މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މ)
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މ)
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެ ކުރުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވް ގޭސް ކުންފުނިން ނިންމައިފިއެވެ.

މޯލްޑިވް ގޭހުން ބުނީ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު ދެން ގޭސް ދޫކުރަމުންދާނީ 10 ކިލޯގެ ފުޅިއަކަށް 7 ކިލޯގެ ގޭސް، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭހެވެ.

ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރި ނަމަވެސް، ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުންދާނީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބަލައި، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެގެން ނުދާނެ ކަމުގެ ޔަގީންކަން މޯލްޑިވް ގޭހުން ވަނީ ދީފައެވެ.

ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލެން މެދުވެރިވީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުންނެވެ. މި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭސް ދައުރުކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަނީ އަސްކަރީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ހާލަތުގެ ސަބަބުން ގޭހުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ގޭހުން ފާހަގަކުރިއެވެ. އެ މަސައްކަތް އެއްކޮށް ނިމުމުން، ރާއްޖެއަށް ތިން މަސްދުވަހަށް ބޭނުންވާ މިންވަރަށް ގޭސް އެއްފަހަރާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މޯލްޑިވް ގޭހުން އިތުރަށް ބުނެފައިވަނީ، ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކާއި ދަތި ހާލަތްތަކުގައި ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަންޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މޯލްޑިވް ގޭހުން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު