ޞާދިރު ޢަލީދީދީ   28 ޑިސެމްބަރު 2020 - 12:14
ވޭނީކަރުނަ
ވޭނީކަރުނަ
12 ވަނަ ބައި

..................

މާކަ ގޯހެއްނޫނެވެ. ޝާންގެ ފޯނުކޯލެއް އައީއެވެ. ކިސްރާއަށް އުނދަގޫވަނީއެވެ. އޭނާ އެތަނަށްގޮސް މާބޮޑަށް މަސައްކަތްކުރީ ކަމުގައި ވެދާނެއެވެ. އެހެންކަމުން ދުވަސް ކައިރިވުމުގެ ކުރިން ބަނޑުގައި ރިއްސަން ފެށީއެވެ. މިހާރުއޮތީ ހޮސްޕިޓަލުގައެވެ. އެކަމަކު އެތާނގައި އޭނާ ބަލަހައްޓާނެ މީހަކު ނުހުންނާނެއެވެ. ޝާން ބޭބެ އުޅެންޖެހޭނީ މަސައްކަތުގައެވެ. އެހެންވީމާ މަންމަ ދުވަސް ދުވަސްކޮޅަކު އިނދެލާނަމެވެ.]

[ލައްބައެވެ. މަންމާއެވެ. ކޮންމެހެންވެސް ދުރުވަން ވާނެއެވެ.] ރަމްލާ އަވަސް އަވަހަށް ބުންޏެވެ. [ކިސްރާ ދައްތަގެ ދަރިފުޅުވެސް އަދި ވަރަށްކުޑައެވެ. ދައްތަ ހޮސްޕިޓަލުގައި އޮންނައިރު އެމަންޖެ ބަލަން މީހަކުވެސް ނުހުންނާނެއެވެ.]

[ދަރިފުޅުގެ ޙާލު މިހާރު ކިހިނެއް ހެއްޔެވެ؟]

[އަޅުގަނޑުގެ ޙާލު މުޅިން ރަނގަޅެވެ.]

[ވަރަށް ބަލައިގެން އުޅޭށެވެ.]

[ލައްބައެވެ. މަންމާއެވެ....]

[އެންމެ ރަނގަޅެވެ. އަހަރެން އެކޮޅަށްގޮސް ފޯނު ކުރާނަމެވެ.]

[މަންމާއެވެ....] ރަމްލާ ކުއްލިއަކަށް ބުންޏެވެ.]

[އަޅުގަނޑުވެސް ޕިންޑީއަށް ދާހިތްވެއެވެ.] މަންމަ އިތުރު އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ބުންޏެވެ. [އަޅުގަނޑު ވަރަށް ބޮޑަށް ކިސްރާ ދައްތަ ދެކޭހިތް އެބަވެއެވެ.]

[ފުރަތަމަ މަންމަ އެތަނަށް ދިޔަދޭށެވެ. އޭގެ ފަހުގައި ދަރިފުޅު މުޢާޒުއާއި މައިދައިތަ ގާތުގައި ބުނާށެވެ. އެމީހުން ހުއްދަ ދީފިއްޔާ އެއް ހަފްތާއަށް އަންނާށެވެ. ކައިވެނީގެ ފުރަތަމަ ކޮޅުގައި އެގޮތަށް އަބަދު ބޭރުގައި އުޅުން ރަނގަޅެއް ނުވާނެވެ.]

[މަންމާއެވެ. އަޅުގަނޑު ދާނީ އެމީހުންގެ ހުއްދަ ލިބިގެންނެވެ. ހުއްދަ ނުލިބިއްޖެއްޔާ ނުދާނަމެވެ.]

[އާނއެކެވެ... ރަނގަޅެވެ... ދެން ފޯނުބާއްވަނީއެވެ... މާތްރަސްކަލާނގެ ދަރިފުޅު ރައްކާތެރި ކުރައްވާށިއެވެ..]

މަންމަ ފޯނު ބާއްވައިފިއެވެ.

ރަމްލާ ކާލިއަޅަމުން ކަހަލަގޮތަކަށް އައިސް ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. ފެންވަރައިގެން ނުކުތްއިރު ހަށިގަނޑު ތަންކޮޅެއް ތާޒާ ވެއްޖެއެވެ. ދެން ނާސްތާ ކުރުމަށްފަހު މައިދައިތަގެ ކައިރީގައި އިށީންދެއްޖެއެވެ. އަދި މަންމަގެ ފޯނާއި ބެހޭގޮތުން ތަފްޞީލު ކިޔައިދޭން ފަށައިފިއެވެ. އެކަމަކު ޕިންޑީއަށް ދިއުމުގެ ވާހަކައެއް ނުބުނެއެވެ.

ތިންވަނައަށްވީ ދުވަހު މަންމަ ފޯނުކުރިއެވެ. މަންމަގެ ވާހަކައިގެ ތެރޭގައި ކިސްރާ ދައްތަ އަންހެން ކުއްޖަކު ވިހައިފި ވާހަކަ ބުންޏެވެ. ހަމައެވަގުތު އުދުހިލާފައި އެތަނަށް ހިނގައިދާނަމޭ އެނާގެ ހިތަށް އެރިއެވެ.

ފުރިހަމަ އެއް ހަފްތާއަށްފަހު ކިސްރާ ދައްތަ ހޮސްޕިޓަލުން ގެއަށް ބަދަލުވެއްޖެއެވެ. އެއާއެކު ރަމްލާ އޭނާއަށް ފޯނުކޮށް އުފާ ފާޅުކުރަމުން ބުންޏެވެ.

[ރަމޫއެވެ. ކޮއްކޮގެ ބޭނުން މިހާރު ވަރަށްބޮޑެވެ. އަވަހަށް އަންނާށެވެ. މަންމަވެސް އެއުޅުއްވަނީ ތިޔަކޮޅަށް ދާށެވެ.]

މިހާރު ރަމްލާ އެހުންނަނީ މައިދައިތަގާތު ވާހަކަ ދައްކާލާނެ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. އެންމެ ފަހުން އެއްދުވަހަކު ދަނޑިވަޅު ލިބިއްޖެއެވެ. ރަމްލާ މަޑުމަޑުންގޮސް މައިދައިތަ ކައިރީގައި އިށީނދެފައި ބުނަން ފެށިއެވެ.

[މަންމާއެވެ. މަންމަގެ ހުއްދަ އޮތީއްޔާ އަޅުގަނޑު ކުޑަދުވަސްކޮޅަކަށް ރާވަލްޕަންޑީއަށް ގޮސްލަންތޯއެވެ. ކިސްރާ ދައްތަ ހޮސްޕިޓަލުގައި ވިހައިފިއެވެ. މަންމަވެސް މިހާރު މިކޮޅަށް ދުރުވެއްޖެއެވެ. އެހެންކަމުން އޭނާ މިހާރު އުޅެނީ އެކަނިމާ އެކަންޏެވެ. އަޅުގަނޑު ދާން މިއުޅެނީ ކިސްރާ ދައްތަ އަންގައިގެންނެވެ.]

މައިދައިތަ އާދައިގެ މަތިން އައިނު ނަގާފައި ފުރަތަމަ ރަމްލާގެ މޫނަށް ބަލައިލިއެވެ. ރަމްލާގެ ލޮލުގައިވާ އާދޭހުގެ ހެކި ދެނެގެންފިއެވެ. ދެން ބުންޏެވެ.

[މުޢާޒު ގާތުގައި ފުރަތަމަ އަހާށެވެ.]

[މަންމާއެވެ....] ރަމްލާ ތެޅިގެންފައި ބުންޏެވެ. [ފުރަތަމަ މަންމަ ހުއްދަ ދެއްވާށެވެ. އޭގެ ފަހުގައި އަޅުގަނޑު މުޢާޒު ގާތުގައި ބުނެފާނަމެވެ.]

[ދަރިފުޅު ތިޔައީ މޮޔައެއް ހެއްޔެވެ. ފިރިމީހާގެ ގާތުގައި ދައްކަންޖެހޭ ވާހަކަ ތިޔަދައްކަނީ މަންމަ ގާތުގައެވެ.]

[ނޫނެކެވެ. މަންމާއެވެ. އަޅުގަނޑު އަހާނީ މަންމަ ގާތުގައެވެ. މުޢާޒުދެކެ އަޅުގަނޑު ބިރުގަނެއެވެ.]

[އޭނާ ދަރިފުޅު ބިރުގަންނަވަނީ ހެއްޔެވެ؟]

[ނޫނެކެވެ.] ރަމްލާ ހީނގަތެވެ. [ފަހަރެއްގައި އޭނާ އިންކާރު ކުރައްވައިފިއްޔާ އިތުރު އެއްޗެކޭ ބުނާހާ ހިތްވަރެއް އަޅުގަނޑަކަށް ނުލިބޭނެއެވެ.]

[ފިރިން ރުއްސުމަކީ އަނބިންގެ ކަމެކެވެ. ދަރިފުޅު ތިޔައުޅެނީ ހަމައެންމެކަމެއް ޙައްލުނުކުރެވިގެން ހެއްޔެވެ.]

[ނޫނެކެވެ. މަންމާއެވެ...] ރަމްލާ އެހާގާތުގައި ހުރެފައިމެ މައިދައިތަގެ އަތު މުލައްދަނޑީގައި ހިފާ އެލިގަތެވެ. [ފުރަތަމަ މަންމަ ހުއްދަ ދެއްވާށެވެ.]

[މަންމަގެ ހުއްދަ އެބައޮތެވެ. [މައިދައިތަ ހީނލާފައި ބުންޏެވެ. [ކުޑަދުވަސްކޮޅަކު އިނދެލާފައި އަންނާށެވެ.]

[ވަރަށް ރަނގަޅެވެ. ތިޔައީ ކިހާރަނގަޅު މަންމައެއް ހެއްޔެވެ.] ރަމްލާ މައިދައިތަގެ ކޮނޑުމަތީގައި ބޯ އަޅާލިއެވެ.

[ދަރިފުޅު ބަލައިގެން އުޅޭށެވެ. ކުޑަދުވަސްކޮޅަކުން ދަރިފުޅަށްވެސް ކުޑަކުއްޖަކު ލިބިދާނެއެވެ.]

[ލައްބައެވެ. އެކަމަކު، މަންމާއެވެ...] ރަމްލާ ޚިޔާލުގެ ތެރޭގައި ހުރެގެން ބުންޏެވެ. [ހަވީރުން މުޢާޒު ދުރުވާނެ ނޫންތޯއެވެ. އެންމެ ފުރަތަމަ އެވާހަކަ ފައްޓަވާށެވެ.]

[ކީއްވެގެން ހެއްޔެވެ....؟]

[އަޅުގަނޑު ލަދުގަންނަނީއެވެ. އޭނާ ބުނުއްވާނީ މަންމަގެ ގޭގައި އެއްމަސް ދުވަސް ވަންދެން ހުރުމަށްފަހު އެނބުރި އައިތާ އަދި މާގިނަދުވަހެއް ނުވަނީސް އަނެއްކާ....]

[އާނއެކެވެ. ބުނާނެއެވެ. ޖަވާބުގައި ދަރިފުޅުވެސް ވާހަކަ ދައްކާށެވެ.]

[މާތްކަލާކޯއެވެ. ނުކެރޭނެއެވެ. މަންމަ ވާހަކަ ނުދައްކަވައި ފިއްޔާ އަޅުގަނޑު ރޯނަމެވެ.] ރަމްލާއަށް ރޮވިއްޖެއެވެ.

[މޮޔަގަނޑާއެވެ. މަންމަ ބުނެދޭނަމެވެ. އެކަމަކު ތިމާގެ ފިރިމީހާދެކެ ތިޔަވަރަށް ލަދުގަންނާކަށް ނުވާނެއެވެ. ފިރިމީހާއަކީ ތިމާގެ އެންމެގާތް ބައިވެރިޔާއެވެ. އެމީހާ ގާތުގައި ކޮންމެފަދަ ވާހަކަ އެއްވެސް ދެކެވިދާނެއެވެ.]

މުޢާޒު ހަވީރުގެއަށް އައިރު ފެންޑާގައި މަންމަ އިނެވެ. މަންމަ އޭނާ ހުއްޓުވައިފިއެވެ. އެތެރެއަށް ނުވަދެވެނީސް މަންމަ އޭނާ މަޑުކުރުވުމުން ރަމްލާ އުފާވެއްޖެއެވެ. މިއަދު އޭނާ ޕަނޑީއަށް ދިއުމާ ބެހޭގޮތުން މައިދައިތަ ވާހަކަ ދައްކާނެއެވެ. އެކިއެކި ވާހަކަ ދެއްކުމަށްފަހު މައިދައިތަ ބުންޏެވެ.

[ދަރިފުޅުގެ ފަހަރި ވިހޭ ވާހަކަ ރަމްލާ ނުބުނޭ ހެއްޔެވެ.]

]މީގެ ކުރީގެ ދުވަހަކު ރަމްލާ ބުންޏެވެ.]

[ފޯނުކޮށްފައި ޙާލު ބަލާލިން ހެއްޔެވެ؟]

[ނޫނެކެވެ. ރަމްލާ ފޯނުކުރިއެއް ނޫންތޯއެވެ.]

[ދަރިފުޅުވެސް ކޮންމެވެސް ދުވަހަކުން ވާހަކަ ދައްކާލަން ވާނެއެވެ.] މަންމަ ބުންޏެވެ.

[ލައްބައެވެ....]

]ރަމްލާ ބޭނުންވަނީ ޕަންޑީއަށް ދިއުމަށެވެ.]

[މަންމަ ގާތުގައި ތިޔަވާހަކަ ބުނީ ކާކުތޯއެވެ.] މުޢާޒު ބުންޏެވެ.

[އަހަރެން ގާތުގައި ބުނީ ހަމަ ރަމްލާއެވެ.]

[ދެން މަންމަ ބުނުއްވީ ކީކޭތޯއެވެ.]

[އަހަރެން އޭނާއަށް ހުއްދަ ދީފީމެވެ.]

[ހުއްދަ ދެއްވީތޯއެވެ؟] މުޢާޒުގެ އަޑުގައި ޙައިރާންކަން އެކުލެވިފައިވިއެވެ.

[އާނއެކެވެ.]

[މަންމާއެވެ. އެޙާލުގައި އިނދެގެން އޭނާއަށް ދަތުރު ފަތުރު ކުރެވިދާނެތޯއެވެ.]

[މިހާރު ދެން އެންމެ ރަނގަޅު ވާނެއެވެ....] މަންމަ ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.

[އެކަމަކު... މަންމަ.... އޭނާ އެއިންނަނީ މަންމަގެ ކައިރީގައި ބައިންދާފައި ނޫންތޯއެވެ. ކޮންމެ ހުކުރު ވިލޭރެއަކު އޭނާގެ މަންމަގެއަށްވެސް ދެއެވެ. މަންމަ ތިޔަހައްދަވާ ގޮތަކުން އޭނާއަށް ގޭގައި އުޅުމުގެ އާދައެއް ނުހިފޭނެއެވެ.]

[ތިޔަ ހުރިހާކަމެއް ހަމަޖެހިދާނެއެވެ. ބަނޑަކަށްވެސް އަދި މާގިނަދުވަހެއް ނުވެއެވެ. ކުއްޖަކު ލިބުމުން ހަމައަކަށް އެޅިދާނެއެވެ. ދަރިންނަކީ އަންހެނުން ގޭގައި ހައްޔަރުކުރުމުގެ ކަސްތަޅެވެ. އަދި އޭނާގެ އެކަހަލަ އެއްވެސް ކަމެއްނެތެވެ. ވީއިރު ދުވަސްކޮޅަކު އޭނާއަށް މަޖަލުގައި ނޫޅެވެންވީ ކީއްވެގެން ހެއްޔެވެ.]

[މަންމާއެވެ. މަންމަ ތިޔަހައްދަވާ ގޮތުން އޭނާ ހަލާކުވަނީއެވެ. ގޭތެރޭގެ ކަންތައްކުރުމުގެ އާދަ އޭނާގެ ކިބައިގައި ހަރުލައްވަން ނޫޅުއްވަނީ ކީއްވެގެންތޯއެވެ.]

[މަސައްކަތް ކުރަންވީ ކިހާވަރަކަށް ހެއްޔެވެ؟ އަދި މިއީއޭނާ މަޖަލުގައި އުޅެންވީ ދުވަސްވަރެވެ. ތިން ހަތަރު ދަރިން ލިބުމުން ހުރިހާކަމެއް އަމިއްލައަށް ބޮލުގައި އަޅާފާނެއެވެ.]

[ފަހުން އޭނާގެ ފަރުވާކުޑަކަމުގެ ޝަކުވާ އަޅުގަނޑު ގާތު ނުކުރައްވާށެވެ.]

[ކުރަންވީ ކޮންޝަކުވާއެއް ހެއްޔެވެ. ކުއްޖާއަކީ މާތް ތަބީޢަތެއްގެ ކުއްޖެކެވެ. މަޑުމަޑުންގޮސް ހުރިހާކަމެއް ދަސްކޮށްފާނެއެވެ.]

[ފުރަތަމަ ކޮޅުގައި ހަރުކަށިކަން ދެއްކުން ކޮންމެހެން ބޭނުމެވެ. މަންމައަކީ އެއްގޮތަކަށްވެސް އޭނާގެ މައިދައިތައެއް ހެނެއް ހިއެއް ނުވެއެވެ.]

[އަހަރެން މައިދައިތައަކަށް ވާންވީ ކީއްކުރަން ހެއްޔެވެ. އަހަރެން އޭނާ ގެނައީ އަމިއްލަ ދަރިއަކަށް ހަދައިގެންނެވެ. އަހަރެންގެ ތިބީ ކޮންހާގިނަ ކުދިންތަކެއް ހެއްޔެވެ. ދަރިފުޅަށް ފަހުގައި ދެން ހުރިހާވެސް ކަމަކީ އޭނާއެވެ. އޭނާ ހިތާމަވެރިވެފައި އިންނަތަނެއް އަަހަންނަކަށް އެއްގޮތަކަށްވެސް ނުބެލޭނެއެވެ. އެއީ މަތިވެރި ޢާއިލާއެއްގެ ދަރިއެކެވެ. އޭނާ އަހަންނަށް ނުލާހިކު އަދަބުވެރިކޮށް ހިތައެވެ. ދަރިފުޅާ މެދުގައިވެސް އެހާވަރަށް ފަރުވާ ބަހައްޓައެވެ. ހުއްދައަކާ ނުލާ ގެއިން ބޭރުގައި އެންމެ ފިޔަވަޅެއްވެސް ނާޅައެވެ. ކަމަކާނުލާ އޭނާއާމެދު ހަރުކަށިވާންވީ ކޮންސަބަބަކާހުރެ ހެއްޔެވެ.]

ރަމްލާ ކޮޓަރީގައި އޮށޯވެގެން އޮތެވެ. އޭނާގެ ހިތުގައި ވަސްވާސް އުފެދެމުން ދަނީއެވެ. އޭނާ ތެދުވެގެން ފެންވަރާ ކޮޓަރިއަށް އަތުވެއްޖެއެވެ. ރަމްލާ މުޢާޒުއާ ދިމާއަށް ބަލާލުމުން ޚުދް އޭނާ ހިނިތުންވެލާފައި ބުންޏެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން