ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ 1،500 އަހަރުވީ ތާރީޚީ ބިނާ، އާޔާ ސޯފިޔާ
ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ 1،500 އަހަރުވީ ތާރީޚީ ބިނާ، އާޔާ ސޯފިޔާ
ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ 1،500 އަހަރުވީ ތާރީޚީ އަދި މަޝްހޫރު ބިނާ، އާޔާ ސޯފިޔާގެ އަޑިން، މީގެ ކުރިން ހާމަވެފައި ނުވާ ގަދީމީ ބިންގަރާސްތަކަކާއި ބިމުއަޑީގެ ކޮޓަރިތަކެއް ފެނިއްޖެއެވެ.

ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލަށް ހޯދުނު މި ބައިތަކުގެ ތެރޭގައި ސިއްރު ބިންގަރާސްތަކާއި، ފެން ދައުރުކުރުމަށް ހަދާފައިވާ މަގުތަކާއި، ގުއްބުލީ ކޮޓަރިތަކުގެ އިތުރުން މަގުބަރާއެއް ވެސް ހިމެނެއެވެ. މީގެއިތުރުން މީލާދީން ފަސްވަނަ ގަރުނުގެ ރޯމަން މަގަކާ ގުޅޭ ކަމަށް ބެލެވޭ މަގެއްވެސް ވަނީ ފެނިފައެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ މި ބިނާގެ މައި ގުއްބު މަރާމާތުކުރުމަށާއި، ބިންހެލުންތަކުން އެތަން ރައްކާތެރިކުރުމަށްޓަކައި މިދިޔަ އަހަރު ފެށި ބޮޑު މަޝްރޫޢުގެ ތެރެއިން މި ތަންތަން ފެނިފައިވާއިރު، ތުރުކީގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މިއީ މީލާދީން 537 ވަނަ އަހަރު މިހާރުގެ އާޔާ ސޯފިޔާ ބިނާކުރުމުގެ ކުރީގެ ތާރީޚާ ގުޅިފައިވާ ތަންތަނެވެ.

2025 ވަނަ އަހަރުގެ ކުރީކޮޅު ފެށި ސާފުކުރުމުގެ މަސައްކަތުގައި ޒަމާނީ ލޭޒަރ ސްކޭނިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާތަނަށް ވަނީ ގާތްގަނޑަކަށް 3،000 ޓަނުގެ ކުންޏާއި ވެލި ނަގައި، 420 މީޓަރުގެ ބިންގަރާސް ސަރަހައްދެއް ސާފުކޮށްފައެވެ. ދިރާސާކުރާ ފަރާތްތަކުން ވަނީ ނުވަ ބިންގަރާހަކުން ގުޅިފައިވާ ހަ ކޮޓަރިއެއް މިހާތަނަށް ދެނެގަނެފައެވެ. އޭގެ ތެރެއިން އެންމެ ދިގު މަގުގެ ދިގުމިނުގައި ގާތްގަނޑަކަށް 180 މީޓަރު ހުރިއިރު، މި ބިންގަރާސްތަކުގެ މުޅި ވިއުގަ އެތައް ކިލޯމީޓަރަކަށް ފެތުރިފައި އޮވެދާނެ ކަމަށް ލަފާކުރެވެއެވެ.

ތުރުކީވިލާތުގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެތު ނޫރީ އެރްސޯއީ ވިދާޅުވީ، ތާރީޚުގެ އެކި ޒަމާންތަކުގައި މި ބިންގަރާސްތައް ބޭނުންކޮށްފައިވަނީ ސާފުފެން ފޯރުކޮށްދިނުމަށާއި ވާރޭފެން ހިންދުމުގެ ނިޒާމެއްގެ ގޮތުގައެވެ. މީގެއިތުރުން 'ވިޒިއަރސް ގާޑަން' ގެ ފަސް ފޫޓު އަޑިން، ޗަކަތަކުގެ ތެރެއިން ފެނުނު ރޯމަން ޒަމާނުގެ މަހާނަ ކޮޓަރިއަކީ މި ބިނާގެ ދަށުގައިވާ ތާރީޚީ ފަށަލަތައް ދެނެގަތުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިޒަންޓައިން އެމްޕެރަރ ޖަސްޓީނިއަން އެކެއްގެ ވެރިކަމުގައި ބިނާކުރި އާޔާ ސޯފިޔާއަކީ ތާރީޚީ އެތައް ބަދަލުތަކެއް ދެކެފައިވާ ތަނެކެވެ. ކުރިން ފައްޅިއެއްގެ ގޮތުގައާއި، ދާރުލްއާސާރެއްގެ ގޮތުގައި ބެލެހެއްޓުމަށްފަހު، 2020 ވަނަ އަހަރު އަލުން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ މި ބިނާގެ ބިމުއަޑީގެ ސަރަހައްދުތަކުގެ ތެރެއިން އެކަށީގެންވާ ބައިތައް ޢާންމުންނަށް ޒިޔާރަތްކުރެވޭނެހެން ހުޅުވާލުމާމެދު ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.

ތާރީޚު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ވެޓިކަންގެ ސެއިންޓް ޕީޓަރސް ބެސިލިކާގެ އަޑީގައިވާ ބިންގަރާސްތަކެކޭ އެއްފަދައިން މި ތަންތަން ހުޅުވާލުމަކީ އިސްތަންބޫލްގެ ޘަޤާފީ އަދި ތާރީޚީ ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މި ތަންތަން ޢާންމުންނަށް ހުޅުވާލާނެ ވަކި ތާރީޚެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް