މާލެތެރޭގައި ކޯވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުންގެ ހާލަތު އިތުރު 24 ގަޑިއިރަށް އިތުރުކޮށްފިއެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން އިތުރު 24 ގަޑިއިރަށް މާލޭ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި ދުއްވާއެއްޗެހި ދުއްވުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ އެޗްޕީއޭ އިން ނެރުނު އެންގުމުގެ މުހުލަތު އިތުރުކޮށްފައިވާއިރު، އެ އެންގުމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުމަށާއި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް މަނީ މަނާކޮށްފައެވެ.

މިލޮކްޑައުންގެ ވަގުތުގައި އަޅާފައިވާ ފިޔަވަޅުތަކުން އިސްތިސްނާ ވާނީ ސިފައިންނާއި ފުލުހުންގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އަދި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތަކާއި ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީޑިއާތަކެވެ.

މާލެ ސިޓީގެ ލޮކްޑައުން ހާލަތުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށްއަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމުގައި ވެސް އެޗްޕީއޭގެ އެންގުމުގައި ވެއެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވެސް ވަނީ އަންގަވާފައެވެ.

މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގަވާފައި ވެއެވެ.

މާލެއިން ވޭތުވެ ދިޔަ 24 ގަޑީއިރު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް 3 މީހުން ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން