އިނގިރޭސި ވިިލާތުގައި މަސައްކަތް ކުރާ ޞިއްޙީ އެހީތެރިއަކު މީހަކަށް އެހީތެރިވަނީ
އިނގިރޭސި ވިިލާތުގައި މަސައްކަތް ކުރާ ޞިއްޙީ އެހީތެރިއަކު މީހަކަށް އެހީތެރިވަނީ
އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތް ސާރވިސަސް، އެންއެޗްއެސް އިން ބުނަމުންދާ އަދަދަށްވުރެ ގިނަ މީހުން ކޯވިޑް-19 ގައި މަރުވަމުންދާކަމަށް އެގައުމުގެ ޤައުމީ ތަފާސްހިސާބާ ބެހޭ އޮފީހުގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.

ޤައުމީ ތަފާސް ހިސާބާ ބެހޭ އޮފީހުގެ ރިޕީޓްތަކާއި ހަވާލާދީ އަރަބް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭޕްރިލް މަހުގެ ތިންވަނަ ދުވަހާއި ހަމައަށް އެންއެޗްއެސް އިން ރިޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތުން ބަލީގައި 5186 މަރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެތާރީޚާއި ހަމައަށް އެގައުމުގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދަކީ 5979 ކަމަށްބުނެ ޤައުމީ ތަފާސް ހިސާބާބެހޭ އޮފީހުން ބުނީ މިއީ އެންއެޗްއެސް އިން ރިޕޯޓުކުރި އަދަދަށްވުރެ 15 އިންސައްތަ އިތުރުއަދަދެއްކަމަށެވެ.

މީގެއިތުރުން ޤައުމީ ތަފާސްހިސާބާ ބެހޭ އޮފީހުން ބުނީ ސަރުކާރުން އާންމުކުރާ އަދަދުތަކަކީ ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި މަރުވާ މީހުންގެ އަދަދުކަމަށާއި، އެ އޮފީހުން ނެރޭ އަދަދުތަކަކީ ނަރސިންގ ހޯމްތަކާއި، އެހެނިހެން ހާލަތްތަކުގައި ވައިރަހުގެ ސަބަބުން މަރުވިކަމަށް ޝައްކުކުރެވޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ނެރޭ އަދަދުތަކެއް ކަމަށެވެ. އެ އޮފީހުން ބުނީ ކޯވިޑް-19ގެ ސަބަބުން މަރުވި ދިހައެއް އިންސައްތަ މީހުން މަރުވެފައިވަނީ ހޮސްޕިޓަލުން ބޭރުގައި ކަމަށެވެ.

ހޯމަ ދުވަހާއި ހަމައަށް ވައިރަސް ޖެހިގެން 11،329 މީހުން މަރުވެފައިވާކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ރިޕޯޓުކޮށްފައެވެ.

އަރަބް ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގެ މުވައްޒަފުން ބުނަމުންގެންދާ ގޮތުގައި އެތަންތަނުގައި ވައިރަހުން މަރުވާ ދުވަސްވީ މީހުންގެ އަދަދު ސަރުކާރުން އޮޅުވާލާކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ދުވަސްވީމީހުން ބަލަހައްޓާތަނެއްގެ ވެރިއަކު ބުނެފައިވާ ގޮތުގައި ދުވަސްވީ މީހުންގެ ތެރެއިން ވައިރަހުން މަރުވެފައިވާކަމަށް ސަރުކާރުން ރިޕޯޓުކޮށްފައިވާ އަދަދަށްވުރެ މާގިނައިން އެމީހުން މަރުވާކަމަށާއި މަރުވާ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ދުވަސްވީ މީހުންކަމަށް އަރަބް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ކުރީގެ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރޮސް އަލްޓްމަން ވިދާޅުވީ ވައިރަސް ޖެހޭ ދުވަސްވީ މީހުންނާމެދު ފަރުވާކުޑަކުރެވެމުންދާ ކަމަށާއި، ރަނގަޅު މުޖުތަމަޢެއްގެ މިސާލަކީ އެ ތަނެއްގައި އެންމެ ނިކަމެތި އަދި އެހީއަށް އެންމެ ބޭނުންވާ ފަރާތްތަކަށް އަޅާލުންކަމުގައެވެ.

އިނގިރޭސި ވިލާތުގައި ކޯވިޑް-19 އަށް 93,873 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެގައުމުން މަރުވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވަނީ 12,107 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން