ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ބަލީގެ ތޫފާން ރާއްޖެއަށް އަރައިފި ކަމަށާއި މިވަގުތު މުހިންމީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެބުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިއާއެކު ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާންމުންގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހިންމީ އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރުން ކަމަށެވެ.

"އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރައްވާ، ރައްކާތެރިވެ ތިއްބަވާ. އެކީގައި ދުއާ ކުރައްވާ. މިބަލިން ރަނގަޅުވާނީ ވެސް އެކީގައި، ފައްސިކޮށް ވިސްނަވާ އަދި އެކަކު އަނެކަކަށް މިފަދަ ހާލަތްތަކުގައި ވެސް އެހީތެރިވެލައްވާ. ﷲގެ އިރާދަފުޅާއެކު މިކަމުން އަޅުގަނޑުމެން އަރައިގަންނާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު މާލެއިން ބައްޔަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. މިއީ މާލޭ ތެރެއިން ފައްސިވި ފުރަތަމަ މީހާއެވެ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ފައްސިވި 6 ވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނީ އޭނާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން