ޞާދިރު ޢަލީދީދީ   3 ޖެނުއަރީ 2021 - 7:48
ވޭނީކަރުނަ
ވޭނީކަރުނަ
17 ވަނަ ބައި

..................

[ތިޔައީ ހަމަރަމްލާގެ ހިތަށް އަރާގޮތެވެ. ތިޔައީ އަހަރެން ލޯބިވާ ކޮއްކޮއެވެ. ރަމްލާ ދުވަހަކުވެސް ޝާންބޭނެ ގާތުން އޭނާގެ ޚިޔާލު ހޯދިން ހެއްޔެވެ...؟ ތިޔައީ ހައްތާވެސް ވިސްނުމުގެ ފަރަގެވެ. އެމީހަކާމެދު ހީކުރިގޮތެއް ވާނެއެވެ. ރަމްލާގެ ދަރިފުޅު ދުނިޔެއަށް އައުމުން ގުޅުންތެރިކަމުގެ އައު ބިންގަލެއް އެޅިދާނެއެވެ. ރަމްލާގެ ވިސްނުމަށްވެސް ބަދަލު އަތުވެދާނެއެވެ.]

[މިދަރިފުޅާމެދު އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތެވެ. ދައްތާއެވެ. ޤިޔާމަތަށް ދާންދެންވެސް މުޢާޒަކާ އަޅުގަނޑަކަށް ނުރުހެވޭނެއެވެ. މައިންބަފައިންގެ އަބުރު ހިފަހައްޓާ ދެވޭތޯ މަސައްކަތް ކުރާނަމެވެ. އެކަމަކު ސިފަ ހުތުރު ކުއްޖަކު ގޮވައިގެން އަޅުގަނޑު އުޅޭނީ ކިހިނެއްތޯއެވެ.]

[މޮޔަގަނޑާއެވެ.] ކިސްރާ ދައްތަ ހޭންފަށައިފިއެވެ. [ކުއްޖާ ހުތުރުވާންވީ ކީއްވެގެން ހެއްޔެވެ؟ އޭގައި ރަމްލާ ބައިވެރި ނުވަނީ ހެއްޔެވެ؟ ހަމައެކަނި ކުއްޖާ ވައްތަރުވާނީ ރަމްލާއާ ނޫންކަމެއްވެސް އެބައެނގޭ ހެއްޔެވެ؟ މުޢާޒުގެ ނިޝާނެއްވެސް އޭގައި ނެތުމަކީ ދުރުކަމެއް ނޫނެވެ. އެހެން ނޫނަސް މުޢާޒަކީ ސިފަ ހުތުރު މީހެކޭ އަހަރެން ނުބުނާނަމެވެ.]

[ވަރަށް ރަނގަޅެވެ.] ރަމްލާ ބުންޏެވެ. [ދައްތަމެންގެ ވާހަކައިގެ ތެރޭގައި މަލާމާތުގެ ތީރު އަޅުގަނޑުގެ ހިތަށް އެބަ ހަރަމުއެވެ. އަބަދުވެސް ކޮންމެ ވާހަކައެއްގެ ތެރޭގައި އަޅުގަނޑުގެ ފިރިމީހާއަކީ ހުތުރު މީހެއްކަން އިޙްސާސްކޮށް ދެއްވަމުއެވެ.... އަޅުގަނޑާމެދު ދައްތަމެން ހީކުރައްވަނީ ކިހިނެއްތޯއެވެ؟]

މިއަދު ގޯސްވާހަކައެއް ދެއްކިއްޖެ ކަމުގައި ކިސްރާއަށް އިޙްސާސް ކުރެވުނެވެ. ރަމްލާ އައިދުވަހުން ފެށިގެން އޭނާގެ ހާސްކަމާ ހިމޭންކަން ކިސްރާ ފާހަގަކުރިއެވެ. އެކަމަކު އެއީ ގަސްދުގައި އޭނާ ކުރި ސުވާލުތަކެއް ނޫނެވެ. ކުޑަގޮތަކަށް ރަމްލާއާއި ވާހަކަ ދައްކާލުމުން ހުޅުފެޅީއެވެ.

އެވަގުތު ބޭރުން ޝާން އައި އަޑުއިވުމުން ކިސްރާ ބުންޏެވެ.

[ދެން އަވަހަށް ކޮޓަރިއަށްގޮސް އަތްފައިދޮވެ ރީތިވެލާށެވެ. ތިޔަގޮތަށް ހުއްޓާ ޝާން ބޭބެއަށް ފެނިއްޖެއްޔާ ސުވާލުކުރާނެކަން ކަށަވަރެވެ. އޭނާ ގާތުގައި އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާށެވެ. އަހަރެންގެ ތިމާގެ މީހުންގެ މިކަހަލަ އަމިއްލަ ކަންތައްތަކުގެ ވާހަކަ ފިރިމީހާ ގާތުގައި ދެއްކުމަކީ އަހަރެން ނުކުރާ ކަމެކެވެ.]

ރަމްލާ ދުވެފައި ކޮޓަރިއަށް ވަދެއްޖެއެވެ.

އާދައިގެ މަތިން ރަމްލާ ތައްޔާރު ވެލައިގެން ކާމޭޒު ކައިރިއަށް އަތުވެއްޖެއެވެ. ކިސްރާ ދައްތަ އޮންނަނީ ހުރިހާ ވާހަކައެއް ރަމްލާއަށް ކިޔައިދީފައެވެ. ޝާން ބޭބެއަށް ކަމުދާ ވައްތަރުގެ ކާއެއްޗެތި ހަދަން މިހާރު އޭނާއަށް އެނގެއެވެ. އޭނާ ކިސްރާ ދައްތައާމެދު އިންތިހާއަށް ސަހަރޯ ހީވެއެވެ. އެފަކީރު ރޭގަނޑު ހަތަރުދަމު އުޅެނީ ހޭލައެވެ... އެކަމަކު ހަމަހެނދުނާ ދެލޯ ދަމަމުން ކާމޭޒު ދޮށަށް އައިސް އުޅެއެވެ.

ރަމްލާ ނާސްތާ ތައްޔާރުކުރަން މޭޒު ދޮށުގައި އެނބުރެނިކޮށް ޝާން ބޭބެ މީރުވަސް ބުރުވަމުން އަތުވެއްޖެއެވެ. އަދި ރަމްލާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އޭނާހުރީ ބްރައުންކުލައިގެ ރޮނގުދެމި ފަޓްލޫނެއް ލައިގެންނެވެ. ލައިގެންހުރީ ރީނދޫކުލައިގެ ގަމީހެކެވެ. ބްރައުންކުލަ ގަދަ ޓައީއެކެވެ... ހީވަނީ އަދިހަމަ ތާޒާ ޒުވާނެއް ހެންނެވެ.

ވަރަށް އުފަލާއެކު ރަމްލާއަށް ބަލާލާފައި އޭނާ ބުންޏެވެ.

[ތިޔަހާ ރީތި އަންހެން ކުއްޖަކު ހެނދުނު ފަތިހާ ނާސްތާ ތައްޔާރު ކޮށްދޭއިރު ދުވާލުގެ ހަތަރުދަމު މަޖަލުގައި ވޭތުކޮށް ނުލެވޭނީ ކިހިނެއް ހެއްޔެވެ؟]

[އެހެންވިއްޔާ މިރީތި އަންހެން ކުއްޖާގެ ބޮލުގައި ރީތިކަމުގެ ޒިއްމާ އަޅުވާފައި އުފާވެލައްވާށެވެ.]

[ނިކަން ދެކެ ބަލާށެވެ. އަހަރެންގެ އަންހެނުން ވަރަށް ބުއްދިވެރި ވާނެއޭ އަހަރެން ބުނީމެއް ނޫން ހެއްޔެވެ.]

[އެހެންތޯއެވެ.... އެއީ ކޮންގޮތަކަށް ތޯއެވެ؟]

[ހެނދުނު އެންމެ ފުރަތަމަ ފިރިމީހާއަށް ދައްކަންވާނީ ކޮންކަހަލަ މޫނެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.]

ރަމްލާ ހޭން ފަށައިފިއެވެ.

[ސައި ހަދްނަވީ ތޯއެވެ؟]

[އަވަހަށް ހަދާށެވެ....] ޝާން ބޭބެ ރަމްލާއާ ހަތަރުކަޅި ބައްދަލުކޮށްލާފައި ބުންޏެވެ.

[މުޙައްމަދާއެވެ! ހޫނު ކިރުތައްޓެއް ގެނެސް ބަލާށެވެ.] ރަމްލާ ކައްކާ މީހާއަށް ގޮވާލާފައި ބުންޏެވެ. ދެން ކޮފީތައްޓެއް ހަދަން ފަށައިފިއެވެ.

މުޙައްމަދު، ދުން އަރައަރާހުރި ކިރުތައްޓެއް މޭޒުމަތީގައި ބަހައްޓާފައި ހިނގައްޖެއެވެ.

[ކިތައް ސަމުސާތޯއެވެ؟.....] ރަމްލާ ކޮފީ ތައްޓަށް ކިރުއަޅަމުން ބުންޏެވެ.

[ބުނާނީ ކީކޭ ހެއްޔެވެ؟ ހަމައެކަނި އިނގިލި ތެންމާލާށެވެ.]

ރަމްލާ ހޭން ފަށައިފިއެވެ.

[ހާދަމީރު ސައެކެވެ. ވަރަށް މީރެވެ.] ސައިބުއިމުގެ ފަހުގައިވެސް ޝާން ބޭބެ އޭނާގެ މަޖާ މިޒާޖާ އެއްގޮތްވާ ގޮތުގެ މަތިން ރަމްލާއާއި ސަމާސާ ކުރިއެވެ. ދެން ގަޑި ބަލާލާފައި ކޮޅަށް ތެދުވެއްޖެއެވެ.

[ހަނީއެވެ. އަހަރެންގެ ގަޑި ޖެހެނީއެވެ.... ދެން ދަނީއެވެ...]

ރަމްލާ މީހަކާ އިނުމުގެ ކުރީގައިވެސް ޝާންބޭބެ ހަނީގެ ނަމުން އޭނާއަށް ގޮވާ ހަދައެވެ. ފުރަތަމަ ކޮޅުގައި އޭނާ ޝާންބޭބެގެ އުރުތެރެއަށް ވަދެހުރެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާދަމާ ހަދައެވެ. އޭނާ ދުވާލު ހަތަރުދަމު ޝާންބޭބެއަށް ގޮވަމުން ފަހަތުން ދުވެ ހަދައެވެ.

ޝާންބޭބެ ދިއުމުން ރަމްލާ ކިސްރާ ދައްތަގެ ކޮޓަރި ބަލާލިއެވެ. ދެކުދިން ދައްތަގެ ދެފަރާތުގައި ނިދާފައި ތިއްބެވެ. ދައްތަވެސް އޮތީ މަރުނިދީގައެވެ. ކޮޓަރީގައި ހުރީ ހީޓަރު ޖައްސާފައެވެ.

ރަމްލާ އޭނާގެ ކޮޓަރިއަށް އަތުވެއްޖެއެވެ. ޕަންޑީއަށް އައިތާ މިހާރު އެއްހަފްތާ ވެއްޖެއެވެ. ކުރާނެ އެއްވެސް މަސައްކަތެއްނެތެވެ. މިވީ ހަތްދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑު ކުޑަކޮށް ހަމަޖެހިއްޖެއެވެ. ދައްތަ ގާތުގައި ހިތުގެ ޝަކްވާ ކުރުމުން އޭނާއަށް ހަމަޖެހުމެއް ލިބުނެވެ.

އެއް ހަފްތާގެ ތެރޭގައި މުޢާޒު ދެފަހަރަށް ފޯނުކުރިއެވެ. ވަރަށް ލޯތްބާއެކު އޭނާގެ ޙާލު އޮޅުން ފިލުވިއެވެ. އެހެން ނަމަވެސް ދިއުމާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރެއެވެ. ރަމްލާ އެއްވެސް އެއްޗެއް ފޮނުވައި ދިނުމަކަށްވެސް ނޭދެއެވެ.

މުޢާޒުގެ ފޯނު އާދަކޮށް އަންނަނީ ޝާންބޭބެއަށެވެ. އެންމެން ޓީވީ ކޮޓަރީގައި ތިބޭ ވަގުތުއެވެ. ރަމްލާ މަޑުމަޑުން ފޯނުން ވާހަކަ ދައްކަން ހުންނައިރު ކިސްރާ އެތަނަށްގޮސް އަތްގަނޑު އަތުލައެވެ. އަދި ފިސާރިއަކަށް ސަމާސާ ކޮށްލައެވެ. ރަމްލާ މުޢާޒުއާ ވާހަކަ ދައްކަންވެސް ނުރުހޭކަން ކިސްރާއަށް ވަނީ އެނގިފައެވެ. އެހެންކަމުން އޭނާ ވަރަށް މަޖާކޮށް ވާހަކަ ދައްކައިގެން ރަމްލާގެ ފަރުވާކުޑަކަމުގެ މައްޗަށްވެސް ފަރުދާ ވައްޓާލައެވެ.

ދުވާލު ހަތަރުދަމު ރަމްލާ އުޅެނީ ކިސްރާ ދައްތަ ގާތުގައެވެ. އެކިއެކި ވާހަކައިގައެވެ. އަދި ދައްތަ ކުދިން ލޮއްސަން ކަންތައްކުރަނީ ކިހިނެއްކަން ބަލަން އޭނާ އިދެއެވެ. ބައެއް ފަހަރަށް އޭނާ ބުނެލައެވެ.

[ދައްތާއެވެ. ކުދިން ގެންގުޅުމަކީ ކިހާ ބުރަކަމެއްތޯއެވެ.]

[އާއެކެވެ.] ދައްތަ ބުނެއެވެ. [އުނދަގޫ ކަމެކެވެ. އެކަމަކު މިމަތިވެރި ދަރަޖަ މާތްރަސްކަލާނގެ ދެއްވާފައި މިވަނީ މަންމައިންނަށެވެ. ބަލަން ހުންނާށެވެ. ރަމޫއަށްވެސް ދަރިއަކު ލިބުމުން ހުރިހާކަމެއް ރަނގަޅަށް ސާފު ވެދާނެއެވެ.

ނޫނެކެވެ. ކޮންމެ ފަހަރަކު އޭނާ ހިތާހިތުން ވިސްނާލައެވެ. ކުޑަދަރިފުޅަކަށް މަންމައެއްގެ ލޯބި ލިބުން ލާޒިމެވެ.

މައިވަންތަކަމުގެ ލޯތްބަކާނުލާ އޭނާއަށް މަންމައަކަށް ނުވެވޭނެއެވެ. އޭނާ އަބަދުވެސް ހުންނަނީ ކުދިންދެކެ ފޫހިފައެވެ.

ޝާންބޭބެ ޓެނިސްކުޅެފައި އައީ ހަމަދެންމެ އަކުއެވެ. މިހާގަދަ ފިނީގައިވެސް އޭނާގެ ޞިއްޙަތު ރަނގަޅު ހަށިގަނޑުން ދާހިއްލާފައިވެއެވެ. މޫނުމަތީގައި ހުރި ދާތިކިތައް ޝަބްނަމް ތިކިތަކެއް ފަދައިން ފެންނަން ހުއްޓެވެ. އޭނާހުރީ ހުދު ހެދުމުގައެވެ. ހުދު އިސްޓާކީނާއެކު ހުދު ޓެނިހުގައެވެ. އޭނާ އަތުގައި އޮތްރެކެޓް ވައިގެ ތެރޭގައި ހޫރަމުންއައިސް ސޯފާއަށް ވެއްޓިގެންފިއެވެ.

[ބޭގަމްއެވެ. ސައި ގެނުވަބަލާށެވެ.] އެނާ ކިސްރާ ގާތުގައި މިހެން ބުނުމުން ކިސްރާ ދުވެފައި ބަދިގެއަށް ހިނގައްޖެއެވެ. ރަމްލާ ލިޔަން އިނދެފައި ފަރުވާތެރި ކަމާއެކު އޭނާއަށް ބަލާލިއެވެ. ޝާންބޭބެ ކިހާ އުފާވެރި ހެއްޔެވެ؟ ދެކުދިންގެ ބައްޕައެއް ހެނެއް ހީއެއްނުވެއެވެ. ހީވަނީ އިނގިރޭސި ފިލްމީ ހީރޯއެއް ހެންނެވެ. ކުޅުމުގެ ސަބަބުން މޫނުހުރީ ރަތްވެފައެވެ. ތުންފަތް ހުރީ ކަޅުވެފައެވެ. އޭނާގެ އުފާވެރި ލޮލުގައި އަބަދުވެސް ރަތްނާރު ހިއްލާފައި ހުރެއެވެ. މާތްރަސްކަލާނގެ ދުނިޔޭގައި ރީތި ފިރިހެނުންވެސް ހައްދަވާފައިވެއެވެ.

ރަމްލާ ވިސްނަމުންގޮސް އެންމެފަހުން އަމިއްލަ ނަސީބުގެ މައްޗަށް ހިތާމަކުރަން ފަށައިފެއެވެ. އަދި ލޭކުލައިގެ ހިމޭން ކަރުނައެއް އޭނާގެ ހިތަށްވެރިވެގެން ދިޔައެވެ. އެވަގުތު ޓީވީއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ޝާން ކުއްލިއަކަށް ރަމްލާއާއި ދިމާއަށް ބަލާލައިފިއެވެ.

[މިކުއްޖާފުޅު މިހާވަރަށް އަހަންނާ ދިމާއަށް ބަލަނީ ކީއްވެގެން ހެއްޔެވެ؟] ޝާންބޭބެ ބުންޏެވެ.

ރަމްލާ އިސްދަށަށް ޖަހާލިއެވެ.

[ރަމްލާއެވެ! އަހަރެންގެ ވާހަކައަށް ޖަވާބެއް އަދި ނުލިބެއެވެ.]

[އަޅުގަނޑު މިބަލަނީ ޝާންބޭބެއާ ދިމާއަކަށް ނޫނެވެ.]

[ފަރުވާލެއްނެތެވެ. އަހަންނަކީ ޅިޔަނެވެ. އެކަމަކު އެހެން މީހަކާދިމާއަށް ތިޔަހާ ޝައުޤުވެރި ކަމާއެކު ބަލަންޏާ އަހަރެންގެ ހިތެއް ނުރުހޭނެއެވެ.

ރަމްލާ ހީނގަތެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން