ބަންގްްކަދޭޝް ސަރުކާރުން ރާއްޖެއަށް ދޭ އެހީގެ ސާމާނު ބަރުކުރަނީ
ބަންގްްކަދޭޝް ސަރުކާރުން ރާއްޖެއަށް ދޭ އެހީގެ ސާމާނު ބަރުކުރަނީ
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް ހިލޭ އެހީގެ ގޮތުގައި ބަންގްލަދޭޝް ސަރުކާރުން ހަދިޔާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތައް ހިމެނޭ ކަމަށެވެ.

އަދި ބައެއް މެޑިކަލް އިކުއިޕްމަންޓްސްވެސް ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ބުނެފައިވެެއެވެ. މި އެހީގެ ޖުމްލަ ބަރުދަން 100 ޓަނަށް އަރައެވެ. އެހީގެ މި ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ކަނޑު ސިފައިންގެ މަނަވަރެއް ރާއްޖެއަށް އައުމަށް މިއަދު ވަނީ ފުރާފައެވެ.

ރާއްޖެއަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ ގޮތުންނާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާކުދިން އަނބުރާ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން މިދިޔަ ދެ ހަފުތާ ތެރޭގައި ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގުޅުއްވައި މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން ރާއްޖޭގައި ތިބި ބަންގްލަދޭޝް ރައްޔިތުންނަށް ވެސް އެހީ ފޯރުކޮށްދޭން އެޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން