ދިވެހި ޚާރިޖީ އޮފީސް
ދިވެހި ޚާރިޖީ އޮފީސް
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަން ފޫބެއްދުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ތެރެއިން އެހީތެރިކަން ހޯދުމަށް އެދެން ސަރުކާރުން ނިންމައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީން ކަނޑައަޅާފައިވާ ޚާއްޞަ ފަންޑުން އެހީ ހޯދުމަށް ޕްރޮޕޯސަލެއް ހުށަހަޅާނެކަން ހާމަކުރައްވާފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އދ.ގެ އަންޑާ ސެކްރެޓަރީ އަދި ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓަރ، އާޗިން ސްޓެއިނާއާ އިއްޔެ ހަވީރު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައެވެ.

އެގޮތުން މިނިސްޓަރު ޝާހިދުވަނީ ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް ތަފްސީލުކޮށް ދެއްވައިފައެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއް ކަމަށާއި، ކޯވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓިފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައްޔަށް ޕޮޒިޓިވް ވާ މީހުން މަދު ކުރެވިފައިވާ ކަމަށާއި ނަމަވެސް އިއްޔެ މާލެއިން ޕޮޒިޓިވް ކޭހެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ސިފަކުރަމުންދާއިރު ބައިނަލްއަޤުވާމީ އެހީ ރާއްޖެއަށް އިންތިހާއަށް ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން ކޯވިޑް-19 ގެ ސަބަބުން ގެއްލުންވެފައިވާ ގައުމުތަކަށް އެހީވުމަށް އޫއެންޑީޕީން ހުޅުވާލައިފައިވާ "ޔޫއެންޑީޕީސް ކޯވިޑް-19 އިންޓެގްރޭޓެޑް ރެސްޕޮންސް އޮފާ" އަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި އެ އެހީ ހޯދުމަށް ވަރަށް އަވަހަށް ޕްރޮޕޯސަން ހުށަހަޅާނެ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ޔޫއެންޑީޕީން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއި އދ. އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން