ޞާދިރު ޢަލީދީދީ   12 ޑިސެމްބަރު 2020 - 12:42
ލޯބި އޭގެ އިންތިހާ
ލޯބި އޭގެ އިންތިހާ
އެޕިސޯޑް 27

...............

އެދުވަހު ދެކެވުނު ވާހަކަތަކުން ވަކިގޮތަކަށް ލަމްހާ ނުނިންމި ކަމުގައިވިޔަސް، ބައްޕައާއި މަންމަގެ އެދުން ބޮލާލާޖަހާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ.

މިއަދު އޭނާގެ ހުރިހާވެސް ހިތްވަރަކީ އެ މަންމައާއި ބައްޕައެވެ. އެހެންކަމުން، އޭނާ މަންމައާއި ބައްޕަ ގާތަކު ވަކި އެއްޗެކޭ ނުބުނެއެވެ. މަންމައާއި ބައްޕަ އެބުނާ މީހަކީ ކާކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް، އެއީ ކާކުތޯ ބަލާކަށްވެސް އޭނާއެއް ނޫޅެއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރެވެ. އާދައިގެ މަތިން ލަމްހާ ނަލަހެދިލައިގެން ކޮޓަރިން ނުކުތީ، ޓީ.ވީ.އެމް.ގެ ކާޓޫނު ގަޑިއަށެވެ. އޭނާއަކީ އާދަވެގެން ކާޓޫނުބަލާ މީހެކެވެ. ބައެއް ދުވަސްދުވަހު އޭނާގެ މަންމަ، މަގޭ ދަރި އަދިވެސް ބޮޑެއް ނުވެޔޭ ބުނެ ދިމާކުރެއެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން، ލަމްހާ ޓީ.ވީ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެ، ޓީ.ވީ ހުޅުވާލިއެވެ. ބޮޑު ކޮޓަރި ދޮރު ހުޅުވާފައި މީހަކު އެތެރެއަށް ވަނީ އެވަގުތުއެވެ.

[އައްސަލާމް ޢަލައިކުމް....] ދޮރުމަތީގައި ހުރީ، ކުރިން ދުވަހަކުވެސް ލަމްހާ ދެކެފައިނުވާ ޒުވާނެކެވެ. އޭނާ ހުރީ ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެނެވެ.

[ވަޢަލައިކުމުއް ސަލާމް....] ޓީ.ވީގެ އަޑު މަޑުކޮށްލުމަށްފަހު، ލަމްހާ ސަލާމް ބަލައިގަތެވެ.

[މަންމަވެސް ބައްޕަވެސް ނޫޅުއްވާ.] މިހެން ބުނެފައި އަނެއްކާވެސް ލަމްހާ ޓީ.ވީގެ އަޑު ޖައްސާލިއެވެ.

[ބައްޕަމެން އަންނަންދެން މަޑުކޮށްލިޔަސް ވަރިހަމަތަ؟] އެ ޒުވާނާ ސީދާ ލަމްހާގެ މޫނަށް ބަލަން ހުރެމެ، ނިކަން ސާދާގޮތަކަށް ބުންޏެވެ. ލަމްހާ ބޯޖަހާލިއެވެ. އެޒުވާނާ، ލަމްހާގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާގައި އިށީނެވެ. ނަމަވެސް، ލަމްހާ އެ ޒުވާނާއަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ އޭނާގެ ދާއިމީ އާދައިގައި ކާޓޫނު ބަލަން އިނީއެވެ.

ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކުވެސް އެޒުވާނާގެ ނަޒަރު ސީދާވެފައިވަނީ ލަމްހާއަށެވެ. ޙަޤީޤަތުގައި އޭނާ އެއިނީ ލަމްހާގެ ރީތިކަމާއި ހިތްގައިމުކަން ފެނި ޢަޖައިބުވެފައެވެ. އާއެކެވެ. މީގެކުރިން މިހާ ކައިރިން ލަމްހާއަށް ބަލައިލުމުގެ ފުރްޞަތެއް އޭނާއަށް ލިބިފައެއް ނުވެއެވެ. މިހާރު އޭނާ އެއިނީ ލަމްހާގެ ޙަޤީޤީ ރީތިކަމާއި ޗާލޫކަން ފެނި އާޝޯޚްވެފައެވެ. ޙަޤީޤަތުގައި ލަމްހާގެ ރީތިކަމަށް ތަޢްރީފު ކުރެވޭހާ ފެންވަރުވެސް އޭނާގެ ކިބައިގައި ނެތްކަމަށް އޭނާ ދެކެއެވެ. ސަބަބެއް ކަމުގައި ބެލެވެނީ، ލަމްހާއަށްޓަކައި ލިބިފައިވާ ރީތިކަމާއި ފުރިހަމަކަން ފަށުވި ޢިބާރާތަކުން ސިފަކުރަން އޭނާއަށް ނޭނގެނީއެވެ.

[ލަމްހާ....] ދިހަވަރަކަށް މިނެޓް ވަންދެން ސީދާ ލަމްހާގެ މޫނު ބަލަން އިނދެފައި، އެ ޒުވާނާ އާދެ! އަޅުގަނޑުމެންގެ ލަމްހާގެ ޙަޔާތުގެ ހުންގާނުގައި ހިފުމަށް އުއްމީދުކޮށް މަސައްކަތް ކުރަމުންދާ ވިޝާލް، ލުއި އެހެނަސް މަޢުނައިން ފުރިގެންވާފަދަ ގޮތަކަށް ލަމްހާއަށް ގޮވާލިއެވެ. ލަމްހާ އެއިން ގޮތަށް އިނދެ އެނބުރި ވިޝާލަށް ބަލައިލިއެވެ.

[ހަމަގައިމުވެސް އަހަރެން ހުވަފެނަކުންވެސް ނުދެކެން ތިޔަފަދަ ސޫރައެއް....ހީވަނީ މިސް ވާރލްޑް އައިޝްހެން.] ވިޝާލަށް ހިތާހިތާ ކިޔާލެވުނެވެ.

[އަޅުގަނޑަށް ގޮވިންތޯ؟] ލަމްހާ ވިޝާލްގެ މޫނަށް ބަލައިލުމަށްފަހު އެއްސެވެ.

[ނޫން...ނުގޮވަން...ވެދާނެ ހިތުގެ އަޑެއް ބޭރުވީ ކަމަށް.] ވިޝާލް ހިނިތުންވެލިއެވެ. ވިޝާލް އެބުނި އެއްޗެއްގެ މާނަ ނޭނގޭތީ، ލަމްހާ ކުޑަކޮށް ޙައިރާންވެފައި ހިނދުކޮޅެއް ވަންދެން އިނެވެ.

[ނުވިސްނުނުދޯ؟ ފަހުން ވިސްނޭނެ.] ވިޝާލް ލަމްހާގެ ދެލޮލުގެ ތެރެޔަށް ފީނައިގަންނަން އުޅޭކަހަލައެވެ.

[ބައްޕައާއި މަންމަ ވަރަށް ގިނައިރުވާނެ.] ލަމްހާ ބޭނުންވީ ވިޝާލް ފޮނުވާލާށެވެ.

[ވަރިހަމަ...އިންތިޒާރު ކުރަން ދަންނަން. ޚާއްޞަކޮށް، މަންޒިލަށް ވާސިލްވުމަށްޓަކައި ކުރެވޭ އިންތިޒާރުތަކަކީ ނިކަން ފޮނި އެއްޗެއް.] މިހާ ހިސާބުން ވިޝާލްގެ ބޭނުމާއި މަޤްޞަދު، ލަމްހާއަށް ރޭކާލިއެވެ. ވުމާއެކު، އޭނާ ހިމޭންވެއްޖެއެވެ. އޭނާ އަނެއްކާވެސް ޓީ.ވީ.ގެ އަޑު ކުޑަކޮށް ބާރުކޮށްލުމަށްފަހު، ޓީ.ވީއާ ދިމާއަށް އެނބުރިއްޖެއެވެ.

ސާދުނާ ކަރުކެހިލުމަށްފަހު އެތެރެއަށް ވަނީ އެވަގުތުއެވެ.

[ކިހިނެއްވީ؟ ކަރުގައި ކަށްޓެއް ޖެހުނީތަ؟] ސާދުނާ އައިސް އޭނާޔާ ދާދި ގާތުގައި އިށީނުމުން އޭނާ ބުންޏެވެ. ސާދުނާ ބަލައިލީ ވިޝާލަށެވެ. އޭނާ ކޮންމެވެސް ތަނަކުން ދުށް ހަނދާނެއްވާތީއެވެ.

[ކޮންމެވެސް ތަނަކުން ދުށް ހަނދާނެއްވޭ.] ވިސްނާލުމަށްފަހު ސާދުނާ ވިޝާލާ މުޚާޠަބު ކުރިއެވެ.

[މައްޗަންގޮޅި ބުރު ކައިރީގައި ހުންނަ ވޭ ކޫލް ކެފޭ ތެރޭގައި ކާން އިންދާ...އަހަރެން ހަމަ ރަނގަޅަށް ހަނދާން އެބަހުރި. އެތާ ހުންނަ ގަސްދޮށު މޭޒުގައި ތީނައާއި އެހެން ކޮންމެވެސް އަންހެން ކުއްޖަކާ ދެމީހުން ކާންތިބީ. އަހަރެމެންވެސް ހެންވޭރުކޮޅުގައި ތިބެފައި، އެތާނގެ ކެއުން އަގުހެޔޮވެފައި، މީރުވީމާ އެތަނަށް ކާންވަނީ....] ވިޝާލް، އޭނާގެ ހަނދާނުގައިވާ ގޮތަށް ތަފްޞީލުކޮށް، އެމަންޒަރު ސިފަކޮށްލަދިނެވެ.

[ތިބުނީ ރަނގަޅަށް...އެތާނގެ އެއްޗެތިތަކުގެ ރަހަތައް ވަރަށް ރަނގަޅު.] ސާދުނާއަށް މިހެން ބުނެވުނުއިރު، ދޮރުމަތީގައި ޖާވީދާއި ޒައިނަބް ހުއްޓި ތިއްބެވެ.

[މާ ފޯރި ހިއްޕާލާފައި ކޮންތަނެއްގެ ވާހަކަތަ ތިދައްކަނީ؟] އެތެރެއަށް ވަންނަމުން ޖާވީދު އެއްސެވެ.

[މައްޗަންގޮޅީ ބުރު ކައިރީގައި ހުންނަ [ވޭ ކޫލް ކެފޭ]ގެ ވާހަކަ މިދައްކަނީ.] ސާދުނާ ހީގަތެވެ.

[އަނހަ ވިޝާލް، ވަރަށް ގިނައިރުވެއްޖެތަ އައިސް އިންނަތާ.] ޖާވީދު ވިޝާލާ ޖެހިގެން އިށީނެވެ.

[ފަނަރަވަރަކަށް މިނެޓް ވެދާނެދޯ ލަމްހާ.] ޖާވީދަށް ޖަވާބު ދިނުމަށްފަހު، ވިޝާލް ލަމްހާއަށް ދޯއެއްލިއެވެ. ލަމްހާ ބޯޖަހާލިއެވެ.

[ދަރިފުޅާ...ލަމްހާ، މިއީ ބައްޕަ ބުނި ކުއްޖަކީ، ވިޝާލް.....ކައިވެނި ކުރަން ބައްޕަ ޤަޞްދުކުރަނީ، ދެކުދިން އެކަކު އަނެކަކަށް ދަސްވީމާ....] ޖާވީދު މިހެން ބުނުމާއެކު ލަމްހާ ސިހުނެވެ.

ނަމަވެސް ވިޝާލްގެ ކުރިމަތީގައި ބައްޕައާއި މަންމަގެ ޤަދަރު ކުޑަކުރަން ބޭނުންނުވާތީ، އޭނާ ހިމޭނުން އިނީއެވެ. އަދި ބައްޕަގެ ވާހަކައާ ގުޅުވައިގެން އެކައްޗެކޭވެސް އޭނައެއް ނުބުނެއެވެ.

[ޒައިނަބް ދާންވީނު ވިޝާލަށް ސައިހަދަން.....ނޫނޭ ދަރިފުޅުދޭ ސައިހަދަން...] ޖާވީދު އެދުނެވެ. ޒައިނަބާއި ލަމްހާ ބަދިގެއާ ދިމާއަށް ހިނގައިގަތުމުން، އެެވެރިންގެ ފަހަތުން ކަހަލަ ގޮތަކަށް ސާދުނާވެސް ހިނގައިގެންފިއެވެ.

އެދުވަހު ވިޝާލް، އެގޭގައި ނިކަން ގިނައިރު ވަންދެން އިނެވެ. ނަމަވެސް، ލަމްހާގެ ފަރާތަކުން އޭނާއަކަށް މާއެދެވޭ އިޝާރާތެއް ނުލިބެއެވެ. އެކަމަކުވެސް އޭނާ އުއްމީދު ކަނޑައެއްނުލައެވެ. ނުރުހުމުގައިވެސް ލަމްހާއާ ކައިވެނިކުރަން އޭނާ ބޭނުމެވެ. ލަމްހާއަށް ލިބިފައިވާ ރީތިކަމަކީ، އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާފައި ދޫކޮށްލެވޭ ވަރަށްވުރެން ފުރިހަމަ ކަމެކެވެ.

[އޭނާގެ ރުހުން ނުލިބުނަސް، އަހަރެން މިހާރު ޤަޞްދުކުރަނީ ކައިވެނިކުރަން....ހާދަ ސަޅިޔޭ.....ދޫކޮށްލެވޭވަރެއް ނޫން....] ވިޝާލް ވާހަކަ ދެއްކީ އޭނާގެ އޮފީސް ރަޙްމަތްތެރިއެއް ކަމުގައިވާ ނަބީލާއެވެ.

[އަހަންނަށްވެސް ފެންނަނީ އަވަހަށް ކައިވެނި ކުރަން. އެހެންނޫނީ އެހެން ފަރާތަކަށް ހިނގައިދާނެ.] ނަބީލްވެސް ވިޝާލަށް ތާއީދު ކުރިއެވެ.

އެދުވަހު ވިޝާލް، އެގެއިން ދިޔުމާއެކު، ލަމްހާއަށް ރޮވުނެވެ. ކަނޑައެޅިގެން ބައްޕަގެ ކުރިމަތީގައި ދެކޮޅު ނެހެދި ކަމުގައިވިޔަސް، ވިޝާލާ އިންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

ބައްޕަމެންގެ އުފަލަށްޓަކައި ވިޝާލާ އިނަސް، އޭނާއަށް ލިބޭނޭ އެއްވެސް އުފަލެއް ނެތް ކަމަށް ބުނެ، އޭނާ މަންމަ ޒައިނަބްގެ ކުރިމަތީގައި ނިކަން ރޮއި އާދޭސް ކުރިއެވެ.

[ދަރިފުޅު ބޭނުންވަނީ ދާއިމަށް ތިހެން ހުރެ ދިރިއުޅުން ނަގާލަންތަ؟ މަންމަގެ ނަޞޭޙަތަކީވެސް ބައްޕަ އެ އެދޭގޮތަށް ވިޝާލާ ކައިވެނިކުރުން. ދަރިފުޅަށް އެނގޭތަ، އެއީ ހާދަ ރަނގަޅު ކުއްޖެކޭ.] މަންމަގެ ފަރާތަކުންވެސް ލަމްހާއަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.

[އެކަމަކު...މަންމާ.....އަހަރެން ކިހިނެއް އެހެން މީހަކުދެކެ ލޯބިވާނީ....ލޯބިނުވާ މީހަކާ އިނދެގެން، ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ.] ލަމްހާ މަންމަގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ބުންޏެވެ. އޭރުވެސް އޭނާއަށް ރޮވެނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން