ނެވަރލޭންޑް.
ނެވަރލޭންޑް.
ނެވަރލޭންޑްގެ ނަމުން ނަންދެވިފައިވާ މައިކަލް ޖެކްސަންގެ ގެއެއް ބިލިއަނަރަކަށް ވިއްކާލައިފިއެވެ.

1،100 ހެކްޓަރުގެ ބިމެއްގައި ހަދާފައިވާ ނެވަރލޭންޑް ގަނެފައިވަނީ ރޮން ބަރކްލް ނަމަކަށް ކިޔުނު ބިލިއަނަރެކެވެ. އޭނާ ނެވަރލޭންޑް ގަތުމަށް 22 މިލިއަން ޑޮލަރު ދިންކަމަށް ވޯލް ސްޓްރީޓް ޖަރނަލް ގައި ހާމަކޮށްފައިވެއެވެ.

މުޅިދުނިޔެއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން މަރުވުމުން އޭނާގެ އެހެން މުދާތަކެކޭ އެއްގޮތަށް ނެވަރލޭންޑްގެ ނަމުން ނަންދެވިފައިވާ މައިކަލް ޖެކްސަންގެ ގެވެސް ވިއްކާލުމަށް އިއުލާން ކުރެވުނެވެ. މިގޮތުން 2015 ވަނަ އަހަރުގެ އިއުލާނުގައި މިގެ ވިއްކާލުމަށް ހަމަޖެހުނީ 100 މިލިއަން ޑޮލަރަށެވެ. އެއަށްފަހު 31 މިލިއަން ޑޮލަރަށްވެސް އަގު ތިރިވެފައިވެއެވެ.

މައިކަލް ޖެކްސަން މިގެ ގަނެފައިވަނީ 19.5 މިލިއަން ޑޮލަރަށް 1987 ވަނަ އަހަރުއެވެ. އަދި މި ގެ ގަތުމަށްފަހު، ކުޑަކުދިންގެ ވާހަކައެއް ކަމަށްވާ ޕީޓާ ޕޭންގެ ވާހަކައިގެ ހިމެނޭ ރަށެއް ކަމަށްވާ ނެވަރލޭންޑްގެ ނަމުން މިގެއަށް ނަންދެވުނެވެ.

މައިކަލް ޖެކްސަންގެ މަރާއެކު، ނެވާރލޭންޑް އާއި ބެހޭގޮތުން އެތަކެއް ވާހަކަ ތަކެއް ފެތުރި މައިކަލް ޖެކްސަން އަށް އެތަކެއް ތުހުމަތުތަކެއް ކުރެވިފައިވެސްވެއެވެ. މިގޮތުން ނެވާރލޭންޑް އަކީ ކުޑަކުދިން ޝައުގުވެރިވާ ތަނަކަށް ހަދައި، ނެވަރލޭންޑް އަށް ކުޑަކުދިން ގެނެސް އެކުދިންނާއެކު ނަހަމަ ގުޅުންތައް ބާއްވާފައިވާކަމަށް މައިކަލް ޖެކްސަން އަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި މިކަމާ ބެހޭގޮތުން 2019 ވަނަ އަހަރު ވަނީ ޑޮކިއުމެންޓަރީ އެއްވެސް އުފައްދާފައެވެ.

މައިކަލް ޖެކްސަން މަރުވުމަށްފަހު، ނެވަރލޭންޑް އަށް އެކި ބަދަލްތައް ގެނެސް ރީބްރޭންޑްކޮށް، ނެވަރލޭންޑްގެ ނަން ސިކަމޯ ވެލީ ރާންޗް އަށް ވަނީ ބަދަލު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން