ޞާދިރު ޢަލީދީދީ   8 ޖެނުއަރީ 2021 - 11:10
ވޭނީކަރުނަ
ވޭނީކަރުނަ
21 ވަނަ ބައި

..................

ރަމްލާ ޒައިނަބުގެ އަތުގައި ހިފައިގެން ޝާންބޭބެއާއެކު ކްލަބަށް ވަނުމާއެކު އެތާނގައި ތިބި ކޮންމެ މީހެއްގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓުނެވެ. އެއްކަމަކީ ޚާއްޞަކޮށް މިދުވަސްކޮޅު އޭނާގެ މައްޗަށް ރީތިކަން ވެރިވަމުންދާ ކަމެވެ. އަނެއްކަމަކީ އަރިދަފުސް އެޅުމުގެ ސަބަބުން އޭނާގެ ލޯބި ނޭފަތް މަޑު ރަތްކުލައަކަށް ބަދަލުވެފައި ވުމާއެކު އެ ރީތިކަމަށް އިތުރު މުއްސަނދިކަމެއް ގެނެސްދީފައިވާ ކަމެވެ. އަދި ލޮލުގައިވެސް އާދަޔާ ޚިލާފު ރީތިކަމެއް އެކުލެވިފައި ވެއެވެ. ދިގު އިސްތަށިގަނޑު ކޮނޑުމަތީގައި ވިހުރުވިފާ އޮތެވެ.

ހިނިތުންވަމުން އޭނާ ހޯލަށް ވަނުމާއެކު ކޮންމެ މީހެއްގެ މޫނުމަތީގައި ސުވާލު މާކެއް ޖެހުނެވެ.

މީސްތަކުން މިގޮތަށް ޙައިރާންކަމުގެ ބޭލުމަކުން ބަލަން ފެށުމުން ރަމްލާގެ ހިތުގައި އުފާވެރިކަން އުފެދުނެވެ. ޝާން ކޮނޑު އަރުވާލުމާއެކު ސިއްރު ސިއްރުން ރަމްލާގެ ކަންފަތް ދޮށުގައި ބުންޏެވެ.

[އަހަރެންގެ ޤަދަރުވެރިކަން ފެނިއްޖެ ނޫން ހެއްޔެވެ؟]

[ޝާން ބޭބެވެސް ޤަދަރުވެރިކަން މީސްތަކުންނަށް ދައްކަވަމުތޯއެވެ؟]

[އާއެކެވެ. އަހަންނަކީ އެކަމަށް އެކަށީގެންވާ މީހަކީމެވެ.]

[ދައްތަވެސް ދުރުވިނަމަ ކިހާ ރަނގަޅުވީސް ތޯއެވެ؟] ރަމްލާ ހީނލިއެވެ.

[އަނގަ މަޑުކުރާށެވެ. ތިޔައީ އަހަރެންގެ ކާކުކަމެއް އެއްވެސް މީހަކަށް ނޭގޭނެއެވެ. ނިކަން ދެކެބަލާށެވެ.... ކިހާ ވަރަކަށް އަހަންނާ ދިމާއަށް އެމީހުން އެބަބަލާ ހެއްޔެވެ؟]

[އެހެންވިއްޔާ އެމީހުން ގާތުގައި އަޅުގަނޑަކީ ޝާންބޭބެގެ ފަހަރިއޭ ބުނުއްވަންވީ ނޫންތޯއެވެ؟]

[އެހާ އަވަހަށް ކީއްކުރަން ހެއްޔެވެ. ފުރަތަމަ އަހަރެންގެ ނަސީބާމެދު އެމީހުންގެ ހިތުގައި ވާދަވެރިކަން އުފެދުނަ ދޭށެވެ.] ރަމްލާއަކަށް އޭނާގެ މިވާހަކަ ރަނގަޅެއް ނުވިއެވެ.

[ޝާންބޭބެއެވެ! ދައްތަވެސް މިތަނަށް ގެންނަވަމުތޯއެވެ؟]

އަހަންނަކީ އަލަށް ރަޖިސްޓްރީ ކުރެވުނު މެންބަރަކީމެވެ. އެހެން ނޫނަސް ޕަންޑީއަށް އައިފަހުން ދައްތަ އުޅެނީ ބަލިވެއެވެ.]

ދައްތަވެސް ގެންނަވާނަން ދޮގެއްތޯއެވެ؟]

[އޭނާ އަހަންނާއެކު އައުމަށް އެކަށީގެންވޭ ހެއްޔެވެ؟]

[ކީއްވެގެންތޯއެވެ. އޭނާގައި މަދީކޮންކަމެއް ތޯއެވެ؟]

[ނިކަން އަމިއްލަ ހަށިގަނޑަށް ބަލާލަބަލާށެވެ. ދެން ވާހަކަ ހުއްޓާލާށެވެ. މީހުންގަނޑު އަހަރެމެންނާ ބެހޭގޮތުން ކިހާ ވާހަކައެއް އެބައްދައްކާ ހެއްޔެވެ. އަހަރެމެންގެ ގުޅުން ކިހާ ފުރިހަމަ ހެއްޔޭ އެމީހުންގެ ހިތަށް އަރާނެއެވެ.]

އެދެމީހުން މޭޒެއްގެ ކައިރީގައި އިށީނދެއްޖެއެވެ. ޒައިނަބުވެސް ބައިން ދައިފިއެވެ. ހަމަ އިށީނުމާއެކު މުޢާޒުގެ މަތީން ރަމްލާއަށް ހަނދާން ކޮށްލެވުނެވެ. ފަހަރެއްގައިވެސް އޭނާ މުޢާޒާއެކު ކްލަބަށް އަތުވެއްޖިއްޔާ މީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟

ކިހާ މިޒާޖު ނުރަނގަޅު އަންހެނެއްހެއްޔޭ މީހުން ހީކުރާނެއެވެ. ރީތިކަމުގެ އިޙްސާސެއް އޭނާގެ ކިބަޔަކުނެތެވެ. މިހާ ސިފަހުތުރު މީހަކާ އިންއިރު އޭނާގެ ލޮލުގެ ފެނުން ދެރައީނޫން ބާވައެވެ. ޢާއްމު ގޮތެއްގައި ރީތި އަންހެނުން މިކަހަލަ ސިފަ ހުތުރު މީހުނާ އިންނަނީ އެމީހާގެ ކިބައިން މަތީ ދަރަޖައާއި ފައިސާގެ ތަނަވަސްކަން ހުންނާތީއެވެ.

މީގެ މައްޗަށް ދިހަ އަހަރަށްފަހު މުޢާޒަކީ ބޮޑު ފައިސާވެރިއަކަށް ވިޔަސް އޭނާއަކަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ. އޭނާގެ ލޫޓުވާލެވިފައިވާ އުއްމީދުތަކާއި ގެއްލިފައިވާ ޒުވާންކަން އަނބުރާ ލިބިދާނެ ހެއްޔެވެ؟ އެކަހަލަ ބޮޑެތި މީހުންގައި ހުރީ ކޮންމޮޅެއް ހެއްޔެވެ؟ އެމީހުންނާއެކު އުޅެންޖެހުމުން ހިތުގައި ހިތާމައިގެ އޮއިވަރު އުފައްދައެވެ. ލޯ ރޮއްވައެވެ. ތުންފަތުގައި ހިތާމައިގެ އަފްސާނާތައް ނާނާ ކިޔައެވެ.... ފައިސާއިން ހުރިހާ އުފަލެއް ގަނެވިދާނެ ހެއްޔެވެ؟

މިހާރުވެސް އޭނާގެ އެއްބަޑު އެއްބަފާ ހަތަރު އަންހެން ކުދިންގެ ތެރެއިން އެންމެގިނަ ފައިސާ ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބިފައިވަނީ އޭނާ އަށެވެ. ތިމާގެ ހުރިހާ މީހުން ޢަދަދު ނުކުރެވޭފަދަ ގިނަ ހަދިޔާތައް އޭނާއަށް ދިނެވެ. މައިދައިތަވެސް ރަނުގެ ދެއަނގޮޓިއާއި މުޅިން ޖަވާހިރުން ހަދާފައިވާ ގަހަނާ ސެޓެއް ގަނެދިނެވެ. މައިދައިތަގެ ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އޭނާގެ ހުރިހާ ގަހަނާއަކާއި ހުރިހާ ހެދުމެއްދިނީ ރަމްލާއަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް އެއްޗެއްގައި ރަމްލާ އަތްވެސް ނުލައެވެ.

މިހާގިނަ ގަހަނާއާއި ހެދުންތަކަކީ އޭނާގެ ޖަޒްބާތުގެ އަގެއްނޫނެވެ.

އޭނާ ކަންފަތުގައި ލާފައިއޮތީ ކައިވެނީގެ ރޭ ބައްޕަ ހަދިޔާކުރި މުންޖެކެވެ. އަތުގައި އޮތީ މަންމަގެ ފަރާތުން ލިބިފައިވާ ތަނޑު ތަކެކެވެ. އަޅާފައިވަނީ އެންމެ ދެއަނގޮޓިއެވެ. އެކަތިއޮތީ ކަނާތުގައެވެ. އެއީ ކައިވެނީގެ ރޭ މުޢާޒު އަޅުވައިދިން އަނގޮޓިއެވެ. އެހެން ނަމަވެސް އޭނާގެ އަގުބޮޑު ޖަޒްބާތު ތަކަކާއި މިއަނގޮޓިއަކާ އެއްވެސް ގުޅުމެއް ނެތެވެ. އަނެއް އަނގޮޓި އޮތީ ވާތުގައެވެ.

ޙަޤީޤަތުގައި އޭނާގެ އަތުގައި ދެތިން ހަތަރު އަނގޮޓި އޮވެއެވެ. އެކަމަކު މިހާރުގެ އަންހެން ކުދިން ފަދައިން އިނގިއްޔެއްގައި ތިން ހަތަރު އަނގޮޓި އެޅުމަކީ އެއްގޮތަކަށްވެސް އޭނާއަށް ރީތިކަމެއްނޫނެވެ.

ޝާންބޭބެއަކީ ޙަޤީޤަތުގައިވެސް ވަރަށް ސްމާޓް މީހެކެވެ. މިއަދު އޭނާ އިނީ ބަދަންކުލައިގެ ހެދުމެއްގައެވެ. ޓައީގައި ޖަހާފައިވާ ގޮށް ވަރަށް ރީއްޗެވެ. ކޯޓްގެ ޖީބުގައި ޖަހާފައިހުރި ރުމާ، ސިއްރު ސިއްރުން ތަނުގެ މާހައުލަށް ބަލަމުން ގެންދާ ކަހަލައެވެ. އިސްތަށިގަނޑު އޮތީ ރީތިގޮތަކަށް އޮމާން ކުރެވިފައެވެ. ލޮލުގައި އާދަޔާ ޚިލާފު ވިދުވަރެއް އުފެދިފައި ހުއްޓެވެ. ޝާންބޭބެ ކޮންމެފަދަ އަންހެން ކުއްޖަކުވެސް އޭނާގެ މައްޗަށް ލަންބުވާލަ ފާނެއެވެ.

އޭނާގައި ވަނީ ކޮންފަދަ ހިތްގައިމުކަމެއް ހެއްޔެވެ؟ ވާހަކަ ދެއްކުމުގައި ވަނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟

ރަމްލާގެ ފިރިމީހާއަކީވެސް މިކަހަލަ ފިރިހެނަކަށް ވީނަމަ ކޮންފަދަ ހެއްޔެވެ؟ އެހެންވީނަމަ މިގޮތަށް ދުނިޔެދެކެ ލަދުން އިންނާކަށް ނުޖެހުނީހެވެ.

[ތިޔަ ބަލަނީ ކޮން އެއްޗެއް ހެއްޔެވެ؟]

ޝާންބޭބެ ކުއްލިއަކަށް ވަގު ހިފައިފިއެވެ.

[ބޭބެގެ ހެދުމަށެވެ.] ރަމްލާ އާދައިގެ ގޮތަކަށް ބުނެލިއެވެ. [ތިޔަ ކޯޓްގެ ކުލަ މިއަދުގެ މިހަވީރާ ވަރަށް ގުޅެއެވެ.]

[ޝުކުރިއްޔާއެވެ.] އޭނާ ކުޑަކޮށް ބޯގުދުކޮށްލާފައި ބުންޏެވެ. [ރީތިވީ ހަމައެކަނި މިކޯޓްގެ ކުލަ ހެއްޔެވެ؟ އަހަރެންގެ ވާހަކަތަކާ ބެހޭގޮތުން އެކައްޗެކޭވެސް ނުބުނަމުއެވެ.]

[އެންމެ ރަނގަޅެވެ. ހަމަކުޑަ ނަމަވެސް ތަޢުރީފެއް ކޮށްލާއިރަށް ބޭބެއަށް ތިޔަވެލައްވަނީ ކީއްތޯއެވެ؟]

[އެވާގޮތެއް ނޭގޭހެއްޔެވެ؟ ތަޢުރީފް ލިބުން ޙައްޤުވެގެންވާ މީހަކީ އަހަންނެވެ. ނިކަން ދެކެބަލާށެވެ. ކްލަބްގައި ތިބި ހުރިހާ އަންހެން ކުދިންގެ ނަޒަރުގައި އަހަންނަކީ އެންމެ ރީތި މީހާއެވެ.]

[އެއްކަމެއްވެސް ކުޑަގޮތަކަށް ދުއްވާލާކަށް ބޭބެގެ ހިތެއް ނުރުހެއެވެ.]

[ދެން އެންމެ ރަނގަޅެވެ. ތިޔަ ޖޫސްތަށި ބޯލާށެވެ.... ގޭމް ފެށެން އުޅެނީއެވެ.]

ރަމްލާ ޖޫސްތަށި ކައިރިއަށް ދަމާލިއެވެ.

ފުރަތަމަ ކޯވަރު ބޯލާފައި ރަމްލާ ބުންޏެވެ.

[ޝާންބޭބެއެވެ. އަޅުގަނޑު އައިފަހުން ހަމަކޮންމެ ދުވަހަކު އައު ހެދުމެއް އެބަ އަޅުއްވަމުއެވެ. ބޭބެގެ އަތުގައި އޮންނަނީ ކިތައް ހެދުންތޯއެވެ؟]

ޝާންބޭބެ ހީނގެންފައި ބުންޏެވެ.

[އަހަންނަކީ މިޝަހަރުގައި ހުރި އެންމެރީތި ހެދުންއަޅާ މީހާއެވެ. އޮފީހުގައި އަބަދުހެން ދެކެވޭނީ އަހަރެންގެ ހެދުމުގެ ވާހަކައެވެ.]

[ޝާންބޭބެއެވެ. ބޭބެފެނުމުން އަޅުގަނޑުގެ ހިތަށް ވަރަށްގިނަ އެއްޗެތި އަރާ ފައިބަމުންދެއެވެ. މިހާރަކަށް އައިސް އަންހެނުންގެ ފެޝަނަށްވުރެ ފިރިހެނުންގެ ހެދުމުގެ ވައްތަރުތައް ގިނައެވެ. އަންހެނުންގެ ހެދުމަށްވުރެ ފިރިހެނުންގެ ހެދުން ގިނަވެސް މެއެވެ. ނިކަން ބައްލަވާށެވެ. ބޭބެގެ އަތުގައި ކިހާ ފަޓްލޫނެއް އެބަހުރިތޯއެވެ؟ ކިހާ ގަމީހެއް އެބަހުރިތޯއެވެ؟ މީގެ އިތުރުން ކިތައް ވައްތަރުގެ ޓީޝާރޓާއި ސުއިޓަރެއް އެބަހުރިތޯއެވެ. ކިހާ ކުރީމްއަކާއި ލޯޝަނެއް އަދި ކިތައް ވައްތަރު ސެންޓް އެބަހުރިތޯއެވެ. އެއްވެސް މީހަކަށް އޮޅިފައި ނޯންނާނޭ ފަދައިން އަންހެނުންގެ ހެދުމަށްވުރެ ފިރިހެނުންގެ ހެދުމުގެ އަގުވެސް ބޮޑެވެ. ވީއިރު މިހާ އަގުބޮޑު ދުވަސް ވަރެއްގައި ތިޔަހާގިނަ ބޭކާރު ޚަރަދުކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ކުރީ ޒަމާނުގައިވެސް މީހުން ދިރިއުޅުން ހޭދަކުރީ ވަރަށް އުފަލާ އަރާމުގައެވެ. އެކަމަކު އެމީހުން އެންމެ ކޯޓަކާއި ދެފަޓުލޫނުން ފުއްދާލައެވެ.]

ރަމްލާއެވެ. [ޝާން ބުންޏެވެ.]

މިއީ އެޒަމާނެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާކަމެއް ބަދަލުވެއްޖެއެވެ. މިހާރުގެ މީހުން ތިމާގެ ހައިޘިއްޔަތާއި މޮޅުކަން ހޯދައިގަންނަނީ އަޅާހެދުމުންނެވެ. ފިރިހެނުންނަށްވެސް އަމިއްލަ މިނިވަންކަން ލިބިއްޖެއެވެ. ފައިސާ ހޯދަނީ އަހަރުމެން ފިރިހެނުންނެވެ. ބޭނުމިއްޔާ ލިބޭ މުސާރަކޮޅު ހުސްވަންދެންވެސް ފާޑުފާޑުގެ ހެދުން ގަނެވިދާނެއެވެ.

އެހެންވީއިރު، ރީތި ހެދުންގަނެ ފައިސާ ޚަރަދުކުރަމުން ގެންދާ ބައެއްކަމުގައި އަންހެނުންވެ، އެމީހުން ބަދުނާމުވަނީ ކީއްވެގެންތޯއެވެ؟ މޭކަޕްގެ ސާމާނުގަނެ ފައިސާކޮޅު ހުސްވެގެން ދަނީއޭ ބުނެވެނީ ކީއްވެގެންތޯއެވެ؟ މިއާ ޚިލާފަށް މިހާރުގެ ފިރިހެން ކުދިން އެކި ފާޑުފާޑަށް ބޯކޮށައެވެ. ނިޔަފަތި ދިގޮކޮށް ޕޮލިޝް ކުރެއެވެ. ކަރުގައި ފަށް އަޅައެވެ. ހަމައެހެންމެ މޭކަޕްވެސް ކުރެއެވެ. މިހިރީ އަޅުގަނޑު ލޮލުންދެކޭ މަންޒަރުތަކެވެ. ބޭބެވެސް ކޮންމެ ދުވަހަކު މީރުވަސްދުވާ ފެނުން ފެންވަރުއްވަމުއެވެ. ކޮންމެ ދުވަހަކު ބޭނުން ކުރައްވަނީ ވަކި ސެންޓެކެވެ.]

[ހެދުން ރީތިވާ ފަދައިން އެހެން ހުރިހާ އެއްޗެއްވެސް އަހަރެންގެ ނަޒަރުގައި ރީއްޗެވެ.] ޝާން ބުންޏެވެ. [އަދި އަހަންނަކީ އެހެންމީހުން ރީތިހެދުން އެޅުމަށް ފާޑުކިޔާ މީހެއްނޫނެވެ. ކޮންމެ މީހަކުވެސް ރީތިވާންވީއެވެ. އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ހެވެވެ. އަހަރެން ދެކޭގޮތުގައި އަންހެނުން އަބަދުވެސް ރީތިކޮށް ތިބުން ބޭނުމެވެ. އަބަދުވެސް ލޯބިގޮތަކަށް ފެންނަން ވާނެއެވެ. ރަމްލާ ފަދައިންނެވެ.]

[އަޅުގަނޑުމެން އެންމެ ބެއިންގެ ތެރެއިން ރީތިހެދުން އަޅަނީ ކިސްރާ ދައްތައެވެ. އަދި ޝައުޤުވެރި ކަމާއެކު މޭކަޕް ކުރަނީވެސް އޭނާއެވެ.] ރަމްލާ އަވަހަށް ބުނެލިއެވެ.

[އޮހހޯ].... ޝާންބޭބެ މޫނު ކުނިކޮށްލިއެވެ.

[ކިސްރާއަކީ އިންތިހާ ދަރަޖައިގެ ގޮތްކުޑަ އަންހެނެކެވެ. އެތައް ދުވަހެއް ވާއިރުވެސް ހެދުމެއް ބަދަލެއް ނުކުރެއެވެ. އެފަކީރު އާހެދުމެއް އެޅިކަމުގައި ވިޔަސް އެޔަކާމެދު ފަރުވާލެއް ނުބަހައްޓައެވެ.]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ ***********************

ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން