އެމެރިކާާގެ ރައީސް ޓްރަމްޕް- ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އަށް ދޭ އެހީ ކަނޑާލަނީ
އެމެރިކާާގެ ރައީސް ޓްރަމްޕް- ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އަށް ދޭ އެހީ ކަނޑާލަނީ
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ ހިންގުމަށް ގައުމުތަކުންދޭ ފައިސާގެ ބޮޑުބައެއް ހަދިޔާކުރާ، އެމެރިކާއިން ކުރިއަށް އޮތް ދުވަސްތަކުގައި އެޖަމިއްޔާއަށް އެއްވެސް ފައިސާއެއް ނުދިނުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތާއި ހިލާފަށް ކުރެވޭ ބޮޑު ކުށެއްކަމަށް ސިއްހީ ހިދުމަތްތެރިން ސިފަކޮށްފިއެވެ.

ޓްރަމްޕްގެ ނިންމެވުމަށް ފާޑުކިޔުން އަމާޒުވަމުންދާ މިދަނޑިވަޅުގައި ލާންސެޓް މެޑިކަލް ޖާނަލްގެ އިސް އެޑިޓަރ ރިޗާޑް ހޯޓަން ވިދާޅުވީ މިނިންމުމަކީ އިންސާނިއްޔަތާ ދެކޮޅަށް ކުރެވޭ ކުށެއް ކަމަށާއި، ކޮންމެ ސައިންސްވެރިއެއް، ކޮންމެ ސިއްހީ ހިދުމަތްތެރިއެއް، އަދި ކޮންމެ ފަރުދެއް ވެސް ދުނިޔެވީ އެއްބައިވަންތަކަމާއި ދެކޮޅަށް ރައީސް ޓްރަމްޕް ނިންމަވާފައިވާ މި މުޑުދާރު ނިންމެވުމާއި ދެކޮޅަށް ބަސްބުނަންވާނެކަމަށެވެ.

އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޑަބްލިއުއެޗްއޯ އަށް އެގައުމުން ދޭ ފަނޑިންގ ކުރިއަށް އޮތް 2 މަހާއި 3 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތު ބަލަހައްޓުމާއި އެހެން ގައުމުތަކަށް ވައިރަސް ފެތުރޭކަމުގެ މައުލޫމާތު ދިނުމުގައި ފަރުވާކުޑަ ކޮށްފައިވާތީ އެކަންކަން ރިވިއުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ މިއީ ފަންޑިންގ ކަނޑާލައި، ކުރެވިފައިވާ ކުށްތަކާއިމެދު ސުވާލުކުރަންވީ ވަގުތުނޫން ކަމަށާއި ޑަބްލިއުއެޗްއޯއަކީ މިހާރު ފެތުރެމުން މިދާ ކޯވިޑް-19 ވައިރަހާއި ހަނގުރާމަކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ޖަމިއްޔާއެއް ކަމަށެވެ.

އެންމެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމަކީ އެމެރިކާކަމުގައި ވާއިރު، މިހާތަނަށް އެގައުމުން 616,168 މީހަކު ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރުވަނީ 26,200 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން