ފާތިމަތު އަޒްލިފާ (އަޒޫ) އާއި އޭނަގެ ކޮއްކޮ އިއުފާ އަޙުމަދު
ފާތިމަތު އަޒްލިފާ (އަޒޫ) އާއި އޭނަގެ ކޮއްކޮ އިއުފާ އަޙުމަދު
ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ފާދިއްޕޮޅު ނައިފަރުގެ މަގުތަށް ހަލާކުވެ އަޑިގުޑަންވުމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ތަކުލީފްތަކެއް އުފުލަންޖެހިފައެވެ. ގިނަ ދުވަސްތަކެއްވެ ހައްލެއް ލިބިފައިނުވާ މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެރަށުގެޒުވާނުންވަނީ ދާދި ފަހުން "މަގުތައް އޯކޭނޫން" ކަމަށް ބުނެ އިހުތިޖާޖު ވެސް ކޮށްފައިވެއެވެ.

"ޗަކަ ޗަކަ ވަޅުގަނޑަކަށް ކައްސޭލީ" އަދި "މޭބަދަ ގޮވައިފި މަގުތައް ހަދޭދީ" ފަދަ ޝިއާރުތަކާއެކު ޒުވާނުން ކުރި އިހުތިޖާޖުގައި އެމީހުން ބުނެފައިވަނީ މަގުތައް އޯކޭ ނޫން ކަމަށާއި ނައިފަރުގެ ރައްޔިތުންނަށް ހައްގު މިންވަރަކީ މިއީ ނޫން ކަމަށެވެ. އަދި ވަގުތީ ގޮތުން މަގުތަކަށް ވެލިއަޅާ އެއްވަރު ކޮށްދިނުމަށް ވެސް ޒުވާނުން ގޮވާލާފައިވެއެވެ.

މިވަރުންވެސް އަދި ފުދުނީއެއް ނޫނެވެ. އެންމެފަހުން ސަރުކާރުގެ ސަމާލު ކަމަށް މިކަން ގެނައުމަށް ޅ. ނައިފަރަށް އުފަން ފާތިމަތު އަޒްލިފާ (އަޒޫ) އާއި އޭނާގެ ކޮއްކޮ އިއުފާ އަޙުމަދު އަރީފް ޓިކްޓޮކް އަށް ދޫކޮށްލި ވީޑިއޯއެއް މިހާރު ވަނީ ވައިރަލްވެފައެވެ.

ގިނަބަޔަކު ބޭނުންކުރާ ޓިކްޓޮކް ގައި އަޒޫ އާއި އިއުފާއަށް ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާއިރު އެމީހުންނަކީ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބެމުންދާ ބައެކެވެ. އެކަމުގެ މައިގަނޑު ސަބަބަކީ އަޒޫ އާއި ކޮއްކޮ އިއުފާގެ ޓިކްޓޮކް ވީޑިއޯތައް އެހެން މީހުން ކުޅޭ ވީޑިއޯތަކާއި ތަފާތު ކަމާއި އެމީހުންގެ އުފެއްދުންތައް ސަޅިވެފައި ހުނަރުވެރިކަމެވެ.

އެގޮތުން ނައިފަރުގެ މަގުތަކާއި ބެހޭ ގޮތުން އަޒޫ އާއި އިއުފާ ޓިކްޓޮކް އަށް ދޫކޮށްލި ވީޑިއޯއިން އެމީހުން ދޭންބޭނުންވާ މެސެޖް ފޯރުކޮށްދީފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. މި ވީޑިއޯގައި ނައިފަރުގެ މަގުތަކުގެ އެހާރާއި މިހާރު ސިފަކޮށްދީފައިވެއެވެ.

ވީޑިއޯ ފަށަމުން އިއުފާ ބުނަނީ އެހެރި ގޯތި ފުރާޅު އޯކޭ ކަމަށެވެ. އެކަމާއި ގުޅުވައި ތިހަރަ ގޯތި ސަންފާފުޅު ވެސް އޯކޭ ކަމަށް އަޒޫ ބުނެ އެވެ. އަދި ކަތީބާ އިންނަން ހައްވާފުޅު ވެސް އޯކޭ ކަމަށް އިއުފާ ބުނެއެވެ. އެކަމު މިރަށުގެ މަގުތަށް، އެހެން ބުނުމާއެކު އަޒޫ ބިންމައްޗަށް ވެއްޓެއެވެ. އެވަގުތު އިއުފާ ބުނީ އެކަމަކު މިރަށު މަގުތަށް އޯކޭ ނޫން ކަމަށެވެ.

"ތެދެކޭ އެއީ ސައިކަލު ދުއްވާ މީހުންނަށް އެގޭނެ އެއިގެ ހަގީގަތް، ވަޅުގަނޑުތަށް ގިނަ ހަނދުކަމަށް ހީކޮށް އެސްނޯޓުން ވެސް ނައިފަރަށް ފޭބީ، ވާރޭ ކޮޅެއް ވެހިލާފިއްޔާ މިރަށުގެ ނަރުދަމާ އެކޭ ނަރުނުދަމާ އެކޭ އެއްވަރު. ވިއްސާރަ ދުވަހެއް ވިއްޔާ މިއީ ހާލަކީ، ފިޔާ ކޮޅެއް ގަނެގެންވެސް ގެއަށް އާދެވޭނީ މިހެން." ޗަކަ ފެނުން ފެންވަރައިގެން އަންނަ މީހެއްގެ ފޮޓޯއާއެކު ނައިފަރުގެ މަގުތަކުގެ ހާލަތު ސިފަކޮށްދެމުން އަޒޫ ބުނެފައިވެއެވެ.



މަޖާޒީ ގޮތުން ވީޑިއޯގައި އަޒޫ ބުނެފައިވަނީ ރެދަންލަނީ ރ. ވާދޫގައި އެކަނި ނޫން ކަމަށެވެ. ނައިފަރުގައި ވެސް ރެދަންލާ ކަމަށާއި، އެތަން ބަލާލަން އައުމަށް އަޒޫ ދައުވަތު ދެއެވެ. ވީޑިއޯގައި އަޒޫ ބުނެފައިވަނީ މަގުތަށް ހައްލު ކުރާ ވާހަކަ އަގައިން ބުނެގެން ނައިފަރު މީހުން ގަބޫލު ނުކުރާނެ ކަމަށެވެ. މީގެ އިތުރުން ރަށްރަށުގައި އޮންނަ ރީތި ކަނޑޫފާ "ކުޅި" ތަކާއި ގުޅުވާލައި ނައިފަރު ވާރޭވެހި ޗަކަހެދުމުން އުފެދޭ ކުޅި އާއި އަޒޫ އަޅާކިޔައެވެ.

"ހައްލު ކުރާ ވާހަކަ އަގައިން ބުނެގެން ނައިފަރު މީހުން ގަބޫލެއް ނުކުރާނެ، ނޮނޮނޯ އަމަލުން ދެއްކީމަ ދޯ ބުރަކަށި ހަމަޖައްސާލެވޭނީ މިއޮއް ގުޑު ގުޑު އަޅާއިރު، ނައިފަރު މަގުތަށް އޯކޭތަ؟" ނައިފަރު މަގުތަކުގެ ފޮޓޯތައް ހިމަނައިގެން ކުޅެފައިވާ ވީޑިއޯ ނިއްމާލަމުން އަޒޫ ބުނެ އެވެ.

ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން މަގުތައް ހަލާކުވެ، ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ގަރާރެއް މީގެ ކުރިން ވަނީ ހުށައަޅުއްވާފައެވެ.

ޅ. ނައިފަރު މަގުތައް ހެދުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 1.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ނައިފަރުގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށްދެއްވާނެ ކަމަށް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ނައިފަރު މަގުހެދުމުގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައި ކަމަށް ފިނޭންސް އިން މަޖިލީހަށް ހުށަހެޅި ބަޖެޓު ތަފްސީލުގައި ބުނެފައިވެއެވެ. އެ މަސައްކަތް ނިންމުމަށް މިހާރު ވަނީ އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން