ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
މާލޭގައި ދިރިއުޅޭ ދިވެއްސަކު، ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކީރިތި ކުރައްވަމުން ދިވެހި ރައްޔިތުންނަށް ހިތްވަރު ދެއްވައި ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކު، މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ޢަމަލުކުރުމަށް ނިންމާފައިވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވައި މިއަދު މެންދުރުފަހު ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމާއި އަދި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމެވެ.

އަދި މިދަނޑިވަޅުގައި އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށާއި ކެތްތެރިކަން އިސްކުރައްވައި އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިބައްޔަށް ޕޮޒިޓިވްވި މީހާގެ ޓެސްޓުގެ ނަތީޖާ މިއަދު ލިބުމާއެކު ބައްޔަށް ޕޮޒިޓިވް ވާ ހުރިހާ މީހުންނާމެދުވެސް ޢަމަލުކުރާ އުސޫލުން، މިހާރު ކަންކަން ކުރަމުން އަންނަ ކަމުގައެވެ. އަދި މިހާތަނަށް އެނގިފައިވާ މަޢުލޫމާތުން، މި ބައްޔަށް ޕޮޒިޓިވްވި މީހަކީ އެއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމާއި އަދި މި ބައްޔަށް ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވިކަންވެސް އެނގިފައެއް ނެތް މީހެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭނާއާ ސީދާ ބައްދަލުވި މީހުން ދެނެގަނެވިފައިވާކަމަށާއި އޭގެ އިތުރުންވެސް އެކިއެކި ގޮތްގޮތުން އޭނާއާ ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެޗްޕީއޭއިން ލަފާ ދީފައިވާ 11 މީހެއްގެ ސާމްޕަލްވެސް މިހާރު ނަގާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށާއި ވަކިން ޚާއްސަކޮށް މާލެތެރެއިން، އެންމެ މީހަކު ވިޔަސް މި ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި ސަރުކާރުން ތައްޔާރުވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މި ޚަބަރު ލިބުމާއެކު އެމަނިކުފާނު މިއަދު ހެނދުނު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ އަދި ދައުލަތުގެ މުހިއްމު އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައިވާކަމަށާއި އެގޮތުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި ދައުލަތުގެ އިސް ވެރިންގެ ލަފަޔާއެކު އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން، 24 ގަޑިއިރަށް މާލެ ވަގުތީ ގޮތުން ލޮކްޑައުންކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އެހެން މީހަކު ކާށިދުއަށް ދަތުރުކޮށްފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްޓަކައި، ކާށިދޫވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ތަންފީޒުކުރުމުގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާއިރު ދިވެހި ރައްޔިތުންގެ ކެތްތެރިކަމާއެކު މިކަމަށް އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމާ ގުޅިގެން ޢާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާކަމަށާއި ނަމަވެސް މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައެވެ. އަދި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އެކުގައި މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެކަން އެމަނިކުފާނު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތު މާލޭގައި ބަދަލުވެފައިވާއިރު ކާބޯތަކެއްޗާއި ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާއި މިނޫންވެސް ހުރިހާ ތަކެއްޗެއްގެ ސްޓޮކް ރަނގަޅު މިންވަރަކަށް އެބަހުރިކަމަށާއި މިފަދަ ޙާލަތުގައިވެސް ޒަރޫރީ ބޭނުންތައް ފުއްދޭނެ ފަދަ ގޮތްތައް އިދާރާތަކުން ރާވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުގެ ތަފްސީލުތައް އެ އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށާއި، މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން