ބިލް ގޭޓްސް
ބިލް ގޭޓްސް
ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް އެމެރިކާއިން ދޭ ފަންޑިންގ ހުއްޓާލުމަކީ ހީކުރާވަރަށްވުރެ ބޮޑު ބިރުވެރިކަމެއްކަމަށް މައިކްރޯސޮފްޓް ގެ ބާނީ ބިލް ގޭޓްސް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯއަށް އެމެރިކާއިން ދޭ ފަންޑިންގ ކުރިއަށް އޮތް 60 ދުވަހާއި 90 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ކަނޑާލަން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވުމާއި ގުޅިގެން ގިނަ ފަރާތްތަކަކުން ނުރުހުން ފާޅުކުރަމުންދާއިރު، މިއަދު ބިލް ގޭޓްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯއަށް ދޭ ފަނޑިންގ ކަނޑާލުމަކީ ވަރަށް ބިރުވެރިކަމެއްކަމަށެވެ.

ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާއިރު، ވައިރަސް ފެތުރުން މަޑުވަމުންދަނީ ޑަބްލިއުއެޗްއޯގެ ބުރަ މަސައްކަތުންކަމަށް ގޭޓްސް ވަނީ ވިދާޅުވެފައެވެ. އަދި އެ ޖަމިއްޔާގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެނަމަ، އެމީހުންގެ ބަދަލުގައި މި މަސައްކަތް ކުރާނެ އިތުރު ފަރާތެއް ނެތްކަން ފާހަގަކުރައްވާ ގޭޓްސް ވިދާޅުވީ ދުނިޔެއަށް ޑަބްލިއުއެޗްއޯގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވަނީ މިވަގުތުގައި ކަމަށެވެ.

އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޑަބްލިއުއެޗްއޯއަށް އެގައުމުން ދޭ ފަނޑިންގ ކުރިއަށް އޮތް 2 މަހާއި 3 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. ޓްރަމްޕް ވިދާޅުވީ މި މުއްދަތުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތު ޑަބްލިއުއެޗްއޯއިން ބަލަހައްޓާ، އެހެން ގައުމުތަކަށް ވައިރަސް ފެތުރޭކަމުގެ މައުލޫމާތު ދިނުމުގައި ފަރުވާކުޑަ ކޮށްފައިވާތީ އެކަންކަން ރިވިއުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

އެންމެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމަކީ އެމެރިކާކަމުގައި ވާއިރު، މިހާތަނަށް އެގައުމުން 616,168 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރުވަނީ 26,200 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން