ޞާދިރު ޢަލީދީދީ   22 ޑިސެމްބަރު 2020 - 8:32
ވޭނީކަރުނަ
ވޭނީކަރުނަ
06 ވަނަ ބައި

..................

އަލަތު ކައިވެނީގެ އަންހެން ކުއްޖާއަކީ އުއްމީދުތަކުން ބަރުކުރެވިފައިވާ ފާލިކީއެކެވެ.... ނޫނީ... ފުރިފައިވާ ތައްޓެކެވެ. އެތަށި، ހިނިތުންވެލާ ހިނދު ބަންޑުން ވެދެއެވެ.... ނާނާ ކިޔާލައިފިއްޔާ ބަނޑުން ވެދެއެވެ.... ކުއްލި އަޑެއް އިވުނަސް ބަންޑުން ވެދެއެވެ.... ހިނގާފައި އަންނަ ހިނދު ފައި އޮޅުނަސް ބަންޑުން ވެދެއެވެ.... އެކަމަކު ރަމްލާއަށް އެކަހަލަ އެއްވެސް ކަމެއް އިޙްސާސެއް ނުކުރެވެއެވެ.

އެންމެ ހިތާމަހުރި ކަމަކީ އޭނާގެ އަމިއްލަ ޢަމަލުން އަމިއްލަ ނަފްސަށް ގެއްލުން ދޭކަމެކެވެ.

ކޮންމެ ދުވަހަކުވެސް މައިދައިތަ ރަމްލާއަށް މީރުހެން ހީވާކަހަލަ ކާއެއްޗެއްސާއި ވައްތަރު ވައްތަރުގެ މޭވާ ފޮނުވައެވެ. އޭނާ އޮތް ކޮޓަރިއަށް ފާޑުފާޑުގެ ކާއެއްޗެއްސާއި ތަށިތައް ގިނަވެފައި އޮތްވަރުން ހީވަނީ ޚާއްޞަކޮށް ކެއުމަށް ތައްޔާރު ކުރެވިފައިވާ ކޮޓަރިއެއް ހެންނެވެ. މައިދައިތަ ތެދުވެގެން ގޮސް ހުރިހާ އެއްޗެހި އެއްކުރަން ފެށުމުން ރަމްލާ މަޑުމަޑުންގޮސް އޭނާގެ އަތުގައި ހިފާފައި ބުންޏެވެ.

[މަންމާއެވެ. ކުޑަދުވަސް ކޮޅަކަށް އަޅުގަނޑުމެންގެ ގެއަށް އަޅުގަނޑު ދިއުން ކިހިނެއްތޯއެވެ.]

މައިދައިތަ އިސްއުފުލާލާފައި ފަރުވާތެރި ކަމާއެކު ރަމްލާގެ މޫނަށް ބަލައިލިއެވެ. ދެން ހިނިތުން ވެލިއެވެ. އޭނާވެސް އެދެނީ ކުޑަދުވަސް ކޮޅަކު ރަމްލާ މުޢާޒުއާ ދުރުގައި ބެހެއްޓުމަށެވެ.

[އާއެކެވެ. އެންމެ ރަނގަޅެވެ.....] ނުލާހިކު ލޯތްބާއެކު އޭނާ ރަމްލާގެ އަތުގައި ހިފަހައްޓައިފިއެވެ. ދެން ބުނަން ފެށިއެވެ. [ދާށެވެ. ކުޑަދުވަސްކޮޅަކު ގޭގައި ހުރެފައި އަންނާށެވެ.... އަދި ބުނަން ހެއްޔެވެ. ގޭގައި އަރާމު ކުރާށެވެ. މަސައްކަތް ނުކޮށް ރައްކާތެރިވެގެން އުޅޭށެވެ.....]

[ވަރަށް ފަރުވާތެރިވެގެން އުޅޭނަމެވެ....] ރަމްލާ އުފާވެލާފައި ބުންޏެވެ.

[އަދި ދުވަސްކޮޅެއް ވަންދެން އުޅެންޖެހޭނީ އުނދަގުލުގައެވެ. މިދުވަސްކޮޅު ހޫނުވެސް ވަރަށް ގަދައެވެ. އިރާދަކުރެއްވިއްޔާ ދެމަހެއްހާ ދުވަހުގެ ފަހުން އެކަހަލަ އެއްވެސް އުނދަގުލެއް ނުލިބޭނެއެވެ.]

[އެންމެ ރަނގަޅެވެ....] ރަމްލާ ބުންޏެވެ. [މިއަދު މަންމައަށް ފޯނުކޮށް ދެއްވާށެވެ....]

[އާނއެކެވެ. ފޯނުކޮށްފައި މިވާހަކަ ބުނެދޭނަމެވެ....] ދެން އަނެއްކާވެސް ރަމްލާގެ ހެދުންތައް އެއްކުރަމުން ބުންޏެވެ.

[ހުރިހާ ދާހެދުންތައް އަހަރެންގެ އަތަށް ދޭށެވެ. ދޮވެލާފައި ގެއަށް ފޮނުވައި ދޭނަމެވެ. އަދި އެހެން އެއްޗެއް ބޭނުންކަމަށް ވަންޏާވެސް ބުނާށެވެ. މާދަމާ މުޢާޒު އަތަށްދީފައި ފޮނުވާނަމެވެ.]

މައިދައިތަގެ ދުލުން މުޢާޒުގެ ނަންބުނެވުމާ އެކުހެން ދޮރުހުޅުވާލާފައި މުޢާޒު އެތެރެއަށް ވަދެއްޖެއެވެ. ރަމްލާގެ މޫނުމަތިން އުފާވެރިކަން ފެނުމުން މުއާޒު ހިނިތުން ވެލިއެވެ.

[މަންމާއެވެ.] ރަމްލާ ގެއަށް ދިއުމުގެ ހުއްދަ ލިބުނީތޯއެވެ؟

[އާނއެކެވެ...] މަދާމާ ހެނދުނުންނެވެ.... އެކަމަކު ރަމްލާ ދާނީ އޭނާގެ މަންމަގެ ގެއަށެވެ.

އެންމެ ފުރަތަމަ މުޢާޒުގެ މޫނު މޯޅިވެގެން ދިޔައެވެ... ދެން ހަމައަކަށް އެޅިއްޖެއެވެ. އޭނާ ރަމްލާއާ ދިމާއަށް އެނބުރިލައިފިއެވެ. ރަމްލާ އިނީ އިސްދަށަށް ޖަހައިގެންނެވެ.... މުޢާޒު ފަރުވާތެރި ކަމާއެކު ރަމްލާއަށް ބަލައިލަމުން ބުންޏެވެ.

[އަޅުގަނޑަށް އެންމެ ރަނގަޅެވެ.... ރަމްލާ އުފާވާ ގޮތެކެވެ....]

ރަމްލާ ހަމަ އެހިނދުކޮޅުގެ ތެރޭގައި ވިސްނާލިއެވެ.... ކަލޭގެ ހިތާ އެއްވަރަށް ކަލޭގެ ސޫރަވެސް ރީތިވެފައި ރަނގަޅުނަމަ ކޮންފަދަ ހެއްޔެވެ.

[މިއަދު ރަމްލާގެ މަންމަ ހޮސްޕިޓަލަށް ދުރުވާނެ ހެއްޔެވެ؟]

[އެއްގޮތަކަށްވެސް ނޭނގޭއެވެ....] ރަމްލާ ވަރަށް މަޑުމަޑުން ބުންޏެވެ.

[އަހަރެން ގެއަށްގޮސް ފޯނު ކުރާނަމެވެ.] މުޢާޒުގެ މަންމަ ހުރިހާ ތަށިތައް އެއްކޮށްގެން ދާން ތައްޔާރު ވެއްޖެއެވެ.

[ނޫނެކެވެ. މަންމާއެވެ.... އަޅުގަނޑު ހަމަ ހެނދުނާ އޮފީހުން އައިސް ރަމްލާ ގެއަށް ގެންދާނަމެވެ. ކޮންމެހެން އެމީހުނަށް އުނދަގޫ ކުރާނެކަމެއް ނެތެވެ.

[އެންމެ ރަނގަޅެވެ.... ދަރިފުޅާއެވެ... މަންމައާ އެކީގައި ބޭރު ދޮރާހަމައަށް ހިނގާށެވެ. ދެން އައިސް ރަމްލާގެ ގާތުގައި އިންނާށެވެ.]

މުޢާޒު ކުރިއަށް ޖެހިލާފައި ހެދުން ބޮކްސާއާއި އެހެނިހެން ސާމާނު އަޅާފައިހުރި ވަށިގަނޑު ނަގައިފިއެވެ. އެއާއެކު މަންމަ ރަމްލާގެ ބޮލުގައި ފިރުމާލާފައި ހިނގައިގަތެވެ.

ރަމްލާ މައިދައިތަގެ އަތަށް ބަލާލިއެވެ. މުސްކުޅި މީހެކެވެ. ޢުމުރުން ގާތްގަނޑަކަށް ފަސްދޮޅަސް އަހަރު ވެދާނެއެވެ. ބޮލުގައި ހުރީ މުޅިން ނުރައެވެ. އެކަމަކު ހަށިގަނޑު މާކަދެރައެއް ނޫނެވެ. އޭނާގެ މުސްކުޅި އަތް ފެންނަ ފެނުމުގައި ވަރަށް ގަދަފަދައެވެ. އެ އަތުން މަސައްކަތްކުރާ ވަގުތުގައިވެސް ތުރުތުރު އެޅުމެއް ނުހުރެއެވެ. އޭނާގެ އުމުރުން ތިރީސް އަހަރުގައި ފިރިމީހާ މަރުވެއްޖެ ކަމުގައި ޚުދް އޭނާ ރަމްލާ ގާތުގައިބުންޏެވެ. އޭނާގެ ފިރިމީހާ މަރާލެވުނީ ދަނޑުފަނގު ބައިބައި ކުރުމުގެ ތެރޭގައެވެ. އޭރު އޭނާގެ ތިބީ ދެކުދިންނެވެ. މުންޒާއާއި މުޢާޒެވެ.... ފިރިމީހާ މަރުވުމާއެކު ދުޝްމަނުންގެ އުނދަގޫ ކުރިއަށް ދިޔައެވެ. އޭނާ ކެރިގެންހުރެ އެމީހުނާ މުޤާބަލާ ކުރިއެވެ. ރެޔާދުވާލު ކޮނޑުގައި ބަޑިއަޅުވައިގެން ދަނޑު ބަލަހައްޓަމުން ގެންދިޔައެވެ. އެއަށްފަހު އޭނާ ކުދިންނަށް މަތީ ތަޢުލީމު ހޯދާ ދިނުމަށްޓަކާ ޝަހަރަށް އައީއެވެ. އެވަގުތު ފައިސާގެގޮތުން އޭނާއަށް ވަރަށް ދައްޗެވެ. ބައެއް ފަހަރަށް ދަނޑުންލިބޭ އާމްދަނީއިން ޚަރަދުކުރެއެވެ. އަދި ބައެއް ފަހަރަށް މާބޮޑަށް ދަތިވެގެންދާ ހިނދު ކުޑަބިންކޮޅެއް ވިއްކާލައެވެ. މިބޮޑުގެއަކީ އޭނާ ގަނެފައިވާ ގެއެކެވެ. ވަރަށް ތަނަވަސް އަރާމު ގެއެކެވެ. ހުރިހާގޮތަކުން މުސްކުޅި ގެއެކެވެ. އެހެނަސް މިހާރު އެގެއަކީ އެންމެ މިޒަމާނުގެ ގެއެކެވެ. އޭނާ މަޑުމަޑުން މިޒަމާނުގެ ގޮތަށް ބަދަލުކުރީއެވެ. ދެކުދިންނަށް ކިޔަވައިދިނީ މިގޭގައި ބައިތިއްބައި ގެންނެވެ. މުންޒާ މަތީ ތަޢުލީމު ޙާޞިލު ކޮށްގެން އައިސް ފުރަތަމަ އުޅުނީ ހޮސްޕިޓަލުގެ ވަޒީފާގައެވެ. މިގޮތަށް ދުވަސްކޮޅަކު އުޅެފައި އޭނާއާ އެއްވަޒީފާ އެއްގައި އުޅުނު މީހަކާ އިނދެގެން އެމެރިކާއަށް ދިޔައީއެވެ. މުޢާޒަށް އޭނާ ނަގައިދިނީ ސީ.އޭ ފާހެކެވެ. މުޢާޒު ދެއަހަރު ދުވަހަށް ޔޫރަޕަށް ދިޔައެވެ. މިހާރު އޭނާއަކީ ސައްޔިދު ގްރޫޕް އޮފް ކޮމްޕެނީޒްގެ ފައިނޭންޝަލް އެޑްވައިޒަރެވެ. އޭނާގެ ބުއްދިވެރިކަމާ ކުޅަދާނަކަމުގެ ސަބަބުން ކިޔެވުން ނިމުމާއެކު ޝަހަރުން ވަޒީފާ ލިބުނީއެވެ. މަންމަ އިންނަނީ ވަރަށް އުފާވެފައެވެ. އޭނާ ފަހަރެއްގައިވެސް އެއްވެސް ކަމަކާއިހެދި މަންމައާއި ދިމާއަށް މޫނު ކުނިކޮށްފައި އެއްޗެކޭ ނުބުނެއެވެ. އަބަދުވެސް ބުނާ އެއްޗަކީ ރީތި އަޚްލާޤުގެ ސަބަބުން އެންމެ ރުޅިއަރާ މީހާވެސް އުށްގަނޑެއް ވިރޭހެން ވިދިގެން ހިނގައިދާނެ ކަމުގައެވެ. އަދި ކެރިގެން މަސައްކަތް ކޮށްފިއްޔާ ހުރިހާ އުނދަގުލެއް ޙައްލު ކުރެވިދާނެ ކަމުގައެވެ. އޭނާގެ ޙަޔާތަކީ ހިއްމަތާ ހިތްވަރުގެ މިސާލެއްނެތް ނަމޫނާއެކެވެ. މުޢާޒު ހަމައެކަނި މަންމައަށް އަދަބުވެރިވަނީކީ ނޫނެވެ. މަންމަދެކެ އިންތިހާއަށް ލޯބިވެސް ވެއެވެ. ގޭގެ ހުރިހާކަމެއް އޮންނަނީ މަންމަގެ އަތްމައްޗަށް ދޫކޮށްލާފައެވެ. އެކަމަކު އެއްވެސް މީހަކަށް ދައްޗެއް ތުރާލެއް ލިބޭގޮތެއް މެދުވެރިވިޔަކަ ނުދެއެވެ. ރަމްލާ މުޢާޒުގެ މަންމަގެ ފަރާތުން ނަފްރަތުގެ ކުލަވަރެއް ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ. އޭނާއަކީ މާ އޯގާވެރި މަޑުމައިތިރި އަންހެނެކެވެ.

އޭނާ އެއްގޮތަކަށްވެސް ބޭކާރު އަނގައެއް ނުތަޅައެވެ. އެންމެ ހިނދުކޮޅެއްވެސް ފައިދާއެއް ނެތްގޮތުގައި ގެއްލިގެން ދިޔަކަ ނުދެއެވެ. ފަސްވަގުތު ނަމާދުކުރުމުގެ އިތުރުން ރޭގަނޑު ދަމު ނަމާދަށްވެސް ތެދުވެއެވެ. އޭނާ ގޭގައިވެސް މީގޮނު ގެންގުޅެއެވެ. އޭނާ ބުނާގޮތުގައި އެމަސައްކަތްކުރާމީހުންގެ އަތުން ތާޒާކިރެއް ނުލިބޭނެއެވެ. އޭނާ ހެނދުނު ފަތިހާ ތެދުވެ އަމިއްލައަށްގޮސް ކިރުފެލައެވެ. އެކަމަކު ހަވީރު ކިރުފެލަނީ ގޭގައިއުޅޭ ނޯކަރެވެ. އެވަގުތަކީ އޭނާ ނަމާދުކުރާ ގަޑިއެވެ.

[މަންމާއެވެ. ކޮންމަވެސް ވަރަކަށް އަރާމުވެސް ކުރަންވާނެ ނޫންތޯއެވެ.]

[ކޮން އަރާމެއް ހެއްޔެވެ....] އޭނާ ރޫޖެހިފައިވާ ލޯބޮޑުކޮށްލާފައި ރަމްލާއާ ދިމާއަށް ބަލާލިއެވެ. އަރާމަކީ ކޮން އެއްޗެއް ހެއްޔެވެ. ދަރިފުޅާއެވެ. މަންމައަށް އަބަދުވެސް މަސައްކަތުގައި އުޅުމުން އަރާމު ލިބެއެވެ. ނިކަން ދެކެ ބަލާށެވެ. އަބަދު ތަންމަތީގައި އޮވެގެން ކާން ފަށައިފިއްޔާ ސަރުބީ ޖަހަން ފަށާފާނެއެވެ. ބަރުހެލި ވެދާނެއެވެ. މިޢުމުރަކީ ޢާއްމުކޮށް ގިނަމީހުން ބަލިވެ ތަންމަތީގައި ތިބޭ ޢުމުރެވެ. އެކަމަކު އަހަރެންގެ އެކަހަލަ އެއްވެސްކަމެއް ނެތެވެ. މިގޮތަށް އަހަރެން ނޫޅޭނަމަ މިހާރު އަހަރެން އުޅެންޖެހޭނީ ޑޮކްޓަރުންގެ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެވެ. އަހަރެން ހަށީގައި ނޭވާހުރިހާ ހިނދަކު އުޅޭނީ މަސައްކަތުގައެވެ. ﷲގެ އިރާދަފުޅުން އަތްފައި ހެލެންޏާ ކިތައްމެހާވެސް ރަނގަޅެވެ. މިހުވަފެނެއް ކަހަލަ ދުނިޔެ ނިމުމާއިއެކު އެފެށުނީ އަރާމުގެ ވަގުތެވެ.... އާނއެކެވެ. ކަށްވަޅުގައި ޤިޔާމަތާ ހަމައަށް އަރާމު ކުރުމެވެ.]

ދެން އިރުކޮޅަކު ހިމޭނުން އިނދެފައި ބުންޏެވެ.

[ދެންމިގެއާ މިކަންތައްތަކާ ޙަވާލުވާންވީ ރަމްލާއެވެ. އަންހެނުންގެ ކަމަކީ އަބަދުވެސް ގޭތެރޭގެ ކަންތައްތަކާ ވިސްނުމެވެ.... ކުޑަދުވަސް ކޮޅަކު އަރާމު ކޮށްލާށެވެ. އުފާކޮށް މަޖަލުގައި ދުވަސްކޮޅެއް ދުއްވާލާށެވެ.... އަދި އަހަރެން ގެއާއި ޙަވާލުވެގެން ހުރެދާނަމެވެ. އެކަމަކު ކުޑަދުވަސް ކޮޅަކަށްފަހު މިކަންތައްތަކާއި ޙަވާލުވާން ވާނެއެވެ.]

[އަޅުގަނޑު ނަންގަންނަން މިއުޅޭ އެއްޗަކީ އަދި ތިޔައެއް ނޫނެވެ.] ރަމްލާ ދަލުގެންފިއެވެ.

[ދަރިފުޅު ބުނަންއުޅޭ އެއްޗެއް މަންމައަށް އެނގެއެވެ. އަހަންނަކީވެސް ޅަޢުމުރުގައި ހަމަ ތިޔަކަހަލަ ކުއްޖަކީމެވެ. ކައިވެނިވީތާ ގިނަ ދުވަހެއްނުވެ ދަރިއަކު ލިބިއްޖެއެވެ. އަހަންނަކީ ދަރިން ލިބުމާމެދު ދެކޮޅުހެދި މީހަކީމެވެ. އެއާ ޚިލާފަށް މުޢާޒުގެ ބައްޕައަކީ އިންތިހާއަށް ދަރިން ލިބުމަށް އެދުނު މީހެކެވެ.]

މިހެން ބުނަމުން އޭނާ ފެންކަޅި ވެއްޖެއެވެ. ދެން އަތުގައި އޮތްވަޅި ބާއްވާފައި ދޯޕައްޓާގެ ކޮޅުން ލޯފޮހެލަމުން ބުންޏެވެ.

[އަދި އެއް ވާހަކައެއް އަހާށެވެ. އަހަރެން ދިރިއުޅުން ކަޑައްތުކުރީ ވަރަށް ހަމަޖެހި ގެންނެވެ. އެއްވެސް ތިމާގެ މީހެއްގެ ގާތަށް މުހުތާދެއް ޖެހިގެން ނުދަމެވެ. މާތްރަސްކަލާނގެ އަހަންނަށް ކެތްތެރިކަން ދެއްވިއެވެ. އަހަރެންގެ ދަރިންވެސް ސަލާމަތުން ލަހައްޓަވާށިއެވެ.]

ދެން އޭނާ ރަމްލާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން