އަހުމަދު ޔާމިން   19 ނޮވެމްބަރު 2020 - 16:21
ރެހެންދި އެވޯޑް ޙާސިލް ކޮށްފައިވާ ފަރާތްތައް
ރެހެންދި އެވޯޑް ޙާސިލް ކޮށްފައިވާ ފަރާތްތައް
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ރެހެންދި އެވޯޑް މިއަހަރު 7 ކަނބަލަކަށް ލިބިއްޖެއެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް ދެމުންދާ އެވޯޑެކެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ޤައުމީ ޚިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުންވެސް މި އެވޯޑު ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަހަރު އެވޯޑަށް ހޮވިފައިވަނީ ޖުމްލަ 2 ދާއިރާއަކުން 7 ބޭފުޅުންނެވެ. އެގޮތުން އިޖްތިމާޢީ ދާއިރާއިން އެވޯޑް ލިބިފައިވަނީ، ފާތިމަތު އިބްރާހިމް އާއި، އަލްއުސްތާޛާ މަރްޔަމް ޝުނާނާ އަށެވެ. ޚިދުމަތުގެ ދާއިރާއިން ހައްވާ ލަތީފާއި، އާމިނަތު އަމީނާ އާއި، ޝިފްޒާ މުޞްޠަފާ އާއި، ޢާއިޝަތު ޙުސައިން މަނިކުގެ އިތުރުން މިންހާ ފާއިޒު ރަޝާދަށެވެ.



ރެހެންދި އެވޯޑަށް ބޭފުޅުން ހޮވަނީ، އެކަމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އިން އެކުލަވާލާފައިވާ ރެހެންދި އެވޯޑު ކޮމިޓީންނެވެ.

ކޮންމެ އަހަރަކު މި އެވޯޑު ހަވާލުކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ރަސްމީ ޖަލްސާގައެވެ. ނަމަވެސް، ކޯވިޑް–19 އާ ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން މި އަހަރުގެ އެވޯޑް ދިނުމުގެ ޙަފްލާ ވަނީ ފަސްކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން