ގއ. ދެއްވަދޫ
ގއ. ދެއްވަދޫ
ގއ. ދެއްވަދޫން އިތުރު 9 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 33 އަށް އަރައިފިއެވެ.

އެރަށުން އިތުރު 9 މީހުން ޕޮޒިޓިވްކަން އެނގުނީ، އެރަށުގައި ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ބައެއް މީހުން ފައްސިވުމާއި ގުޅިގެންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެރަށުން ކުރިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވެއެވެ.

ގއ.ދެއްވަދޫއިން ފުރަތަމަ ޕޮޒިޓިވްވީ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާއި ގުޅުންހުރި ކޭސްއެކެވެ. އެގޮތުން، އެ ހަފްލާއަށް ދިޔަ އުމުރުން 2 އަހަރުގެ އަންހެން ކުއްޖަކު ހޯމްކަރަންޓީނުގައި ހުއްޓައި އޭނާއާ ބައްދަލުވި ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ގއ.ދެއްވަދޫ ކްލަސްޓަރ އިން ފުރަތަމަ ޕޮޒިޓިވްވީ 24 ޑިސެމްބަރުގައެވެ. ދެވަނަ ކޭސް ފެނުނީ 6 ޖެނުއަރީގައެވެ. 7 ޖެނުއަރީގައި 6 ކޭސް އަދި 8 ޖެނުއަރީގައި 5 ކޭސް މި ކްލަސްޓަރ އިން ފެނިފައިވެއެވެ. އެޗްއީއޯސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކްލަސްޓަރ އިން 9 ޖެނުއަރީގައި ޕޮޒިޓިވްވީ 10 މީހެކެވެ. އަދި 10 ޖެނުއަރީގައި 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަލަށް ޕޮޒިޓިވްވީ 17 މީހުންނާއެކު ޖުމްލަ ކްލަސްޓަރ އިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދެއްވަދޫއިން 33 މީހަކާއި، ހުޅުމާލެ ފްލެޓްއަކުން 2 މީހަކާއި ލ.ފޮނަދޫއިން 4 މީހެކެވެ.

މިކަމާއި ގުޅިގެން އެ ރަށުގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ނިންމައި މުޖުތަމައުގައި ބަލި ފެތުރުން ހުއްޓުވުމަށް ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެގޮތުން، ޖަމާއަތުގައި ނަމާދުކުރުމާއި ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. މި ކޭސްތަކާއި ގުޅިގެން އެޗްއީއޯސީން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭ އިން ފަހުން ބުނެފައިވަނީ އެރަށުގައި ބަލި ފެތުރިފައިވަނީ ކުޑަ ކުއްޖާގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ. ދެއްވަދޫން ލ. ފޮނަދޫއަށް ދިޔަ ދެ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެދެމީހުންނާ ގުޅުންހުރި އިތުރު ދެމީހުންވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ފޮނަދޫ އާއި އެ ރަށާ ގުޅިފައި އޮންނަ ގަން މިހާރު ވަނީ މޮނީޓަރިން ހާލަތުގައެވެ.

އެޗްޕީއޭއިން ވަނީ ދެއްވަދޫއިން އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން އަންގައި ކަރަންޓީނުވުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން