ޞާދިރު ޢަލީދީދީ   6 ޖެނުއަރީ 2021 - 10:50
ވޭނީކަރުނަ
ވޭނީކަރުނަ
19 ވަނަ ބައި

..................

ހަމްދަރްދީގެ ޚަންޖަރު ކިހާތޫނު ހެއްޔެވެ؟ އެޚަންޖަރުން ހަމްދަރުދީގެ ސަނދުވާ ފަޅާލައެވެ. އޭނާއަށް ހަމްދަރުދީ ވެދޭނެ މާތްމީހެއް މިފެނުނީ ކިހާ ދުވަހަކުން ހެއްޔެވެ؟ އޭނާގެ ނުކުޅެދޭ ހިތުގައި ޝާންބޭބެ ކިތައް ފަހަރު އަތްއެޅި ހެއްޔެވެ؟ އެވަގުތު ޝާންބޭބެއާ މެދު އޭނާގެ ހިތުގައި ވަރަށްމަތީ ޤަދަރެއް ދެވުނެވެ. [މިއަދު ސައި ނުހަދަނީ ހެއްޔެވެ؟ ނުވަތަ ވިސްނަން އިންނަނީ ހެއްޔެވެ؟]

ޝާން ރަމްލާގެ ހިމޭންކަމުގެ ކޯރަށް ގާކޮޅެއް އެއްލާފައި އެކޯރުގެ ފެންގަނޑު ހަލަބޮލިކޮށްލުމުން ރަމްލާއަވަސް އަވަހަށް ސައިހަދާފައި ޝާންބޭބެގެ ކުރިމަތީގައި ބަހައްޓައިފިއެވެ.

އޭގެ ފަހުގައި އިސްއުފުލާ ބަލައެއް ނުލިއެވެ.

އާދައިގެ މަތިން މިއަދުވެސް ޝާންބޭބެ ރީތިވެފައި ފުރިހަމައެވެ. އޭނާހުރީ ކުލަގަދަ ހެދުމެއްގައެވެ. އޭނާ މީރުވަހުން ފެންވަރާލާފައި ހުރިއިރު ހީވަނީ އާ ކައިވެންޏަކަށް އަންހެން ކުއްޖަކު ޒީނަތްތެރިވެފައި ހުރިހެންނެވެ.

އޭނާ ކޮޓަރިން ނުކުންނައިރު ފަހަތުން މީރުވަހުގެ ސައިލާބު ދެމިގެން އާދެއެވެ. ރަމްލާގެ ހިތަށްއަރައެވެ. އޭނާގެ މަސްދުވަހުގެ ޚަރަދަށް ކިހާވަރެއް އަރާނެ ބާވައެވެ.

ޝާން ސައިގެ ކަންތަކުން ނިމިގެން ކޮޅަށް ތެދުވެއްޖެއެވެ.

[މިއަދު ހަވީރު ކޮންމެވެސް ދިމާއަކަށް ގޮސްލަންވާނެ ނޫން ހެއްޔެވެ؟]

ރަމްލާ ހީނލިއެވެ.

ދެން ޝާންބޭބެ ހިނިތުން ވެލަމުން އަމިއްލަވަންތަ ކަމުން ފުރިފައިވާ ބެލުމަކުން އޭނާއާއި ދިމާއަށް ބަލާލާފައި ހިނގައްޖެއެވެ.

ހަވީރު ތަންކޮޅެއް އަވަހަށް ޝާންބޭބެ އަތުވެއްޖެއެވެ. އޭނާ އައުމާއެކު ކިސްރާއަށް ގޮވާލާފައި ހަރުއަޑުން ބުންޏެވެ.

[މިއަދު އަހަރެން ސިނަމާއަށް ދާން ޓިކެޓް ގަނެފީމެވެ. އަވަހަށް ތައްޔާރުވާށެވެ.]

[ޝާންއެވެ. އަޅުގަނޑު ދާނީ ކިހިނެއްތޯއެވެ؟] ކިސްރާ ދައްތަ ބުންޏެވެ. [ރޭއްސުރެ ކުޑަމީހާ އެޅުނީ ހުމާއެވެ. އަޅުގަނޑު އެވާހަކަ ނަންގަތީމެއް ނޫންތޯއެވެ.]

[އެހެންވީއިރު ޓިކެޓް ވީދާލަނީއެވެ.]

[ވީދާލާންވީ ކީއްކުރަންތޯއެވެ. ރަމްލާ ގޮވައިގެން ދުރުވާށެވެ.]

[ނޫނެކެވެ. ދައްތާއެވެ. އަޅުގަނޑު އެކަންޏަކު ނުދާނަމެވެ.]

[އެކަނިވާންވީ ކީއްވެގެން ހެއްޔެވެ؟ ޝާންބޭބެ އެހުންނެވީ ނޫން ހެއްޔެވެ؟]

[ނޫނެކެވެ.] ރަމްލާ ބުންޏެވެ. [ދައްތަ ދުރުވަންޏާ އަޅުގަނޑުވެސް ހިނގައިދާނެމެވެ. އެއްގޮތަކަށްވެސް އަޅުގަނޑު ފިލްމު ބަލާހިތެއް ނުވެއެވެ.]

[މޮޔަގަނޑާއެވެ...] ދައްތަ ވައިއަޑުން ބުންޏެވެ. [ކައިވެނީގެ ކުރިން އަބަދުވެސް ރަމޫ އުޅެނީ ޝާންބޭބެގެ ފަހަތުން އެލިގަނެގެން ނޫން ހެއްޔެވެ؟ ސިނަމާތަކަށް ދާންވެގެންވެސް ކިހާ ވަރަކަށް ރުޅިދައްކަމު ހެއްޔެވެ؟]

[މިހާރަކު ނޫނެވެ. ހިތަށް އަރަނީ....]

[މިހާރު ނުދާންވީ ކީއްވެގެން ހެއްޔެވެ؟] ދައްތަ ހަރުކަށި ވެލިއެވެ. [މިރަށަށް އައިއްސުރެ ތިޔަ އިންނަނީ ގޭތެރޭގައި ފިލައެވެ. އަހަރެންގެ ކަންތައްތައް ހުރިގޮތުން ބޭރުތެރެއަށްގޮސް ނޫޅެވެނީއެވެ.] ނިކަން ޝާންބޭބެއާއެކު ބޭރަށްގޮސް އުފާކޮށް އުޅެބަލާށެވެ.]

[މިއޮއްގަދަ ފިނީގައި ގޭތެރޭގައި އިނުމުން މާބޮޑަށް މަޖާކަން ލިބެއެވެ.]

[ކިސްރާއެވެ. ކޮންބޭކާރު ވާހަކަތަކެއް ހެއްޔެވެ؟] ދައްތަގެ ސިއްރު ވާހަކަގަނޑު ދިގުލާން ފެށުމުން ޝާންބޭބެ ބޮލަށް އުނދަގޫވެގެން ބުންޏެވެ. [އޭނާ އެކަނި އަހަންނާއެކު ދާން ނުރުހެންޏާ އޭނާއަށް މަޖްބޫރުކުރަނީ ކީއްކުރަން ހެއްޔެވެ؟ މިއަދަކު ނުދާނަމެވެ. ސައިގެންނާށެވެ.]

[ދައްތާއެވެ. ކުޑަކޮއްކޮ ގޮވައިގެން ދަމާހިނގާށެވެ. ކިތަންމެބަޔަކު ދަރިން ގޮވައިގެން ތަންތަނަށްގޮސް އުޅެއެވެ. ސިނަމާ ހޯލްތެރެ ކުޑަކޮށް ހޫނުވެސް ވާނެއެވެ.]

[އެނގިދާނެތާއެވެ.] މިހެންބުނެފައި ދައްތަ ބަދިގެއަށް ހިނގައްޖެއެވެ. ދެން ނޯކަރު ގާތުގައި ސައި ތައްޔާރުކުރަން ބުނެފައި އަތުވެއްޖެއެވެ. އެއަށްފަހު ކޮޓަރިއަށް ވަދެ ތައްޔާރު ވާންފަށައިފިއެވެ.

ރަމްލާ މިހާރު އުފާވެއްޖެއެވެ. އޭނާ ތެދުވެގެންގޮސް ކުޑަކޮށް މޭކަޕް ކޮށްލިއެވެ. ދަބަސް ނެގިއެވެ. ސާލު އޮޅާލިއެވެ. އެނބުރި ބޭރަށް ނުކުތްއިރު ޝާންބޭބެ ނޫސް ކިޔަނީއެވެ. ކުރިމަތީގައި ސައިތަށި ހުއްޓެވެ.

އޭނާ ދިޔަގޮތަށްގޮސް ދައްތަގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު ދައްތަ ކޮޑަކޮއްކޮއަށް ބުއްފުޅި ހަދަނީއެވެ. އޭނާގެ ހާވާލެވިފައިވާ އިސްތަށިގަނޑު އޮތީ ފުރަގަހަށް އައްސާފައެވެ. ކުޑަކޮއްކޮ އޮތީ އެއްފަރާތެއްގާ ބާއްވާފައެވެ.

ދައްތަ ބުއްފުޅި ހަދައިގެންގޮސް ކުޑަކޮއްކޮ ނެގުމާއެކު ދައްތަގެ މުޅިގަޔަށް ހޮޑު ދުއްވާލައިފިއެވެ.... އޭނާ ހޮޑުން ހިނައިގެންހުރެ ކޮއްކޮ ބާއްވާފައި ކަފަކޮޅަކުން އަނގަމަތި ސާފުކުރަން ފަށައިފިއެވެ.

މިކަންތަކުން ނިމިގެން އޭނާ ރަމްލާއަށް ގޮވާލާފައި އާދޭހުގެ ރާގަކަށް ބުންޏެވެ.

[ރަމޫއެވެ. ނިކަން ދެކެބަލާށެވެ. ކޮއްކޮ ކިހާ ހުންގަދަ ހެއްޔެވެ؟]

ރަމްލާ އަތްޖައްސާލި އިރު އޭނާގެ ނިތްކުރި ހީވަނީ އަލިފާން ގަނޑެއް ހެންނެވެ.

[އެހާވަރަށް ހޮޑުވެސް އެބަލައެވެ. ރަމޫގެ ބުނުމުގެ މަތިން އަހަރެން ހިނގައިދާނަމެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. މިފަދަ ގޮތަކަށް އެކަހަލަ ތަނެއްގައި އިދެވޭނީ ކިހިނެއް ހެއްޔެވެ؟ ފިލްމު ބެލޭނީ ކިހިނެއް ހެއްޔެވެ؟ މިޙާލުގައި ބޭރަށް ގެންދިއުން ކުޑަކޮއްކޮއަށް އަދި މާބޮޑަށް ފިނިބޮޑު ވެދާނެއެވެ.]

[ދައްތަ ދުރުވާނެކަމެއް ނެތެވެ.........]

[ކޮއްކޯއެވެ...... ޝާންބޭބެގެ މިޒާޖު ކޮއްކޮއަކަށް ނޭނގެއެވެ. ރުޅިވެސް ދުރުވެދާނެއެވެ. ރުޅި ދުރުވެއްޖެއްޔާ ވަރަށް ގޯސްވެދާނެއެވެ.]

[އެހެންވިއްޔާ އަޅުގަނޑު ހަދަންވީ ކިހިނެއްތޯއެވެ؟]

[ކޮއްކޮ ޝާންބޭބެއާއެކު ދާށެވެ........]

[ނޫނެކެވެ. ދައްތާއެވެ. އަޅުގަނޑު ފޮނުވަން ނަހައްދަވާށެވެ. އެކަން އަޅުގަނޑަށްވަނީ އައިބު ކަމަކަށެވެ.]

[ދެން ރުޅިނުދައްކާ ދާން އުޅޭށެވެ. ރުޅި ދުރުވެދާނެއެވެ. އަހަރެމެން އޭނާއާމެދު ހިލޭމީހެއް ކަމުގައި ދެކެނީ ކަމުގައި ހީވެދާނެއެވެ... އަވަހަށް ދާށެވެ.... މީގައި އޮތީވެސް ކޮންގޯހެއް ހެއްޔެވެ. އެއީ ޅިޔަނު ނޫން ހެއްޔެވެ؟ ތިޔަ ދެވެނީ ބޭރުހިލޭ މީހަކާ އެއްކަކު ނޫނެވެ.]

ރަމްލާ އޭނާގެ ކަޅުސާލު ރަނގަޅު ކޮށްލިއެވެ. ދެން ހިތާދެކޮޅަށް ބޭރަށް ނުކުމެއްޖެއެވެ.

ސިނަމާއަށް ދިއުމާއެކު ހޯލަށްވަނުމުގެ ބަދަލުގައި ޝާން ދިޔައީ ބޮކްސްއާ ދިމާއަށެވެ. ދޮރުފަތް ހުޅުވާލުމާއެކު އެތާނގައި ރަސްކަން ކުރަމުންދާ އަނދިރިކަން ފެނިގެން ދިޔައެވެ. ޓޯޗް ހިފައިގެންހުރި މީހަކުވެސް އެމީހުންގެ ފަހަތުން އައެވެ. ރަމްލާ ކަންބޮޑުވެފައި ހުރެގެން ކުރިއަށްހުރި ސީޓްގައި އިށީނދެއްޖެއެވެ. ޓޯޗް ހިފައިގެން ހުރިމީހާ ދޮރުލައްޕާފައި ދިއުމުން ޝާންވެސް ރަމްލާގެ ކައިރީގައި އިށީނދެއްޖެއެވެ.

[ޝާންބޭބެއެވެ. ބޮކްސްގެ ޓިކެޓް ބައްލަވައިގަތީ ކީއްކުރަން ތޯއެވެ؟]

[އަހަރެން ހަމަޖެއްސީ ގޭގެ އެންމެން އަންނަ ގޮތަށެވެ. މިއީ ހަމީހުންގެ ބޮކްސްއެކެވެ. ދެކުދިން ގެނައި ކަމުގައި ވިޔަސް އެމީހުން ނިންދެވުމަށާއި ބުއްދިނުމަށް ކިހާފަސޭހަވީސް ހެއްޔެވެ؟ ކުދިން ގޮވައިގެން އަންނަންޏާ އަބަދުވެސް ތިބެންވާނީ ބޮކްސްގައެވެ. އަނދިރިވެގެން ދިއުމުން ކުދިން ކަންޑޮވެގެން ރޮއި ހަދާނެކަން ގައިމެވެ. އެގޮތުން މީހުންނަށްވެސް އުނދަގޫވާނެއެވެ. ބޮކްސްގައި ތިބުމުން ފަސޭހަކަމާއެކު ނިކުމެފައި ބޭނުން ވަގުތަކު ވަދެވިދާނެއެވެ.

ތިޔައީ ތެދެކެވެ. ރަމްލާ ލަދުގެންފިއެވެ.

މިވާހަކަ ޝާންބޭބެ ދެއްކިއިރު އޭނާގެ އަޑު ރަނގަޅު ނޫންކަމުގައި ރަމްލާއަށް އިޙްސާސް ކުރެވުނެވެ.

[ރަމްލާއަށް ރަނގަޅު ނޫނިއްޔާ ތިރީ ގެލެރީއަށް ދަމާ ހިނގާށެވެ.]

[އަޅުގަނޑުގެ މައްސަލައެއް ނެތެވެ.] ރަމްލާ ސްކްރީނަށް ބަލަން ފަށައިފިއެވެ.

[އަޅުގަނޑު މިވިސްނަނީ އެއްވެސް ކަމަކާނުލާ މިހާގިނަ ފައިސާ ޚަރަދު ކުރެއްވީތީއެވެ.]

[މޮޔަޔާއެވެ. ރަމޫ އުފާކުރުވުމަށްޓަކާ އަހަރެން ކޮށްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟]

ޝާންބޭބެގެ ވާހަކައިގެ މާނަ ރަމްލާއަކަށް ނުވިސްނުނެވެ. އެހެންކަމުން އަވަސް އަވަހަށް ބުންޏެވެ.

[ފިލްމު ފެށުނުތާ ކިހާ އިރެއްތޯއެވެ؟]

[އަނބިމީހާ ގޮވައިގެން އަންނަން އުޅެންޏާ އަބަދުވެސް ލަސްވާނެއެވެ. އެންމެ ފުރަތަމަ އެމީހުންނަށް ޖެހޭނީ ކުދިންނާ އަންނައުނުގެ ކޮންފަރެންސެއް ބާއްވާށެވެ.]

[ނޫނެކެވެ.] ރަމްލާ ތެޅިގެންފައި ބުންޏެވެ.

[ކިސްރާ ދައްތައަކީ ތިޔަބުނުއްވާ ކަހަލަ އަންހެނެއް ނޫނެވެ. އޭނާ ވަރަށް އަވަހަށް ތައްޔާރު ވެއްޖެއެވެ. އެކަމަކު މިއަދު ކަންދިމާވިގޮތުން ކުޑަ ކޮއްކޮގެ ހުންގަނޑު މާގަދަވީއެވެ.]

[އެންމެ ރަނގަޅެވެ. ދެން ހުއްޓާލާށެވެ. އެއީވެސް އަޖައިބެއްފަދަ ކަންނެއް އަންހެނެކެވެ.] މިހެން ބުނެފައި އޭނާ ގޮނޑީގައި ލެނގިލައިފިއެވެ. ދެން ފިލްމް ސްކްރީނާ ދިމާއަށް ބަލަން ފަށައިފިއެވެ.

ކިސްރާ ދައްތައާއި ބެހޭގޮތުން ޝާންބޭބެގެ ވާހަކަހުރިގޮތް ރަމްލާއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް އޭނާ މަޑުމައިތިރި ކަމާއެކު ސޯފާގެ އަނެއްކޮޅަށް ޖެހިލައިފިއެވެ.

ފިލްމު ބެލުމުގެ ބަދަލުގައި އޭނާގެ ހިތުގައި އެނބުރެންފެށީ ހާސްކަމެކެވެ. ޝާންބޭބެއަކީ އޭނާގެ ޅިޔަނެވެ. ތިމާގެ މީހެއްވެސް ނުމެނޫންމެއެވެ. އަނެއްކޮޅުން ބަލާއިރު ރަމްލާއަކީ މީހެއްގެ އަންބެކެވެ.... ފިރިމީހާގެ ހުއްދައަކާ ނުލާ ހިލޭ ފިރިހެނަކާއެކު މިގޮތަށް ތަންތަނަށް އައުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟..... އެކަމަކު އޭނާ އައީ ދައްތަގެ ހުއްދަ ލިބިގެންނެވެ. އޭނާގެ އަމުރަށް ތަބާވުމުގެ ގޮތުންނެވެ. އަހެން ނަމަވެސް މުޢާޒު މިކަމާ ރުހޭނެކަމެއް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެނާ މުޢާޒުއާއި ނުރުހޭކަން ގައިމެވެ. އަދި އޭނާ ފިރިމީހާއާއިއެކު ސިނަމާތަކަކަށްވެސް ނުދެއެވެ. ދެމީހުންގެ ކައިވެނިވީ ފަހުން ކިތަންމެ ފަހަރަކު އެފަކީރު ރަމްލާ ގާތުގައި ބައިސްކޯފަށް ދިއުމަށް އެދި ބުނެފައިވެއެވެ. އެކަމަކު އޭނާއާއެކު ސިނަމާތަކަށް ދިއުމަކީ ރަމްލާ ވަރަށް ފޫހިވާ ކަމެކެވެ. އޭނާ ބުނެއެވެ. [މިދުވަސްކޮޅު ސިނަމާ ހޯލްގައި އިނުމުން އަޅުގަނޑުގެ ހިތް ވަރަށްބޮޑަށް ތެޅެއެވެ..... މިރެއަކު ނޫނެވެ.... މިހާރަކު ނޫނެވެ.....]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ **********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން