މިތަނުގައި ހެޔޮ ޢަމަލު ގިނަކޮށްފި މީހަކަށް ވަނީ ކާމިޔާބީއާއި ފަލާހް ކަމަށާއި ނުބައި އަމަލުތައް ގިނަވެއްޖެ މީހާއަށް ވަނީ ގެއްލުމާއި ހަލާކު ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

ﷲ ތަޢާލާ އިންސީންނާއި ޖިންނީން ޚަލްޤު ކުރައްވާފައިވަނީ ވަރަށް މަތިވެރި މާތް މަގްސަދަކަށްޓަކައެވެ. އެއީ އެކަލާނގެ އެންގެވި ގޮތުގެ މަތީން ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށެވެ.

ﷲ ތަޢާލާގެ ޛާާތުފުޅު ފިޔަވައި ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެ ނެތި ހިނގައިދާނެ އެއްޗެއްކަމަށވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ގިނަގިނައިން މަރު މަތިން ހަނދާން ކުރުމަށް ނަބިއްޔާ މުޙައްމަދު ސައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ.

އެއްވެސް މަޚްލޫޤަކަށް މަރުން ސަލާމަތެއް ނުވެވޭނެ ކަމަށާއި އެއީ ﷲގެ ހަޟްރަތުގައި ކިތަންމެ މާތް މަޚްލޫޤެއް ކަމުގައި ވިޔަސް މެއެވެ. އަދި އިންސާނާ މަރަށް ހާޟިރުވާއިރު ވަރަށް ގިނަ ކަންކަން ހަނދާންވާނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

"މިދުނިޔެއަކީ އިމްތިހާންތައް ކުރިމަތިވާ ތަނެކެވެ. ﷲ ތަޢާލާ ވަނީ މަރުވުމާއި ދިރިހުރުން ލައްވާފައެވެ." ޚުޠުބާގައި ވެއެވެ.



"ޣާފިލުކަމުން ހޭލާ ފާފަތަކުން ތައުބާވެ ﷲ ތަޢާލާގެ ހަޟްރަތައް އެނބުރި ރުޖޫޢަވުމަށެވެ. އަދި ކޮންމެ ވަގުތަކުވެސް މަރު އަތުވެދާނެ ކަމަށްޓަކައި ﷲއަށް ބިރުވެތިވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށެވެ." މިއަދުގެ ޚުޠުބާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން