މަބްރޫކާ އާއި ޑރ. ނަޒްލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކާ އާއި ޑރ. ނަޒްލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މިހާރު ހަލުއިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ރޯގާބަލިމަޑުކަން ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެއްޖެނަމަ ނުވަތަ މުޖުތަމަޢުގެ ތެރޭގައި ބަލިފެތުރޭން ފަށައިފިނަމަ މުޅި ރާއްޖެއިން 98501 މީހުންނަށް ބަލި ޖެހޭނެ ކަމަށް އެޗްޕީއޭގެ ދިރާސާއިން ދައްކާ ކަމުގައި ކޯވިޑް-19 އާއި ބެހޭ މައުލޫމާތު ދެއްވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ނޫސްވެރިންނާ ހިއްސާކުރި އެޗްޕީއޭގެ ދިރާސާގައި ބުނެފައި ވަނީ އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖޭގެ އާބާދީގެ 60 އާއި 70 އިންސައްތަ އާއި ދެމެދުގެ އަދަދެއްގެ މީހުންނަށް ބަލިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ މަޢުލޫމާތުގައި ވަނީ ފަތުރުވެރިންނާއި، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާއެކު ރާއްޖޭގެ އާބާދީ 687،426 އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރެންފަށާތާ 35 ދުވަހުގެ ތެރޭގައި 2500 މީހުންނަށް ބަލިޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ. ޑރ.ނަޒްލާ ވަނީ ރާއްޖޭގައި މި ބަލި ފެތުރޭނެގޮތުގެ އަންދާޒާއެއްވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މާލޭގައި އެކަނި 46،627 މީހަކަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، ހއ، ހދ އަދި ށ. އަތޮޅުން 9،938 މީހުންނާއި، ނ، ރ، ބ އަދި ޅ. އަތޮޅުން 11،356 މީހުންނާއި، ކ، އއ، އދ އަދި ވ. އަތޮޅުން 10،567 މީހުން ބައްޔަށް ފައްސިވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. މީގެ އިތުރުން މ، ފ، ދ، ތ އަދި ލ. އަތޮޅުން 8،639 މީހުންނާއި، ގއ އަދި ގދ. އަތޮޅުން 4،996 މީހުންނާއި، ސ އަދި ޏ. އަތޮޅުން 6،378 މީހުން ފައްސި ވާނެ ކަމަށް ވެސް މި ދިރާސާގައި ލަފާކޮށްފައި ވެއެވެ.

އެހެންކަމުން މި ބަލީގެ ނުރައްކާތެރި ކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން މިރޭވެސް އިލްތިމާސްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން