ޞާދިރު ޢަލީދީދީ   7 ޖެނުއަރީ 2021 - 10:47
ވޭނީކަރުނަ
ވޭނީކަރުނަ
20 ވަނަ ބައި

..................

ކިސްރާ ދައްތައާއި ބެހޭގޮތުން ޝާންބޭބެގެ ވާހަކަހުރިގޮތް ރަމްލާއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް އޭނާ މަޑުމައިތިރި ކަމާއެކު ސޯފާގެ އަނެއްކޮޅަށް ޖެހިލައިފިއެވެ.

ފިލްމު ބެލުމުގެ ބަދަލުގައި އޭނާގެ ހިތުގައި އެނބުރެންފެށީ ހާސްކަމެކެވެ. ޝާންބޭބެއަކީ އޭނާގެ ޅިޔަނެވެ. ތިމާގެ މީހެއްވެސް ނުމެނޫންމެއެވެ. އަނެއްކޮޅުން ބަލާއިރު ރަމްލާއަކީ މީހެއްގެ އަންބެކެވެ.... ފިރިމީހާގެ ހުއްދައަކާ ނުލާ ހިލޭ ފިރިހެނަކާއެކު މިގޮތަށް ތަންތަނަށް އައުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟..... އެކަމަކު އޭނާ އައީ ދައްތަގެ ހުއްދަ ލިބިގެންނެވެ. އޭނާގެ އަމުރަށް ތަބާވުމުގެ ގޮތުންނެވެ. އަހެން ނަމަވެސް މުޢާޒު މިކަމާ ރުހޭނެކަމެއް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އެނާ މުޢާޒުއާއި ނުރުހޭކަން ގައިމެވެ. އަދި އޭނާ ފިރިމީހާއާއިއެކު ސިނަމާތަކަކަށްވެސް ނުދެއެވެ. ދެމީހުންގެ ކައިވެނިވީ ފަހުން ކިތަންމެ ފަހަރަކު އެފަކީރު ރަމްލާ ގާތުގައި ބައިސްކޯފަށް ދިއުމަށް އެދި ބުނެފައިވެއެވެ. އެކަމަކު އޭނާއާއެކު ސިނަމާތަކަށް ދިއުމަކީ ރަމްލާ ވަރަށް ފޫހިވާ ކަމެކެވެ. އޭނާ ބުނެއެވެ. [މިދުވަސްކޮޅު ސިނަމާ ހޯލްގައި އިނުމުން އަޅުގަނޑުގެ ހިތް ވަރަށްބޮޑަށް ތެޅެއެވެ..... މިރެއަކު ނޫނެވެ.... މިހާރަކު ނޫނެވެ.....]

މިކަންތަކުގެ ޚަބަރު މުޢާޒުގެ ކަންފަތަށް އަރައިފިއްޔާ އޭނާ ބުނާނީ ކީކޭބާވައެވެ.... ޅިޔަނަކީ ދުރު ހިލޭ މީހެއް ނޫނެވެ. އެކަމަކު މުޢާޒު ނުރުހުން ވެއްޖިއްޔާ ދެންވާނެ ގޮތަކާމެދު ހިތްހަމަ ޖައްސާލާށެވެ.

ފިލްމް ބެލުމުގައި އޭނާއަށް އޮތީ މަޖަލެއް ނޫނެވެ. އޭނާ އިނީ ހިތުގައި ހިނގަމުންދާ ތޫފާނީ އަލިފާނުން ފިހިފިހިއެވެ.

ކޮންމެއަކަސް މިކަހަލަ ގޮތަކަށްގޮސް އިންޓަވަލް ވެއްޖެއެވެ. އެމީހުންނަށް އާދެވުނީ ބައިގަޑިއިރު ފަހުންކަން އެނގުނީ ދެނެވެ. ހޯލްތެރެއަށް އަލިކަން ވެރިވުމާއެކު މީހުންގަނޑު ރާސްލާފައި ދޮރުތަކުން ބޭރަށް ނުކުންނަން ފަށައިފިއެވެ.

ތުނބުން ފުމުމުގެ އަޑެވެ... ސިގިރޭޓްގެ ދުންތަކެވެ... ހަޅޭއްލެވުމުގެ އަޑުފަށްގަނޑެވެ. ހުނުމުގެ އަޑުތަކެވެ. ޒުވާން ފިރިހެން ކުދިންގެ ސަކަޖެހުމުގެ އަޑެވެ.... މިކަހަލަ ގޮތަކަށް ހޯލްތެރޭގެ މާޙައުލު ބަދަލުވެގެން ހިނގައްޖެއެވެ. ޝާންބޭބެވެސް ބޭރަށް ނުކުމެއްޖެއެވެ. އޭނާ ސިގިރޭޓް ބޯލަން ބޭނުންވީ ކަންނޭގެއެވެ. ޝާންބޭބެއާއެކު ސިނަމާއަށް އައުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ރަމްލާއަށް އިޙްސާސް ކުރެވިއްޖެއެވެ. އެކަމަކު މިހާރު އޭނާގެ އެއްވެސް ޙަރަކާތަކުން އެކަން ފާޅުވިޔަދީގެން ނުވާނެއެވެ.

ފަސްމިނެޓެއްހާއިރު ފަހުން ޝާންބޭބެ އެތެރެއަށް އަތުވެއްޖެއެވެ. އޭނާގެ އަތުގައި ހިކިމޭވާ ޕަކެޓްތަކެއް ހުއްޓެވެ. ހުރިހާ ޕަކެޓްތައް ރަމްލާގެ އުނގަށް އަޅާލަމުން އޭނާ ބުންޏެވެ.

[ސައިބޯނަން ހެއްޔެވެ؟]

[ނޫނެކެވެ. ގޭން ސައިބުއިތާ އަދި މާ ގިނައިރުތަކެއް ނުވެއެވެ.]

އޭނާ އަނެއްކާވެސް ބޭރަށް ނުކުމެއްޖެއެވެ.

ދެވަނަ ފަހަރަށް ފިލްމު ފެށުމުން ރޯކޮށްފައިވާ ސިގިރެޓަކާއެކު އޭނާ އެތެރެއަށް ވަދެއްޖެއެވެ. މުޅި ކޮޓަރި ތެރޭގައި ސިނގިރެޓްވަސް ހިފައިފިއެވެ. މިކަން ރަމްލާއަކަށް ރަނގަޅެއް ނުވިއެވެ. ހުރިހާ ބޮކިތަކެއް ނިވި ދެވަނަ ފަހަރަށް ސްކްރީންގެ މަންޒަރުތައް ޙަރަކާތްކުރަން ފެށުމުން އޭނާ ސިގިރޭޓްބުރި ވައްލާފައި ފައިން ޗިސްކޮށްލިއެވެ. ފިލްމު ފެށިއްޖެއެވެ.

[މީސްމީހުން ފިލްމުން ބަލަން މިއަންނަނީ ކޮން އެއްޗެއް ހެއްޔެވެ؟]

ރަމްލާ މޮޅިވެރިކަމާއެކު ވިސްނާލިއެވެ.

ފިލްމުގައި ހިނިތުންވެފައިވާ ފިރިހެންތަރި އޭނާއަކަށް ކަމަކު ނުދިޔައެވެ. އަދި އަންހެންތަރީގެ ފަރި ޙަރަކާތް ތަކެއްވެސް އޭނާއަކަށް ރީއްޗެއް ނުވިއެވެ.... މީހަކާ އިނުމުގެ ކުރިން އޭނާއަކީ ފިލްމާހެދި މޮޔަވާ މީހެކެވެ. ކޮންމެ ޒުވާން އަންހެން ކުއްޖަކު ފަދައިން ކޮންމެ ފިލްމެއް ޝައުޤުވެރިކަމާއެކު އޭނާ ބަލައެވެ. ކޮންމެ ބަޠަލާއެއްގެ އަދާތައް އޭނާގެ އަދާތަކާ ގުޅުވާލައެވެ. ކޮންމެ ފިރިހެން ކުއްޖަކު އަންހެން ކުއްޖަކު މިތަނަށް މިއަންނަނީ ތިމާމެންގެ ހުވަފެންތައް ފުރިހަމަ ކުރުމަށޭ ހީވާކަހަލަ ގޮތަކަށެވެ. މެދު ޢުމުރުގެ މީހުންނާ މުސްކުޅިން ފިލްމު ބަލަން މިއަންނަނީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް ވަރަށްގިނަ ފަހަރު އަރައެވެ. އެމީހުންގެ އެއްވެސް ހުވަފެނެއް ފުރިހަމަ ނުކުރެވުމުން މުޅި ދުނިޔެދެކެ އެމީހުން ނަފްރަތު ކުރެއެވެ.

އަންހެނުންގެ ނަސީބާމެދު ހަމަ އެންމެ ފަހަރަކު އަޖުމަބެލި އެރޭހުން ބަލިވެއްޖިއްޔާ އެމީހުންގެ ކިބައިގާ އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ މާދަމާ އޭނާއަށް ދަރިޔަކު ލިބިދާބެއެވެ. އަދި މީހުން ބުނާނެއެވެ. ކުއްޖާގެ މަންމަ އުފާވެރި ހުވަފެން ދުށުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟.... ދުނިޔެއަކީ ކެހިވެރިކަމުގެ ސިލްސިލާއެއް ހެއްޔެވެ؟ އިންސާނާއަކީ މަޖްބޫރު ވެފައިވާ މީހެއް ކަމުގައިވާނަމަ އެމީހާއަށް ހުވަފެން ދުށުމުގެ ނަސީބުދެއްވީ ކީއްވެގެން ބާވައެވެ. ހުވަފެނަކީ ޙަޔާތާއި މުޅިން ވަކި އެއްޗަކީ ހެއްޔެވެ؟ ޙަޔާތަކީ ކެހިވެރިކަމުގެ މަޖާގަނޑެއް ހެއްޔެވެ؟.... އެއްބައިމީހުންގެ ކެހިވެރިކަމުގެ މަޅީގައި އަނެއްބައި މީހުން ޖައްސަނީއެވެ..... ވާހަކަ އިންނެވެ..... ފިލްމު ހަދައިގެންނެވެ....

ޝާންބޭބެ އޭނާއާއި ކައިރިއަށް ޖެހެމުން އަންނަކަން ރަމްލާއަށް ކުއްލިއަކަށް އިޙްސާސް ކުރެވުނެވެ. އޭނާގެ ހިތް އަނެއްކާވެސް ބާރުބާރަށް ވިންދު ޖަހަން ފަށައިފިއެވެ.

އޭނާ ހިމޭން ވެއްޖެއެވެ.

ޝާންބޭބެ އޭނާއާ ޖެހިފިތިގެން އިށީނދެއްޖެއެވެ. ކުޑަ އިރުކޮޅަކަށްފަހު ރަމްލާއާއި ދިމާއަށް ގުދުވެލާފައި ބުންޏެވެ.

[ތިޔަހާ ލަދުން ތިޔައިނީ ކީއްވެގެން ހެއްޔެވެ؟] ތިޔަ ގަންނަނީ ކޮންލަދެއް ހެއްޔެވެ؟

[ކީކޭތޯއެވެ.] އޭނާ އަވަހަށް ބުންޏެވެ.

[ފިލްމު ކިހިނެތް ހެއްޔެވެ؟]

[އެހެންވިއްޔާ ދަމާ ހިނގާށެވެ.] އޭނާވެސް އިނީ ފޫހިވެފައެވެ. އެހެންކަމުން އޭނާ ބުންޏެވެ. [ކޮންމެވެސް ރެސްޓޯރެންޓަކުން ބަނޑުފުރާ ކެއަސް މިއަށްވުރެ ރަނގަޅު ވާނެއެވެ.]

ރަމްލާ ހިމޭން ވެއްޖެއެވެ. ކުޑަ އިރުކޮޅަކަށްފަހު ބުންޏެވެ.

[މިހާރު ދެން ފިލްމު ނިމެންވެސް ކައިރިވަނީ ނޫންތޯއެވެ.... ދެން ދާނީ ނިމުނީމައެވެ.]

އެކަމަކު އޭގެ ފަހުގައި ރަމްލާއަކަށް ފިލްމެއް ނުބެލުނެވެ. ޝާންބޭބެ މިގޮތަށް ޖެހިފިތިގެން އިނުމުން އޭނާގެ ސިކުނޑި ހާސް ކުރުވައެވެ. ކުޑަ އިރުކޮޅަކަށްފަހު ރަމްލާގެ ކޮނޑު މައްޗަށް ވާގޮތަށް ގޮނޑީގެ ލެނގޭބައިގާ ޝާންބޭބެގެ އަތް ބާއްވާލިއެވެ. އެވަގުތު އެތަނުން ތެދުވެގެން ދިއުމަށް އެދި ރަމްލާގެ ހިތް އޭނާގެ ގާތުން އެދުނެވެ. އޭނާ އަވަސް އަވަހަށް ސާލުތެރޭގައި އޭނާގެ ފިނި އަތް ފޮރުވައިގެން އިނދެ ނޭވާ ހަމަޖައްސާލިއެވެ.

ފިލްމު ނިމުމާއެކު އޭނާގެ ހަށިގަނޑަށް ދިރުން ލިބިއްޖެއެވެ. ގައިގާ ސާލު އޮޅާލައިގެން ކޮޅަށް ތެދުވެއްޖެއެވެ. އަދި ދޮރާ ދިމާއަށް ދުއްވައިގަތެވެ.

[ރަމޫއެވެ! މަޑުކުރާށެވެ. އިހަށް މީހުންގަނޑު މަދުވެލަންދެން މަޑުކޮށް ބަލާށެވެ. ޝާންބޭބެ ވަރަށް އޯގާވެރި ކަމާއެކު މިހެން ބުނެލާފައި މަޑުމަޑުން އޭނާގެ އަތު މުލައްދަނޑީގައި ހިފައިފިއެވެ. ރަމްލާ އެތަކެއް ފަހަރު އެދުމުންވެސް އޭނާ ދުލެއް ނުކުރިއެވެ. ކުޑަކޮށް މީހުންގަނޑު މައިތިރި ވުމާއެކު އޭނާ އެހުރިގޮތަށް ރަމްލާގެ އަތުގައި ހިފައިގެން ތިރިއަށް ދިޔައެވެ.... އެތައް ޒަމާނެއް ވަންދެން ބަލިވެއުޅެފައި މީހެއްގެ އެހީއަކާނުލާ ނުފޭބޭ މީހަކު ގޮވައިގެން ފައިބާ ފަދައިންނެވެ.

ކާރަށް އެރުމަށްފަހު ރަމްލާއިނީ ކުރިޔަށްވުރެވެސް ބޮޑަށް ކުރުގެޅި ގެންނެވެ.

[އެއްޗެއް ކާނަން ހެއްޔެވެ؟]

[ނޫނެކެވެ....] ރަމްލާ އަވަހަށް ބުންޏެވެ. [އަޅުގަނޑަށް އިރުއިރުކޮޅާ ދައްތަގެ މަތިން ހަނދާން ކުރެވެނީއެވެ. ކުޑަކޮއްކޮގެ ޙާލު ކިހިނެތް ކަމެއްވެސް ނޭގެއެވެ. އޭނާ އެކަނިވުމުން ކަންބޮޑުވާނެކަން ގައިމެވެ.

[ކޮންމެވެސް ތާކަށް މަޑުކޮށްފައި ދުފާ އެއްޗެހި ގަންނަމާ ހިނގާށެވެ.]

އޭނާ މަގުގެ އެއްފަރާތަށް ކާރުހުއްޓާފައި އެތަނުން ދުފާ އެއްޗެހި ގަނެފިއެވެ.

ދެމީހުން ގެޔަށް ދިޔައިރު މޭޒު މައްޗަށް ކާން ހަދައިގެން ކިސްރާ ދައްތަ އިނެވެ.

ޝާންބޭބެގެ މޫނު ވިދާ ބަބުޅައެވެ. ވަރަށް އުފާވެރި މޫޑެއްގައި ހުރިކަން އެނގެއެވެ. އޭނާ ދުފާ އެއްޗެހި ޕަކެޓް ކިސްރާގެ އުނގުމައްޗަށް އެއްލާލިއެވެ. ދެން އޭނާގެ ކޮނޑު މައްޗަށް އަތްވައްޓާލަމުން ޖެހިފިތިގެން އިށީނދެއްޖެއެވެ. [ބޭގަމްއެވެ. ކިހިނެތް ހެއްޔެވެ؟]

[ރަމޫއެވެ. ފިލްމު ކިހިނެތް ހެއްޔެވެ؟] ކިސްރާ ދައްތަ ޝާންބޭބެގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު ރަމްލާގެ މިލާ މޯޅިވެފައިވާ މޫނަށް ބަލާލާފައި ބުންޏެވެ.

[ރަނގަޅެވެ....] އޭނާ ހިތާ ދެކޮޅަށް ބުންޏެވެ.

[ކޮއްކޮގެ ތަބީޢަތު ރަނގަޅު ހެއްޔެވެ؟] އޭނާ އަނެއްކާވެސް ބުންޏެވެ.

[ރަނގަޅެވެ.] ރަމްލާ ހިތާދެކޮޅަށް ހީނލާފައި ޖަވާބުދިނެވެ. [އެހާ ގިނައިރު އިށީދެގެން އިނުމުގެ ސަބަބުން އަޅުގަނޑުގެ އުނަގަނޑުގައި ކުޑަކޮށް އެބަރިއްސައެވެ.]

[ދެން ބޭބެއާއެކު ކާންދާށެވެ. ހިހޫ ވެދާނެއެވެ.] ދައްތަ ތެދުވެއްޖެއެވެ.

[ކުޑަކޮއްކޮ މިހާރު ކިހިނެއްތޯއެވެ؟....] ރަމްލާ ހަރުގޮތަކަށް އަހާލިއެވެ.

[ބޭސްދީފައި ނިންދެވީ ހަމަ ދެންމެއަކުއެވެ. މިހާރު ރަނގަޅުހެން ހީވެއެވެ.]

ދެން ތިންމީހުން ކާމޭޒު ދޮށުގައި އިށީނދެއްޖެއެވެ.

ރަމްލާ ޒައިނަބުގެ އަތުގައި ހިފައިގެން ޝާންބޭބެއާއެކު ކްލަބަށް ވަނުމާއެކު އެތާނގައި ތިބި ކޮންމެ މީހެއްގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓުނެވެ. އެއްކަމަކީ ޚާއްޞަކޮށް މިދުވަސްކޮޅު އޭނާގެ މައްޗަށް ރީތިކަން ވެރިވަމުންދާ ކަމެވެ. އަނެއްކަމަކީ އަރިދަފުސް އެޅުމުގެ ސަބަބުން އޭނާގެ ލޯބި ނޭފަތް މަޑު ރަތްކުލައަކަށް ބަދަލުވެފައި ވުމާއެކު އެ ރީތިކަމަށް އިތުރު މުއްސަނދިކަމެއް ގެނެސްދީފައިވާ ކަމެވެ. އަދި ލޮލުގައިވެސް އާދަޔާ ޚިލާފު ރީތިކަމެއް އެކުލެވިފައި ވެއެވެ. ދިގު އިސްތަށިގަނޑު ކޮނޑުމަތީގައި ވިހުރުވިފާ އޮތެވެ.

ހިނިތުންވަމުން އޭނާ ހޯލަށް ވަނުމާއެކު ކޮންމެ މީހެއްގެ މޫނުމަތީގައި ސުވާލު މާކެއް ޖެހުނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ ********************** * ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން