އިދިކޮޅު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މެދުގައި.
އިދިކޮޅު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މެދުގައި.
ދަޢުވާގެ މައްޗަށް ދަޢުވާ ކުރިޔަސް އަދުރޭ ނުސިހޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވެފައިވަނީ، ޢާއްމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލާގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މި މަހުގެ 31 ވަނަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމާއި ގުޅިގެންނެވެ.

ދަޢުލަތުން އަދުރޭގެ މައްޗަށް އުފުލާފައި ވަނީ ޤާނޫނުލް ޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި، ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދަޢުވާއެވެ.

އެކަމާގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ، އަދުރޭ އަކީ ނުގުޑާފަދަ ޢަޒުމެއްގައި ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި ހުންނެވި ބޭފުޅެއްކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ހުންނެވި ވަރުގަދަ ލީޑަރެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.



އަދުރޭގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައެވެ. އަދުރޭ ޢާއްމުތަނެއްގައި ބޭއަދަބީކޮށް ވާހަކަ ދައްކަވާފައިވަނީ، ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް އިއްވި ދުވަހު، ކްރިމިނަލް ކޯޓުގެ ގާޟީންނަށް މުހާތަބު ކުރަށްވައެވެ. މިއީ ޤާނޫނުލް ޢުޤޫބާތުގެ ދަށުން މިފަދަ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލި ފުރަތަމަ ފަހަރެވެ.

އަދުރޭގެ ކޮރަޕްޝަންގެ މައްސަލަތަކެއް ދަޢުލަތުގެ ގިނަ އިދާރާތަކަކުން މިހާރުވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދުރޭ ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ސިޔާސީ މާޙައުލުގައި ޙަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން ލައިވް ޓީވީގައި ވަރަށް ފާޅުކަން ބޮޑުގޮތެއް އެފަދަ ބަސްތައް ބޭނުންކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން