މިއަދުގެ ލޮކްޑައުންގައި މާލޭގެ މަގެއް ހުސްކޮށް އެއްވެސް ހަރަކާތެއްނެތި
މިއަދުގެ ލޮކްޑައުންގައި މާލޭގެ މަގެއް ހުސްކޮށް އެއްވެސް ހަރަކާތެއްނެތި
މާލެ ލޮކްޑައުން ކުރުމަށް ނިންމާފައިވާ ނިންމުމާމެދު އިތުރަށް އަމަލުކުރާނެ ގޮތްތަކެއް މާދަމާ ނިންމާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއައިއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވް ދިވެއްސަކު މިއަދު މާލެއިން ފެނިފައިވާތީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅަމުންދާ ކަމަށެވެ. އެގޮތުން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރުމަށް ނިންމި ނިންމުމަކީ ކޮންޓެކްޓް ޓްރޭސިންއަށް ވަގުތު ހޯދުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މި ލޮކްޑައުން ކުރީ އަޅުގަނޑުމެން ކުރަންޖެހޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، އިތުރަށް ފިޔަވަޅު އެޅުމަށް ވަގުތު ހޯދުމުގެ ގޮތުން. އެހެންވީމާ މާދަމާ ހިސާބަށް ދިޔައީމަ އެނގޭނެ ކާފިއު ނުވަތަ ލޮކްޑައުން ކުރިއަށް ގެންދާނީތޯ." ޑރ. ލަތީފް ވިދާޅުވި އެވެ.

ޑރ. ލަތީފް ވިދާޅުވީ މާލެއިން މީހަކު ޕޮޒިޓިވްވުމަކީ މުޅި މާލެ 14 ދުވަހަށް ކަރަންޓީން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ނަމަވެސް ބަލި ފެތުރެން ފަށައިފިނަމަ މާލެ ލޮކްޑައުން ކުރަންޖެހޭނީ 14 ދުވަހަކަށް ނޫން ކަމަށާ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ލޮކްޑައުން ކުރަންޖެހިދާނެ ކަމަށެވެ.

"މާލެއިން ބަލި މީހަކު ފެނިގެން މުޅި މާލެ 14 ދުވަހަށް ކަރަންޓީން ކުރާކަށް ނުޖެހޭނެ. މާލެ ލޮކްޑައުން އަކަށްދާކަށް ނުޖެހޭނެ. ނަމަވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައްޖެނަމަ މުޅި މާލެވެސް ލޮކްޑައުން ކުރަން ޖެހިދާނެއޭ އެތައް ދުވަހެއް ވަންދެން. އެއީ 14 ދުވަހެއް ނޫން. ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ލޮކްޑައުން ކުރާއިރު އެކަމުގެ އެންމެ ބޮޑު ފައިދާއެއް މި ލިބެނީ ދިގު މުއްދަތަކަށް ލޮކްޑައުން ކުރުމުން. އެހެން ނަމަވެސް އެކަން ކުރަންޖެހޭނީ އެފަދަ ހާލަތެއް އަތުވެއްޖެއްޔާ." ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާއިރު، ލޮކްޑައުން ވަގުތުގައި ބޭރުގައި އުޅޭ ފަރާތްތައް 14 ދުވަހަށް ކަރަންޓީން ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން