ގއ. ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ގއ. ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ގއ. ދެއްވަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، މީގެ ކުރީ މަރުޙަލާތަކުގައި އިމާރާތުގެ ބިންގަލާއި ތަނބުތައް އެޅުމުގެ އިތުރުން ރޭނުމުގެ މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން، މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އިމާރާތުގެ ސްޓްރަކްޗަރަލް ފައުންޑޭޝަނާއި ރޭނުމުގެ މަސައްކަތްތައް ނިންމައި، ޓްރަސް ހަރުކުރުމުގެ ކުރީކޮޅުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިހާރު ކުރިއަށްދާ ފުރާޅު އެޅުމުގެ މަސައްކަތާއެކު، އިމާރާތުގެ ބޮޑުބައެއް ނިމުމަކާ ދިމާއަށް ދަތުރުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ދެއްވަދޫގައި ޤާއިމުކުރާ މި މަރުކަޒަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޚާއްޞަކޮށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން، "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ 119 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން 8 ރަށެއްގެ މަސައްކަތް އެއްކޮށް ނިމި، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި މިހާރު ޓެންޑަރަށް ހުޅުވާލާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޢަމަލީ މަސައްކަތް ނުފެށި ހުރި ރަށްރަށުގައި މިއަހަރު ނިމުމުގެ ކުރިން ޢަމަލީ މަސައްކަތް ފެށުމަށް މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2027 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށްދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުރިހަމައަށް ޚިދުމަތްދޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުން. އަދި ހަމައެއާއެކު، މި ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޚާއްޞަ ބަޖެޓެއް ކަނޑައެޅިގެންދާނެ،" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ދެއްވަދޫގެ މި ސެންޓަރުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، އެ ރަށުގެ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ކަސްރަތުކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޚިޔާރުކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް