އަފްޣާނިސްތާނުގައި ތިބޭ އެމެރިކާގެ ސިފައިން އަންނަ ޖެނުއަރީ މަހުން ފެށިގެން މަދުކުރުމަށް ރައީސް ޓްރަމްޕް ނިންމަވައިފިއެވެ.

މިގޮތުން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 4500 ސިފައިން، 2500 އަށް މަދުކުރާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރަށްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ޓްރަމްޕް ގެ މިނިންމުމާމެދު އެމެރިކާގެ ގިނަ ސިޔާސީވެެރިންވަނީ ފާޑުވިދާޅުވެފައެވެ. މިގޮތުން މިފަދަ ނިންމެމުމަކީ ތާލިބާނުންނާއެކީ ސުލްހައިގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި އިތުރުގޮންޖެހުންތަކެއް ކުރިމަތިވުމުގެ ބިރު އޮތް ކަމެއް ކަމަށް ސިޔާސީވެެރިންވަނީ ލަފާ ކުރައްވާފައެވެ.

އެމެރިކާގެ ސަރުކާރު ހިންގާ ރިޕަބްލިކަން ޕާޓީގެ އިސްވެރިންވެސް މިއީ ރަނގަޅު ނިންމުމެއް ނޫންކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން ތާލިބާނުންނާއެކީ ސުލްހައިގެ ވާހަކަތައް ދެކެވެމުންދާ ވަގުތެއްގައި މިހާތަނަށް އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ތާލިބާނުން އަމަލު ނުކުރާ އިރު ސިފައިން މަދުކުރުމުން ސުލްހައިގެ ވާހަކަތަކަށް އިތުރު ހުރަސް އެޅިދާނެކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ވަގުތީ ގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ކަމާ ހަވާލުވެ ހުންނެވި ކްރިސްޓޮފާ މިލާ ވިދާޅުވެފައިވާގޮތުން އަފްޣާނިސްތާނުގެ އިތުރުން އިރާގުގައި ތިބި އެމެރިކާގެ ސިފައިންވެސް މަދުކުރުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން އެމެރިކާގެ ސިފައިން މަދުކުރުމަށްފަހު، އިރާގުގައި ވެސް ތިބޭނީ އަފްޣާނިސްތާނެކޭ އެއްފަދައިން 2500 އެމެރިކާ ސިފައިންކަމަށް ކްރިސްޓޮފާ މިލާ ވިދާޅުވެފައިވެއެވެ.

އަފްޣާނިސްތާނުގެ އިތުރުން އިރާގުގައި ތިބި އެމެރިކާގެ ސިފައިން މަދުކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން