ކިމް ކާޑޭޝިއަން އަދި ކާންޔޭ ވެސްޓް.
ކިމް ކާޑޭޝިއަން އަދި ކާންޔޭ ވެސްޓް.
ކިމް ކާޑޭޝިއަންއާއި ކާންޔޭ ވެސްޓް ވަރިވުމަށް ނިންމައި، މިދެމަފިރިން ވަރިވުމަށް ވަކީލަކު ހަމަޖައްސައިފިކަމަށް ހޮލީވުޑްގެ ޚަބަރުތައް ފަތުރާ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިގޮތުން ވަރިވުމަށް ކިމް ކާޑޭޝިއަން ވަނީ ލޯރާ ވޯސާ ނަމަކަމަށް ކިޔުނު ވަކީލަކު ހަމަޖައްސައިފައިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އާއަހަރާއި ކްރިސްމަސް ފާހަގަ ކުރުމުގައި ކިމް ކާޑޭޝިއަން އަދި ކާންޔޭ ވެސްޓް އެކުގައި ފެނިފައިނުވާއިރު، ކިމް ވަނީ އޭނާގެ އެންގޭޖްމަންޓް އަނގޮޓިވެެސް ނަގާފައެެވެ. އަދި މިދެމަފިރިން ވަކިން އުޅޭތާ އެތައް ދުވަހެއް ވެފައިވާކަމަށްވެއެވެ.

ފަސް ވަރަކަށް އަހަރުވީ މިގުޅުން ކަނޑާލުމުގެ ފަހަތުގައި ވަނީ ކާންޔޭ ވެސްޓް ކަމަށް ގިނަ ބަޔަކު ލަފާކޮށްފައިވެއެވެ. ހާއްސަގޮތެއްގައި 2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކިމް ކާޑޭޝިޔަންގެ މަންމަ އަދި އާއިލާއަށް ނިސްބަތްކޮށް ކާންޔޭ ވެސްޓް ބުނެފައިވާ ބަސްތަކުން މިދެމީހުންގެ ގުޅުމަށް ބުރޫ އަރާފައިވާކަމަަށް ފާހަގަ ކުރެވިފައިވެއެވެ.

ކާންޔޭ ވަނީ 2018 ވަނަ އަހަރުއްސުރެން ކިމް ވަރިކުރުމަށް މަސައްކަތް ކުރާކަމަށް ޓްވީޓެއްގައި ހާމަކޮށްފައެވެ. މީގެ އިތުރުން ކިމް ކާޑޭޝިއަންގެ މަންމަ ކްރިސް ޖެނާ އަކީ ނޯތުކޮރެއާގެ ރައީސާއި ތަފާތެއްނެތް މީހެއް ކަމަށް ކާންޔޭވަނީ ހާމަކޮށްފައެވެ. މިގޮތުން ކްރިސް ވަނީ ގަދަކަމުން ކާންޔޭ ސައިކޭޓްރިސްޓަކަށް ދެއްކުމަށް މަސައްކަތްކޮށްފައި ކަމަށްވެސް ކާންޔޭ ވަނީ ތުހުމަތު ކޮށްފައެވެ.

ކިމްގެ ފަރާތުން ނޫސްތަކަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ ވަރިވުމަކީ އެމީހުންގެ ޕަރސަނަލް ކަމެއްކަމަށެވެ. ކިމްވެސް ކާންޔޭ ކައިރިން ވަރިވުމަށް ނިންމާފައިވާކަމަށާއި، ވަކީލަކަށްވެ އަގުހުރިމަސައްކަތްތަކެއް ކުރުމަށް ކިމް ތައްޔާރުވަމުން ދާވަގުތެއްގައި ކާންޔޭ ނިންމީ ރައީސް ކަމަށް ކުރިމަތިލައި މޮޔަ ގޮވުމަށް ކަމަށް ކިމްގެ ފަރާތުން ނޫސްތަކަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

ކިމް އަދި ކާންޔޭ އެންމެ ފަހުން އެކުގައި ފެނިފައިވަނީ ކިމްގެ 40 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ތެރެއިންނެވެ.

2007 ވަނަ އަހަރުން ފެށިގެން އާއިލާގެ އަމިއްލަ ދިރިއުޅުން ދައްކުވައިދިނުމަށް ފެށުނު ޓީވީ ޝޯ ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަން އިން ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ކިމް ކާޑޭޝިއަން އަކީ ވިޔަފާރި ވެރިއެއްގެ އިތުރުން ލޯޔަރަކަށް ވުމަށް ތައްޔާރުވަމުންދާ މީހެކެވެ. ކިމް ގެ ވިޔަފާރީގައި މޭކަޕް އަދި ފެޝަންގެ އެކި ބާވަތްތައް ހިމެނެއެވެ.

1990 ގެ އަހަރުތަކުގައި މިއުޒިކީ ދާއިރާއަށް ނިކުތް ކާންޔޭ ވެސްޓަކީ އެމެެރިކަން ރެޕަރއެއްގެ އިތުރުން ރިކޯޑް ޕްރޮޑިއުސަރ އަދި ފެޝަން ޑިޒައިނަރެއްވެސްމެއެވެ. ކާންޔޭ ވަނީ 2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުން ވާދަކޮށްފައެވެ.

ކިމް އަދި ކާންޔޭއަށް 4 ކުދިން ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން