ރާއްޖޭގެ ރަށެއްގެ ގެސްޓް ހައުސްއެއް ކުލަބޮކިން ޒީނަތްތެރިކޮށްފައި (ފޮޓޯ- މީސްމީޑިއާ)
ރާއްޖޭގެ ރަށެއްގެ ގެސްޓް ހައުސްއެއް ކުލަބޮކިން ޒީނަތްތެރިކޮށްފައި (ފޮޓޯ- މީސްމީޑިއާ)
-ޙުސައިން ރަޝީދު އަޙްމަދު-

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

ޢީދު މީލާދު ފާހަގަ ކުރުމާއި ކްރިސްޓްމަސް ފާހަގަ ކުރުމަކީ ހުއްދަ ކަމެއްތޯ ނުވަތަ ނުންތޯ މިއީ ކޮންމެ އަހަރަކު މިދުވަސްވަރު މުސްލިމުންގެ މެދުގައި ޚާއްޞަކޮށް ޢިލްމުވެރިންގެ މެދުގައި ކުރެވެމުންދާ ހޫނު ބަހުސެކެވެ. އެއްބަޔަކު އެއީ ޙަރާމްކަމެއް ކަމުގައި ބުނާއިރު އަނެއް ބަޔަކު ދަޢުވާ ކުރަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ.



1- މިކަން ފާހަގަ ކުރުމުގައި އެންމެންވެސް އެއްބަސްވާ ޙާލަތްތައް:

ކްރިސްޓްމަސް އާއި ޢީދު މީލާދީ ނަޞާރާއިން ފާހަގަ ކުރަމުން ދާއިރު އެބައިމީހުންގެ މެދުގައި ހިނގަމުންދާ ބަދްއަޚްލާޤީ ބައްދަލުވުންތަކާއި ރާބުއިމާއި އެއާއެކު ނަށައި މިއުޒިކު ކުޅުމުގެ ޖަލްސާތަކުގައި މުސްލިމުން ބައިވެރިވުމާއި އެބައިމީހުން ފާހަގަކުރާފަދައިން އަންހެނުންނާއި ފިރިހެނުން ބައިވެރިވެ ބައްދައި ދޮންދީ ކިސްކުރުމާއި މިކަންކަމުގައި މުސްލިމުން ބައިވެރިވުމީ ކަނޑައެޅިގެން ޙަރާމް ވެގެންވާ ކަމެއް ކަމެއްކަމުގައި ދީނުގެ އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެންކަމުން އެއްވެސް ނަމެއްގައި މިއީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫނެވެ.

2- މުސްލިމުންގެ ޢަދާވާތެރި ޣައިރު މުސްލިމުންނާ ގުޅުން ނުބޭއްވުން:

ޣައިރު މުސްލިމުންގެ ތެރެއިން އިސްލާމުންނާ ޢަދާވާތްތެރިވެ އެބައިމީހުންނަށް ގެއްލުންދޭން އުޅޭ ކާފިރުންނަށް އެހީތެރިވުމާއި އެމީހުންނާއެކު ގުޅުން ބެހެއްޓުމަކީ ދީން މަނާކުރާ ކަމެކެވެ. އެކަމުގައިވެސް މަޞްލަޙަތަށްޓަކައި ބޭރުފުށުން ގުޅުން ބޭއްވިދާނެ ކަމަށް ބައެއް ޢިލްމުވެރިން ފަތުވާ ދެއްވައެެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ (الممتحنة :1) މާނައީ: އޭ މުސްލިމުންނޭވެ! ތިމަން އިލާހުގެ ދުޝްމަނުންނާއި ތިޔަބައިމީހުންގެ ދުޝްމަނުންނަކީ (އެބަހީ މައްކާގެ މުޝްރިކުންނަކީ) ތިޔަބައިމީހުން މަދަދުދީ އެހީތެރިންކަން ފޯރުކޮށްދޭ ބަޔަކު ކަމުގައި ނުހަދާށެވެ. ތިޔަބައިމީހުން އެއުރެންގެ ކިބައިން ލޯތްބާއި، އެކުވެރިކަން ބޭނުން އެބަވަމުއެވެ. އެހެންނާ އެބައިމީހުން އެތިބީ ތިޔަބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ޙައްޤު ދީނާ އިންކާރުކޮށް އެދީނަށް ކާފިރުވެގެންނެވެ. މިއެވެ. މިތާގައި މިގޮތަށް މައްކާގެ މުޝަރިކުންނާއެކު ލޯތްބާއި ގާތްގުޅުން ނުބާއްވަން ﷲގެ ޙަޟުރަތުން އެންގެވީ އެއުރެންގެ ޙަސަދަވެރިކަން ބޮޑުކަމާއި މުސްލިމުންނަށް ދުއްތުރާ ކުރާލެއް ބޮޑުކަމުންނެވެ. އެވާހަކަ އާޔަތުގެ ފަހުކޮޅުގައި ބަޔާންކުރަށްވާފައި އެވަނީއެވެ. ހަމައެހެންމެ މިސޫރަތުގެ 9 ވަނަ އާޔަތުގައި އެބައިމީހުންނާ ގުޅުން ނުބާއްވަންވީ ސަަބަބާއި ޢިއްލަތު ވެސް ބަޔާން ކުރަށްވާފައި ވެއެވެ.

3- އެންމެންނާއެކު އިންސާނީ ގުޅުން ބޭއްވުން:

އިސްލާމް ދީނަކީ މާތް އަޚްލާޤާއި ރަޙްމަތުގެ ދީނެވެ. އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ދީނެވެ. ލޯތްބާއި ކުނުލައަކީ ކޮބައިކަން ދުނިޔެއަށް އުނގަންނައި ދިން ދީނެވެ. ބަދަލު ހިފުމާއި ޢަދާވާތްތެރިކަން މުލުން ލުހެލަން އައި ދީނެވެ. އެހެންކަމުން މުސްލިމުންނަށާއި ޚުދް ކީރިތި ރަސޫލާއަށް ބޮޑެތި އަނިޔާކޮށް ގެއްލުން ދިން މީހުންނާ މުޚާޠަބު ކުރަށްވައި، މައްކާ ފަތަޙަ ކުރެއްވި ދުވަހު ކީރިތި ރަސޫލާ ވިދާޅުވި ބަސްފުޅަކީ މުޅި ދުނިޔެއަށް ލާމަސީލު ނަމޫނާއެކެވެ. اذْهَبُوا فَأَنْتُمُ الطُّلَقَاءُ (އޭ މީސްތަކުންނޭވެ! ބޭނުންތަނަކަށް ދާށެވެ! ތިޔަބައިމީހުންނަށް ތިމަން ކަލޭގެފާނު މާފުކުރަށްވައި މިނިވަން ކުރެއްވީއެވެ.)

4- އިސްލާމީ ތަޢުލީމަކީ އިދިކޮޅު މީހުންނާއެކު ވެސް ޚުލްޤު ހެޔޮކޮށް އުޅުމުގެ ތަޢުލީމެވެ.

އައްލާމާ ޑރ. ޔޫސުފު ޤަރްޟާވީ ވިދާޅުވެފައި ވެއެވެ. "ޣައިރު މުސްލިމުންނާއި، އިދިކޮޅު މީހުންނާ މުޢާމަލާ ކުރުމުގައި ވެސް އިސްލާމް ދީނު އުނގަންނައި ދީފައިވާ ތަޢުލީމަކީ ވަރަށް ފުރިހަމަ ތަޢުލީމެކެވެ. އެކަން ކީރިތި ޤުރުއާނުގެ އަންނަނިވި ދެއާޔަތާމެދު ވިސްނާ ލުމުންވެސް މުސްލިމުންނަށް ފުދޭނެއެވެ. މުމްތަޙިނާ ސޫރަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿8﴾ إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿9﴾ މާނައީ: އިސްލާމް ދީނާހުރެ ތިޔަބައިމީހުންނާ ހަނގުރާމަ ނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި އެއުރެންނާއެކު ޢަދުލު ވެރިގޮތުގައި މުޢާމަލާ ކުރުމީ ﷲ ތިޔަބައިމީހުންނަކަށް މަނާ ކުރަށްވާ ކަމެއްނޫނެވެ. ހަމަކަށަވަރުން، ޢަދުލު ވެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އެހެނަސް ދަންނާށެވެ! ﷲ ތިޔަބައިމީހުންނަށް މަނާކުރަށްވަނީ ދީނާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ނެރެ އޭގެ އިތުރުން ގެދޮރުން ތިިޔަބައިމީހުން ނެރުމުގައި އަނެކުންނަށް ވާގިދީހެދި މީހުންނާއެކު އެކުވެރިކަމުގެ ގުޅުން ބޭއްވުމަށެވެ. ދަންނާށެވެ. މިފަދަ ބަޔަކާ ލޯތްބާއެކު ގުޅުން ބާއްވާ މީހުންނަކީ ﷲގެ އަމުރުފުޅާ ޚިލާވެ ތިމާމެންގެ މައްޗަށް އަނިޔާލިބިގަންނަ މީހުންނެވެ. މިއެވެ.

5- މުސްލިމުންނާއި އަހުލު ކިތާބީންގެ އިލާހަކީ އެއް އިލާހެކެވެ.

ބަޔާންވެދިޔަ އާޔަތްތަކުން ޣައިރު މުސްލިމުންގެ ތެރެއިން އަޅުގަނޑުމެން ގުޅުން ބަހައްޓަންވާ މީހުންނާއި ބަހައްޓަންނުވާ މީހުން އެނގިއްޖެއެވެ. ހަމައެއާ ޢާއްމުކޮށް އެންމެނާއެކު ޚާއްޞަކޮށް ޣައިރު މުސްލިމުންގެ ތެރެއިން އަހުލު ކިތާބުންނާއެކު ރިވެތި ގޮތުގައި މުޢާމަލާ ކުރުމަށް އިސްލާމް ދީން ބާރު އަޅައެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ ﴿العنكبوت: ٤٦﴾ މާނައީ: އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ އަރައިރުން ނުވާށެވެ. އަދި ޖަދަލުކުރާނަމަ ރިވެތި ގޮތުގައި ޖަދަލުކޮށް ހަދާށެވެ. އެހެނަސް އިންޞާފުން އެއްކިބާވާ މީހަކާއެކު އެގޮތަށް އޭނާގެ ޢަމަލާ އެއްގޮތަށް މުޢާމަލާ ކުރާށެވެ. އަދި ސާފުބަހުން ބުނާށެވެ! ﷲގެ ޙަޟުރަތުން ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން އީމާންވަމެވެ. އަދި ނިކަންހުރެ ވިސްނާށެވެ! ތިމަންމެންގެ އިލާހަކީވެސް އަދި ތިޔަބައި މީހުންގެ އިލާހަކީ ވެސް އެއް އިލާހެކެވެ. ތިމަންމެންވިއްޔާ، ތިމަންމެން މިތިބީ އެއިލާހަށް އީމާންވެ އިސްލާމް ވެގެންނެވެ.

6- ދީނީގޮތުން މުސްލިމުންނާއި ފޮތުގެ އަހުލުވެރިންނާ އޮންނަންވާ ގޮތުން:

މިގޮތުން އިސްލާމް ދީންވަނީ އަހުލު ކިތާބުންނާއެކު ގާތްގުޅުން ބާއްވަން ބާރުއަޅާފައެވެ. އަހުލު ކިތާބީ އަންހެނުން އިސްލާމް ވުމަކާ ނުލައި މުސްލިމު ފިރިހެނުންނަށް އެކަނބަލުންނާ ކައިވެނި ކުރުން ހުއްދަ ކުރަށްވާފައެވެ. ހަމައެހެންމެ އެބައިމީހުން ކަތިލާ ތަކެތި މުސްލިމުންނަށް ކެއުން ހުއްދަ ކުރަށްވާފައެވެ.

މިގޮތުން رَسُولُ اللَّهِ ﷺ ގެ ޢަމަލުފުޅަށް ބަލާއިރު އެކަލޭގެފާނު ފޮނުއްވިގެންވަނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. އިތުރު އެކަލޭގެފާނު އަބަދުވެސް މީސްތަކުންނާ މުޢާމަލާ ކުރަށްވަނީ އެންމެ ރީތިގޮތުގައެވެ. ޞައްޙަ ޙަދީޘުގައި އަންނަ ފަދައިން، އެއްފަހަރަކު ޔަހޫދީއެއްގެ މައްޔިތަކު ވަޅުލަން ގެންދެވެނިކޮށް އެބައިމީހުން އެކަލޭގެފާނާ އަރައި ހަމަވުމުން، ވަގުތުން އެކަލޭގެފާނު މައްޔިތާއަށްޓަކައި ދެތެދުވެ ވަޑައިގަތެވެ. އެހިނދު އެކަލޭގެފާނުންގެ އަރިހު އެއީ ޔަހޫދީއެކޭ ދެންނެވުމުން ޙަދީޘު ކުރެއްވީ ބަލަ އެއީވެސް އިންސާނެއް ނޫން ހެއްޔެވެ؟ އެއަށްފަހު ޙަދީޘު ކުރެއްވީ މައްޔަތަކު ގެންދެވޭ ތަނަކާ ދިމާވެއްޖެއްޔާ ތިޔަބައިމީހުން ތެދުވާށެވެ. މިހެންނެވެ.

7- ފޮތުގެ އަހުލުވެރިން ވަޅުލުމުގައި ބައިވެރިވުން:

މިގޮތުން ބައެއްފަހަރު ޣައިރު މުސްލިމުންގެ މައްޔިތުން އުފުއްލެވުމުގައި އަޞްޙާބު ބޭކަލުން ބައިވެރިވެ ވަޑައިގަންނަވަތެވެ. މިސާލަކަށް އަލްޙާރިޘު އިބްނި އަބީ ރަބީޢާގެ މަންމައަކީ ނަޞްރާނީއަކަށް ވީއިރުގައިވެސް އޭނާ މަރުވުމުން އޭނާގެ ހަށިގަނޑު އުފުއްލެވުމާއި ވަޅުލުމުގެ ކަންކަމުގައި އަޞްޙާބު ބޭކަލުން ބައިވެރިވެ ވަޑައިގަތެވެ. މިމައްސަލައިގެ ފިޤުހީ ޙުކުމަށް ބަލާއިރު އިމާމު އަބޫ ޙަނީފާއާއި ޝާފިޢީގެފާނު ވިދާޅުވަނީ ފޮތުގެ އަހުލުވެރިންގެ މައްޔިތާ އުފުލުމާއި ކަށުކަމާ ކެމީގައި ބައިވެރިވުމަކީ ހުއްދަ ކަމެއް ކަމަށެވެ.

8- ފޮތުގެ އަހުލުވެރިންނަށް ސަޕޯޓުކުރުން:

ދުނިޔަވީ ކަންކަމުގައި ފޮތުގެ އަހުލުވެރިންނަށް ތާއީދުކޮށް ސަޕޯޓުކުރުމީ ދީން ބާރުއަޅާ ރިވެތި ސުލޫކެކެވެ. ކީރިތި ރަސޫލާގެ ޒަމާނުގައި ދުނިޔޭގެ އޭރު ބޮޑު ދަބާރު ކަމުގައިވާ ފާރިސީންނާއި ރޫމީންގެ މެދުގައި ހަނގުރާމައެއް ހިނގިއެވެ. ރޫމީންނަކީ ފޮތުގެ އަހުލުވެރިން ކަމުގައިވާތީ މުސްލިމުން ތާއީދު ކުރީ ރޫމީންނަށެވެ. ކޮންމެއަކަސް ހަނގުރާމައިގައި އެފަހަރު ރޫމީން ބަލިވުމުން މުސްލިމުން ދެރަވެ، ހިތާމަކުރިއެވެ. މިކަމާގުޅިގެން މުސްލިމުންނަށް ހިއްވަތު ދެއްވުމުގެ ގޮތުން ރޫމު ސޫރަތުގެ ކުރީކޮޅުގެ އާޔަތްތައް ބާވައި ލެއްވުނެވެ. އެއާޔަތްތަކުގެ މާނާގައި ވަނީ: "އަލިފް ލާމް މީމް، ބިމުގެ އެންމެ ތިރީބައިގައި ފާރިސީންނާ ކުރި ހަނގުރާމައިގައި ރޫމީން ބަލިވީއެވެ. ދަންނާށެވެ! މިފަހަރު އެއުރެން ބަލިވިއަސް މަދު އަހަރުކޮޅެއްގެ ތެރޭގައި ހަނގުރާމަކޮށް ފާރިސީންގެ މައްޗަށް ރޫމީން ކާމިޔާބު ހޯދާނެތެވެ. (ކުރިންވެސް އަދި ފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ ﷲ އަށެވެ.) އެހެންކަމުން އެދުވަހުން ﷲގެ ޙަޟުރަތުން ރޫމީންނަށް ނަޞްރު ލިބުމުން މުސްލިމުން އުފާކުރާނެތެވެ. ދަންނާށެވެ! ނަޞްރަކީ އެއިލާހު އިރާދަކުރައްވާ ބަޔަކަށް ދެއްވާ ކަމެކެވެ. އާދެ، އެއިލާހުއީ ގަދަރު ލިބިވޮޑިގެންވާ ނިހާޔަތަށް އޯގާވަންތަ އިލާހެވެ."

9- އަހުލު ކިތާބުންނަށް ސަލާމް ކުރުމާއި ޒަކާތުން ބައެއް އެޅުމާއި ހެއުގޮތުގައި މުޢާމަލާކުރުން:

ފޮތުުގެ އަހުލުވެރިންނަށް (ރަޙްމަތާއި ބަރަކާތަށް އެދުމަކާ ނުލައި) އިސްލާމީ ސަލާމުން ސަލާމް ކުރުމަކީވެސް ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުއްދަވެެގެންވާ ކަމެކެވެ. އިމާމު މާލިކާއި އިބްނި އަބީ ޝައިބާ މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމާގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. أَنَّهُ كَانَ لاَ يَمُرُّ بِمُسْلِمٍ وَلاَ يَهُودِيٍّ وَلاَ نَصْرَانِيٍّ إِلاَّ بَدَأَهُ بِالسَّلاَمِ (މާނައީ: އެކަލޭގެފާނު ދިމާވާ ކޮންމެ މީހަކާ އިސްވެ ސަލާމް ވިދާޅުވަތެވެ. އެއީ މުސްލިމަކު ކަމުގައި ވިއަސް ޔަހޫދީއަކު ކަމުގައި ވިއަސް ނަޞާރާއަކު ކަމުގައި ވިއަސް ވެހެވެ.) ހަމަމިގޮތުގެ މަތިން ޣައިރު މުސްލިމަކު އިސްވެ ސަލާމް ގޮވައިފިނަމަ ޖަވާބު ދިނުމީ ވެސް އިސްލާމީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަަމައެއާއެކު އިސްލާމް ވެދާނެކަމަށް އުއްމީދު ކުރެވޭ، ފޮތުގެ އަހުލުވެރިންނަށް ފަރުޟު ޒަކާރުން ބައެއް އެޅުންވެސް ރަސޫލާގެ ޒަމާނުގައި އޮތެވެ. މިއީ ހަމަައެކަނި ދެފަރާތުގެ ގުޅުން ބަދަހި ކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންތައްތަކެވެ.

އިތުރު މިސާލެއް ދަންނަވާލާނަމެވެ. ކީރިިތި ރަސޫލާގެ ދުވަސްވަރު މަދީނާގައި އުޅުނު ފޮތުގެ އަހުލުވެރިންނާއެކު ކީރިތި ރަސޫލާ ވިޔަފާރީގެ މުޢާމާތް ހިންގަވަތެވެ. އިތުރު އެކަލޭގެފާނަށް ވިހައިގެ އަސަރު ކުރީވެސް ޔަހޫދީ އަންހެނަކު ހަދިޔާގެ ގޮތުގައި ފަރިއްކޮޅަށް އެރުވި ފިހުނު ބަކަރިއަކުންނެވެ. ޚައިބަރު ހަނގުރާމައަށްފަހު އިސްލާމީދައުލަށާއި ރަސޫލާއަށް ލިބިވަޑައިގަތް ބިންތަކުގައި، އެބައިމީހުންނަށް ޙިއްސާއެއް ދެއްވާ ގޮތަށް ދަނޑުގޮވާން ކުރުމަށް ކީރިތި ރަސޫލާ އެބިންތައް ޙަވާލު ކުރެއްވީ ޚައިބަރުގައި ދިރިއުޅޭ ޔަހޫދިންނާއެވެ. މީގެއިތުން މުސްލިމުންގެ މުޝްރިކު މައިންބަފައިންނަށް ކަމޭހިތުމަށް ކީރިތި ރަސޫލާ ވަނީ އިރްޝާދު ދެއްވާފައެވެ. ޚުދް ކީތިރި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވަނި މިފަދައިންނެވެ. وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ މާނައީ: އަދި ދުނިޔެމަތީގައި ހެޔޮގޮތުގައި އެ ދެމީހުންނާ މުޢާމަލާ ކުރާށެވެ.

އިމާމު ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. އެއްފަހަރަކު ޢަބްދު ﷲ އިބްނި ޢަމްރުގެ ގޭގައި ބަކަރިިއެއް ކަތިލެވުނެވެ. އެކަލޭގެފާނުންގެ އަވައްޓެރިއަކަށް ޔަހޫދީއަކު އުޅެއެވެ. ދެން ގޭގެ މީހުންނަށް ޢަބްދު ﷲގެފާނު އެންގެވީ ޔަހޫދީ އަވައްޓެރިޔާއަށް ނުދީ ނުކެއުމަށެވެ.

10- ޢީދު މީލާގެ ތަހުނިޔާ ކިއުމާއި ކްރިސްޓްމަސް މަރުޙަބާ ކިއުން ހުއްދަބާ!

ޢީދު މީލާގެ ތަހުނިޔާ ކިއުމާއި ކްރިސްޓްމަސް މަރުޙަބާ ކިއުން ހުއްދަތޯ ނުވަތަ ނޫންތޯ މިމައްސަލާގައި މިއަަދުގެ ޢިލްމުވެރިން ވަނީ ދެބައަކަށް ބެހިފައެވެ. ސަޢޫދީ ޢަރަބިޔާގެ ޢިލްމުވެރިން ވިދާޅުވަނީ އެއީ ޙަރާމް ކަމެއް ކަމަށެވެ. މިޞުރުގެ ޢިލްމުވެރިންނާއި ޖޯޑަނާއި މޮރޯކޯގެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ހުއްދަކަމެއް ކަމަށެވެ. އެއްބަޔަކު ހުއްދަ ކުރަށްވާއިރު އަނެއްބަޔަކު އެކަން މަނާ ކުރަށްވައެވެ. މިއިން އެއްވެސް ކޮޅެއްގައި ސީދާ ޞަރީޙަ ނައްޞެއް ކީރިތި ޤުރުއާނުން ނުވަތަ ކީރިތި ރަސޫލާގެ ޙަދީޘުފުޅަކުން ވިއަސް ދައްކަވާފައި ނުވެއެވެ.

11- ތަހުނިޔާ ކިއުމާއި އެބައިމީހުންގެ އުފަލާއި ހިތާމައިގައި ބައިވެރިވުން:

ބަޔާންވެދިޔަ އިސްލާމީ ރިވެެތި އިޞޫލުތަކަށް ބަލާއިރު މިބަހުސުގެ 1 ވަނަ ނުކުތާ އިސްތިސްނާ ކުރުމާއެކު ހެޔޮގޮތުގައި މުޢާމަލާ ކުރުން މިއީ ދީނީ ރިވެތި ސިފައެކެވެ. މިގޮތުން އެބައިމީހުންގެ އުފާތަކުގައި ތަހުނިޔާ ކިއުމާއި ހިތާމާގައި ތަޢުޒިޔާ ކިޔައި ހިތާމަައިގައި ބައިވެރިވުން މިއީ އިންސާނިއްޔަތު އުނގަންނައިދޭ ރިވެތި ކަމެކެވެ.

12- ތަހުނިޔާއަކީ ދުޢާއެކެވެ! ކީރިތި ރަސޫލާ ޔަހޫދީއަކަށްޓައި ދުޢާކޮށް ދެއްވުން:

ތަހުނިޔާއަކީ ދުޢާއެކެވެ. ޣައިރު މުސްލިމުންނަށް ވެސް ހެވަށް އެދި ދުޢާ ކުރެވިދާނެއެވެ. ޚާއްޞަކޮށް ދުޢާގައި އެމީހުންނަށް ހިދާޔަތު ދެއްވުން އެދިއެވެ. رَسُولُ اللَّهِ ﷺ ޢުމަރުގެފާނު އިސްލާމްވެ ވަޑައިގަތުމުގެ ކުރިން އެކަލޭގެފާނާއި އަބޫ ޖަހުލާއި ދެމީހުން ކުރެން އެކަކަށް ހިދާޔަތު ދެއްވުމަށް އެދި ދުޢާ ކުރަށްވަތެވެ. އަދިވެސް އިބްނި އަބީ ޝައިބާގެ ރިވާޔަތެއްގައި އައިސްފައި ވެއެވެ. އެއްފަހަރަކު رَسُولُ اللَّهِ ﷺގެ އަރިހަށް ޔަހޫދީއަކު އައިސް ދުޢާކޮށް ދެއްވުމަށް ދެންނެވިއެވެ. އެހިނދު މިދުޢާފުޅު ވިދާޅުވިއެވެ. أَكْثَرَ اللَّهُ مَالَكَ وَوَلَدَكَ وَأَصَحَّ جِسْمَكَ وَأَطَالَ عُمْرَكَ މާނައީ: މާތް ﷲ ކަލޭގެ މުދަލާއި ދަރިން އިތުރު ކުރަށްވާނދޭވެ! ކަލޭއަށް ޞިއްޙަ ސަލާމަތުންހުރި ހަށިގަނޑެއް ދެއްވާނދޭވެ. އަދި ކަލެއަށް ދިގު ޢުމުރެއް ދެއްވާނދޭވެ!

13- ކީރިތި ރަސޫލާ ހޯމަ ދުވަހު ރޯދަފުޅަށް ހުންނަވަނީ ކީއްވެބާ!

رَسُولُ اللَّهِ ﷺ ހޯމަ ބުރާސްފަތި ދުވަހު ރޯދައަށް ހުންނަވަތެވެ. އެކަމުގެ ސަބަބެއް ކަމުގައި އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَيَّ فِيهِ މާނައީ: ހޯމަ ދުވަހު ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވާ ސަބަބަކީ އެއީ ތިމަން ކަލޭގެފާނު ރައްކައުވި ދުވަހެވެ. ހަމައެހެންމެ ތިމަން ކަލޭގެފާނުންގެ މައްޗަށް ވަޙީ ބާވައިލައްވަން ފެއްޓުނީވެސް އެދުވަހުއެވެ. އިމާމު އިބްނި ޚުޒައިމާގެ ރިވާޔަތުގައި އިތުރަށް އަންނަނީ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ أَمُوتُ فِيهِ އެވެ. މާނައީ: އެދުވަހަކީ ތިމަން ކަލޭގެފާނު ރައްކައުވި ދުވަހެވެ. އަދި އެދުވަހަކީ ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާނެ ދުވަހެވެ. (އެބަހީ އެކަލޭގެފާނު އަވަހާރަ ވާނެ ދުވަހެވެ.)

މިޙަދީޘުފުޅުން ދޭހަވަނީ ކީރިތި ރަސޫލާ އެކަލޭގެފާނުންގެ "އުފަންދުވަސް" ފާހަގަ ކުރަށްވާ ކަމެވެ. ފާހަގަ ކުރަށްވާ ގޮތް މިޒަމާނާ ތަފާތުވަނީތާއެވެ. އެހެންކަމުން ރީތި ގޮތުގައި ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރުމީވެސް ޙަރާމްކަމެކޭ ނުބުނެވޭނެއެވެ.

14- ޢީސާގެފާނުން ރައްކައުވުން:

ޢީސާގެފާނު ރައްކައުވި ގޮތާބެހޭގޮތުން ކީރިތި ޤުރުއާން ބަޔާން ކުރަނީ މިފަދައިންނެވެ. وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿٢٥﴾ މާނައީ: ކަމަނާ ކަދުރުރުކުގެ ރުއްގަނޑުގައި ހިއްޕަވާފައި ގާތަށް ހަލުވައިލައްވާށެވެ! އޭރުން ފައްކާވެފައިވާ ތާޒާ ކަދުރު ކަމަނާގެ ކުރިފުޅުމައްޗަށް ފައިބާނެތެވެ.

ޢީސާގެފާނު ރައްކައުވި ކަމަށް ނަސާރާއިން ބުނަނީ 25 ޑިސެމްބަރުގައެވެ. އެހެންކަމުން ދުނިޔޭގައި ފާހަގަ ކުރަމުންދަނީ މިދުވަހެވެ. އެހެން ބަސްތަކުގައި 7 ޖަނަވަރީ ކަމުގައިވެސް އާދެއެވެ. އަދި މިނޫން ދުވަސްތައް ވެސް ތާރީޚުގައި ލިޔެވިފައި ވެއެވެ. މިޙާދިޘާއަށް ބައްލަވައިގެން ބައެއް ބޭފުޅުން ވިދާޅުވަނީ ނަޞާރާއިން ޢީސާގެފާނު ރައްކައުވި ދުވަހެއް ދެކިގެން ފާހަގަކުރާ ދުވަހަކީ އެކަލޭގެފާނު ރައްކައުވި ދުވަސް ނޫންކަން މިއާޔަތުން ސާބިތުވާ ކަމަށެވެ. އެއީ ކަދުރު އަޅަނީ ހޫނު މޫސުމުގައި ކަމަށް ވާހިނދު މިތާގައި ކަދުރު ފަރީކުޅުއްވުމަށް މަރިޔަމްގެފާނަށް މާތް ﷲ ވަނީ އަންގަވާފައެވެ. އަދި އެދުވަސް އަންނަނީ ޑިސެމްބަރުގައި ކަމަށް ވިއަސް އަދި ޖަނަވަރީގައި ކަމަށް ވިއަސް މިބުނެވޭ ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރެވެ. އަޅުގަނޑު ދަންނަވާނީ މިބޭފުޅުންނަށް މަރްޔަމުގެފާނަށް ނުމޫސުމުގެ މޭވާ ދެއްވަމުން ގެންދެވިކަން ހަނދުމަފުޅު ނެތުނީތޯއެވެ؟ އާލުޢިމްރާނުގެ 37ވަނަ އާޔަތުގައި މާތް ﷲ ވަނީ އެވާހަކަ މަރްޔަމުގެފާނުންގެ ދޫފުޅުން ބަޔާން ކުރަށްވާފައެެވެ. އެހެންކަމުން މަރުޔަމްގެފާނަށް މާތް ﷲ ފަރިއްކުޅުއްވުން ދެއްވީއަކީ މޫސުމާ ގުޅުއްވައިގެނެއް ނޫނެވެ.

15- ޢީސާގެފާނުންގެ މީލާދީ ދުވަހަކީ ސަލާމަތްތެރިކަން ލައްވާފައިވާ ދުވަހެކެވެ.

ޢީސާގެފާނުން ރައްކައުވެ ވަޑައިގަތް ދުވަހަކީ މާތް ދުވަހެކެވެ. ﷲގެ ޙަޟުރަތުން ރަޙްމަތާއި ސަލާމަތްތެރިކަން ލައްވާފައިވާ ދުވަހެކެވެ. އެދުވަހާ ބެހޭގޮތުން ޢީސާގެފާނުންގެ ދޫފުޅުން (މަރިޔަމް ސޫރަތުގައި) މާތް ﷲ ވަޙީ ކުރަށްވަނީ މިފަދައންނެވެ. وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴿٣٣﴾ މާނައީ: މިއަޅާ އުފަންވި ދުވަހުގައްޔާއި މަރުވާ ދުވަހުގައި ވެސް އަދި މަޙްޝަރު ކުރެއްވެވޭ ދުވަހު ވެސް މިއަޅާއަށްވަނީ ﷲގެ ޙަޟުރަަތުން ސަލާމަތްތެރިކަމާއި ރަޙްމަތް ލައްވާފައެވެ.

16- އަޅުގަނޑުގެ ފަހުބަސް:

މިދެންނެވުނީ އިސްލާމް ދީނުގައި ޣައިރު މުސްލިމުން، ޚާއްޞަކޮށް ފޮތުގެ އަހުލުވެރިންނާއެކު މުޢާމަލާކުރަން އޮންނަ ގޮތެވެ. އިސްލާމް ދީން އަންގަނީ ޢަދާވާތްތެރިން ނޫން މީހުންނަށް ހެއުކޮށް ހިތައި ޢަދުލުވެރިކަމާއެކު އެއުރެންނާއެކު ކަންކަން ކުރުމަށެވެ. އިލާހީ ވަޙީ ބަސްފުޅުގައިވަނީ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ މިއެވެ. ކަންމިހެން ހުރުމާއެކު އެބައިމީހުން އުފާފައުޅުކުރާ ދުވަހު މަރްޙަބާ ކިއުމާއި ތަހުނިޔާ ކިއުމަކީ އިންސާނިއްޔަތު އަންގައިދޭ ކަމެކެވެ. އިސްލާމީ ރިވެތި އުޞޫލާއި ހަމަތައް ދައްކުވައިދޭ ކަމެކެވެ. މިވާހަކައަކީ އަޅުގަނޑު ދެކޭގޮތެވެ. އަޅުގަނޑުގެ ފިކުރާއި ޚިޔާލެވެ. އިސްލާމީ ފަތްފުށްތަކުގެ ގަނޑުތައް އުކާލުމުން އަޅުގަނޑަށް ދޭހަވާ ދޭހަވުމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތާއި ހެޔޮ ތައުފީޤު ދެއްވާށިއެވެ. އިސްލާމީ ޢިލްމުގެ ޞައްޙަނޫރުން އަޅުގަނޑުމެންގެ ސިކުނޑުތައް އަލި ކުރަށްވާށިއެވެ. އަދި މިދިރާސާގައި އަޅުގަނޑަށް ގޯހެއް ބުނެވިފައި ވާނަމަ އެކަމަށް އަފޫކޮށް ދެއްވުމަށް އެދި އެއިލާހުގެ ޙަޟުރަތުގައި އަދައި ދަންނަވަމެވެ.

މާތް ﷲ އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާއަށާއި ޢީސާގެފާނަށާއި އެންމެހައި ރަސޫލުންނަށް ގިނަގުނަ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އާމީން!



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން