު