މަސް ދޯޯންޏެއް މަސްވެރިކަމުގައި
މަސް ދޯޯންޏެއް މަސްވެރިކަމުގައި
ކޯވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ފުރޭނެ ކަމަށާއި އެހެން ނަމަވެސް މަސްކިރަން ބަނދަރުކުރާ ރަށްރަށަށް ނުފޭބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މިޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެއް ކަމަށާއި، އަދި އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އިދާރާ އާއި، ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްޞީލު ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ރާއްޖޭގެ އެންމެހާ މަސްވެރިންނަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މިރޭ އިރުއޮއްސި 6:00 އިން ފެށިގެން އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން