ޞާދިރު ޢަލީދީދީ   27 ޑިސެމްބަރު 2020 - 12:48
ވޭނީކަރުނަ
ވޭނީކަރުނަ
11 ވަނަ ބައި

..................

މުޢާޒު ރަމްލާގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ. އޭނާ ޙައިރާން ކަމާއެކު ރަމްލާގެ މޫނަށް ބަލާލަމުން ބުންޏެވެ.

[މޭކަޕެއް ނުކުރާނަން ހެއްޔެވެ.]

[އަޅުގަނޑަށް ރަނގަޅު ނޫނީއެވެ.]

[އަހަރެން ހެއްޔެވެ. ނޫނީ މޭކަޕް ހެއްޔެވެ؟]

[ރަމްލާ ތުރުތުރު އަޅައިގަތެވެ. އޭނާ އިސްދަށަށް ޖަހާލިއެވެ. ފަހަރެއްގައި އޭނާގެ ބެލުމުން ހުރިހާ ސިއްރެއް ބޭޒާރު ވެދާނެތީއެވެ.]

[މިދުވަސްކޮޅު މީރުވަސް އަޅުގަނޑަކަށް ރަނގަޅެއް ނޫނެވެ.... ލިޕްސްޓިކްގެ މީރުވަހާއި، މޫނުގައި ޖަހާފުށުގެ މީރުވަހެވެ.... ނޫނީ.... އެއްވެސް އެއްޗެއްގެ މީރުވަހެއް އަޅުގަނޑަކަށް ރަނގަޅެއް ނޫނެވެ.]

[ހުރިހާ އެއްޗެއްގައި އަނެއްކާ އަހަރެން ނުހިމެނޭ ބާވައެވެ....] މުޢާޒު ލާނެއްގޮތަކަށް ރަމްލާގެ ކޮލުގައި ކޮއްޓާލަމުން ބުންޏެވެ...

ރަމްލާ މުޅިން ހިމޭން ވެއްޖެއެވެ. މުޢާޒު، ކައިރިއަށް ޖެހިލުމުން ރަމްލާ ފަހަތަށް އެއްފިޔަވަޅު އަޅާލިއެވެ.

[އަހަރެންވެސް ކަމުނުދަނީ ހެއްޔެވެ....؟]

[ނޫނެކެވެ..] ކަންބޮޑުވެފައިވާ ރަމްލާ އަވަހަށް ބުންޏެވެ...] އެކަމަކު ތިޔަމީރުވަސް... ތިޔަ ސިނގިރޭޓްގެވަސް .... އާފްޓަރޝޭވްގެ ވަސް..... ހުރިހާ ވައްތަރެއްގެ މީރު ވަހަކުންވެސް އަޅުގަނޑަށް ދުވަނީ ނުބައި ވަހެކެވެ.]

[ރަމްލާ މީގެކުރިން ތިޔަވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ.] މުޢާޒު ލޯތްބާއެކު ބުންޏެވެ. [ތިޔައީ ޤުދްރަތީ ބަދަލުވުމެކެވެ..... މިއަދުގެ ފަހަށް އަހަރެން ހުވަނދުލުން ހުއްޓާލާނަމެވެ...]

[ނޫނެކެވެ. މުޢާޒު ހުރިހާކަމެއް ކުރައްވަން ވާނެއެވެ. އެކަމަކު އަޅުގަނޑު....]

އޭނާ ބުނަން އުޅުނު ޖުމްލަ ނިންމައެއް ނުލެވުނެވެ.... އެބުނަން އުޅެނީ ކީކޭ ބާވައެވެ.

[އެކަމަކު އަހަރެންގެ ގައިގައި އަތްނުލާށެވެ. އެހެން ނޫން ހެއްޔެވެ....] މުޢާޒު ޖުމްލަ ފުރިހަމަ ކޮށްލިއެވެ. ދެން ހަރުއަޑުން ހޭންފަށައިފިއެވެ. [އަތްނުލާންވީ ކީއްވެގެން ހެއްޔެވެ. އޭނާ ކުރިއަށްޖެހިލާފައި ރަމްލާގެ އަތުމުލައްދަނޑީގައި ހިފަހައްޓައިފިއެވެ...

[މިހާރު ރަމްލާ ކުރިއަށްވުރެވެސް ރީއްޗެވެ.... ރަމްލާގެ މައްޗަށް ޤުރްބާން ވެދާނަމޭ އަހަރެންގެ ހިތަށް އަރައެވެ. މިހާރަކަށް އައިސް ރީތިވަމުން ތިޔަދަނީ ފުރިހަމައަށް ބަލާލަންވެސް ނުކެރޭ ދަރަޖައަކަށެވެ. އަނެއްކާ އަހަރެންގެ އެސްފީނާ ނުޖެހޭނެ ބާވައެވެ. ރަމްލާއަށް އެބައެނގޭ ހެއްޔެވެ. ތިޔަ މޫނު މައްޗަށް އަރަމުންދަނީ އަހަރެންގެ ދަރިފުޅުގެ ރީތި ސިފައެވެ....]

ބާރަށް ހީނގަންނަން ރަމްލާގެ ހިތަށް އެރިއެވެ.... އެހާ ސިފަހުތުރު ނުބައި ވަސްދުވާ މީހެއްގެ ދަރިއަކު އެހާ ރީތިވާނީ ކިހިނަކުން ހެއްޔެވެ؟

ރަމްލާ ރަކިވެފައި ހުރިތަން ފެނިފައި މުޢާޒު އޭނާއާ ތޮޅެލަން އުޅުނެވެ. އެވަގުތު ރަމްލާ އަވަސް އަވަހަށް ބުންޏެވެ.

[މިހާރު އެއޮއްގެން ހަތެއް ޖެހީއެވެ. އަވަސް ކުރައްވާށެވެ.]

[އަސްތާ ހަތެއްޖެހީ ދޯއެވެ. ރަމްލާގެ ކައިރީގައި ވާހަކަ ދައްކަން ކިތަންމެ އިރަކުވެސް ހުރެވިދާނެއެވެ. ހަމަ މިހާރު ތައްޔާރު ވެލާނަމެވެ.]

މިހެން ބުނުމާއެކު މުޢާޒު ރަމްލާގެ އަތުން ދޫކޮށްލާފައި ފެންވަރާ ކޮޓަރިއާ ދިމާއަށް އެނބުރިލައިފިއެވެ. ރަމްލާ އަމިއްލަ ހިތުގައި މޯޅިއަށް ދެމެމުންދާ ނަފްރަތާއި، މޫނުމަތިން ފާޅުވަމުންދާ ހާސްކަން ނިންދަވަން އުޅުނެވެ. ކުޑަކުއްޖަކު ރުއްސައިގެން ނިންދަވަން އުޅޭ ކަހަލަ ގޮތަކަށެވެ. އަދި މުޢާޒުއާއެކު މަންމަގެ ގެއަށް ދިއުމަށް އަމިއްލަ ހިތާއި ސިކުނޑި އެއްބަސް ކުރުވަން ފަށައިފިއެވެ.

ރަމްލާ މޫނުމަތީގައި ބާލީސް އަޅައިގެން އޮތްއިރު ހީވަނީ ވަށައިގެންވާ ހުރިހާ އަލިކަމެއް ނައްތާލާފައި އަނދިރީގައި މޫނު ފޮރުވަން އުޅެނީ ހެންނެވެ. ކައިވެނީގެ ރޭތަކަކީ އަމިއްލަ އިޚްތިޔާރުގައިވާ ރޭތަކެއް ނޫނެވެ. އެކަމަކު އޭގައި އަމިއްލަރުހުމާއި އުފާވެރިކަން އެކުލެވިފައި ނުވާނަމަ އެއީ ވަޅުލެވިފައިވާ ރޭތަކެއް ކަމުގައި ވެދެއެވެ... ހިތާމަ ހުއްޓެވެ.

ރަމްލާ އޮށޯވެގެން އޮވެ ވިސްނަމުން ދިޔައެވެ. ބައެއް ފަހަރަށް އިޚްތިޔާރަކާނުލާ އޭނާގެ ލޮލުން ކަރުނަ އޮހޮރިގަނެއެވެ. އަދި އެކަރުނަތިކިތައް ފައިބައިގެންގޮސް ކަންފަތަށް އެޅެއެވެ. ދެން އޭނާ އަރިއަކަށް ޖެހިލާފައި އެކަރުނަތައް ކަންފަތުން ނެރެވޭތޯ އުޅެއެވެ. އެގޮތަށް ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮންނައިރު އޭނާގެ ދެއަތްއޮންނަނީ ބަނޑުމަތީގައެވެ. ބަނޑުގެ ހަރުކަމާއި ބޮޑުކަން ރަނގަޅަށް އިޙްސާސް ކުރެއެވެ. އަދި ބައެއް ފަހަރަށް ބަނޑުން ތޮޅިލުމުން ސިހިދެއެވެ. ބިރުން ކޮޅަށް ތެދުވެއެވެ.

މިއީ ކޮން ތެޅުމެއް ހެއްޔެވެ.

އޭނާގެ ލޭގެ ދައުރުވުމުގައި އެއްވެސް ކަހަލަ އަރާމެއް ނުއުފެދެއެވެ. އަދި އޭނާގެ އިޙްސާސްތަކަށް މާތަކުގެ ވާރެއެއްވެސް ނުވެހެއެވެ. އެވަގުތު އޭނާ އޮންނަނީ ހަމައެކަނި އޭނާގެ ދަރިފުޅުގެ ސިފައާމެދު ވިސްނާލަ ވިސްނާލައެވެ.

އޭނާ މީގެ ކުރީގައި ކުޑަކުއްޖަކު ދުނިޔެއަށް އައި މަންޒަރެއް ނުދެކެއެވެ. އޭނާ ދެކެނީ ހަމައެކަނި އެއްބަނޑު އެއްބަފާ މީހުންގެ ދަރިންނެވެ. އޭނާ އެކުދިން އުރައެވެ. ކާންދެއެވެ. މީގެ ކުރިއަކުން މިކަހަލަ ބޭޒާރެއްވެސް ނުވެއެވެ. މިގޮތަށް ބަނޑުބޮޑެއް ނުވެއެވެ. ކުރިން އޭނާ އުޅުނީ މީރުވަސްދުވާ އެއްޗެއްސާ ރީތި ގަހަނާއާއި ލޯބިލޯބި ތުއްތު ކުދިންގެ ދުނިޔެއެއްގައެވެ. އެކަމަކު މިއަދު އޭނާގެ އަމިއްލަ ދަރިފުޅުގެ ސޫރަ އޭނާގެ ހިތަށް ނުގެނެވިގެން މިއުޅެނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ދަރިފުޅުގެ ސިފަދެކެލުމަށްޓަކާ ލޯމަރާ ތަގުޅި ކޮށްލައިގެން ހިތުގެ ތެރެއަށް ފީނައިގަތުމުން މުޢާޒުގެ މޫނު އޭނާއާ ކުރިމަތިލައެވެ. މާތް ކަލާކޯއެވެ. އޭނާ މޭނުބައި ކޮށްގަނެއެވެ.

އަނެއްކޮޅުން ރޭގަނޑަށް މުޢާޒު އެހާވަރަށް އުނދަގޫ ކުރެއެވެ. ފަތިސްވާއިރު އޭނާ އޮންނަނީ ހާސްކަމުގެ ޝިކާރައަކަށްވެފައެވެ. އޭނާގެ ހިތަށް އަރައެވެ. ކޮންއިރަކުން ހެއްޔެވެ. ކޮންއިރަކުން ހެއްޔެވެ. އޭނާގެ ހަށިގަނޑު ލޫޓުވުމުގައި ހިތުގެ އާދޭސް އަޑުއަހާނީ ކޮންއިރަކުން ހެއްޔެވެ. ކިހާ ދުވަހަކުން ހެއްޔެވެ.

މިއީ ލޫޓުވުމެއްނޫނެވެ. އޭނާގެ ސިކުނޑި ބުނެއެވެ.

މިއީ ކައިވެނީގެ ޒީނަތްތެރި ކަމެވެ. އަދި ޝަރްޢީގޮތުން ބަލާއިރު ހުއްދަ ދެވިފައިވާ ހަނގުރާމައެކެވެ.

އޭނާއަށް ހަމަޖެހުމުގެ އެއްވެސް ކޮޅުމަގެއް ނެފުނުމުން މޫނުމަތީގައި ބާލީސް އަޅައިގެން އަނދިރި ހޮހަޅައިގެ ތެރޭގައި ފޮރުވިގަނެއެވެ. ލޯމަރާލައެވެ. ވަށައިގެން އިވެމުންދާ އަޑުތަކަށް ބީރު ކަންފަތެއް ދެއެވެ.

މައިދައިތަ ރަމްލާއަށް ގޮވައަމުން އެތެރެއަށް އަތުވެއްޖެއެވެ.

[ދަރިފުޅާއެވެ. ދަރިފުޅާއެވެ....]

އޭނާ ދެންވެސް މޫނުމަތިން ބާލީސް ނުނެގުމުން މައިދައިތަ ތަންކޮޅެއް ބާރަށް ބުންޏެވެ.

[ދަރިފުޅާއެވެ. ކިހިނެއްވީ ހެއްޔެވެ. އަނެއްކާ މާބޮޑަށް ގޯސްވީ ހެއްޔެވެ؟]

[ނޫނެކެވެ....] އޭނާ ޚިޔާލުތަކުގެ ދުނިޔެއިން ނުކުމެއްޖެއެވެ. އަދި މޫނުމަތިން ބާލީސް ނަގާފައި ތެދުވެ އެށީނދެއްޖެއެވެ.

[އެހެންވިއްޔާ ތިޔަގޮތަށް ތިޔަ އޮންނަނީ ކީއްވެގެން ހެއްޔެވެ.]

[ދެންހަމަ އޮވެލީއެވެ.... ކުޑަކޮށް ކަންނެއްވާ ކަހަލަ ގޮތެއްވީއެވެ....] އޭނާ ދިގު އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ބުންޏެވެ.

[މަންމަގެ ފޯނެއް އެބައޮތެވެ. އަވަހަށްގޮސް ބަލާށެވެ.]

[އެހެންތޯއެވެ....]

ރަމްލާ އަވަސް އަވަހަށް ތެދުވެއްޖެއެވެ. އަދި ރޫޖެހިފައިވާ ހެދުން ރަނގަޅު ކުރަމުން ބޭރަށް ނުކުމެއްޖެއެވެ.

[ކިހިނެއްވީ ހެއްޔެވެ. ދަރިފުޅުގެ އަޑު ތިޔަހާ ބަރީ ކީއްވެގެން ހެއްޔެވެ.] މަންމަ ކަންބޮޑުވެފައި ސުވާލުކުރިއެވެ.

[މަންމާއެވެ. އަޅުގަނޑު މިއައީ ނިދަން އޮވެފައެވެ. އެހެން ކޮންކަމެއްތޯއެވެ.]

[އަދިވެސް ނިދާ ނުހޭލަނީ ހެއްޔެވެ.] މަންމަގެ އަޑުގައި ހުރީ ނުރުމުހުގެ ރާގެވެ.

[ލައްބައެވެ....] ރަމްލާ ރަކި ހުނުމަކާއެކު ބުންޏެވެ.

[ހެނދުނު ފަތިހާ ތެދުވާން އާދަކުރާށެވެ. ނަމާދުކޮށް ހަދާށެވެ. ނަމާދުކުރުމުގެ އާދަ ފެނަށްވެގެން ދިޔައީ ހެއްޔެވެ.]

[އަޅުގަނޑު ނަމާދާމެދު ފަރުވާކުޑައެއް ނުކުރާނަމެވެ. މަންމާއެވެ....] ރަމްލާ ހަމައެކަނި މިހެން ބުނެލިއެވެ.

[ދަރިފުޅުގެ މައިދައިތަ ކިހިނެއް ހެއްޔެވެ.]

[އެއީ ވަރަށް ރަނގަޅު މަންމައެކެވެ.]

[ވަރަށް ރަނގަޅެވެ. ދަރިފުޅު ނުވައެއް ދިހައެއް ޖަހާއިރު ނިދާ ހޭލަނީ އެހެންވެގެން ހެއްޔެވެ.]

ރަމްލާގެ ތުންފަތް މަތީގައި ހިތި ހިނިތުންވުމެއް ދުވެލިއެވެ. ދެން އޭނާ ބުނާނީ ކީކޭ ހެއްޔެވެ. އޭނާ ނުނިދާ ހޭލާއުޅޭތާ މިހާރު ދެރޭ ދެދުވާ ވެއްޖެއެވެ.

[މަންމާއެވެ. ބުނުއްވަ ބައްލަވާށެވެ. މަންމަގެ ޙާލު ކިހިނެއްތޯއެވެ. ބައްޕަ ކިހިނެއްތޯއެވެ....؟]

[އެންމެންގެ ޙާލުވެސް ރަނގަޅެވެ.] މަންމަ ބުންޏެވެ. [މިއަދު ހަވީރު މަންމަ ޕަންޑީއަށް ދަނީއެވެ.]

[އަނެއްކާ މާގޯސްވީތޯއެވެ...؟]

[މާކަ ގޯހެއްނޫނެވެ. ޝާންގެ ފޯނުކޯލެއް އައީއެވެ. ކިސްރާއަށް އުނދަގޫވަނީއެވެ. އޭނާ އެތަނަށްގޮސް މާބޮޑަށް މަސައްކަތްކުރީ ކަމުގައި ވެދާނެއެވެ. އެހެންކަމުން ދުވަސް ކައިރިވުމުގެ ކުރިން ބަނޑުގައި ރިއްސަން ފެށީއެވެ. މިހާރުއޮތީ ހޮސްޕިޓަލުގައެވެ. އެކަމަކު އެތާނގައި އޭނާ ބަލަހައްޓާނެ މީހަކު ނުހުންނާނެއެވެ. ޝާން ބޭބެ އުޅެންޖެހޭނީ މަސައްކަތުގައެވެ. އެހެންވީމާ މަންމަ ދުވަސް ދުވަސްކޮޅަކު އިނދެލާނަމެވެ.]

[ލައްބައެވެ. މަންމާއެވެ. ކޮންމެހެންވެސް ދުރުވަން ވާނެއެވެ.] ރަމްލާ އަވަސް އަވަހަށް ބުންޏެވެ. [ކިސްރާ ދައްތަގެ ދަރިފުޅުވެސް އަދި ވަރަށްކުޑައެވެ. ދައްތަ ހޮސްޕިޓަލުގައި އޮންނައިރު އެމަންޖެ ބަލަން މީހަކުވެސް ނުހުންނާނެއެވެ.]

[ދަރިފުޅުގެ ޙާލު މިހާރު ކިހިނެއް ހެއްޔެވެ؟]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން