އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް (ވ) އާއި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް
އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް (ވ) އާއި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް
ކުރީގެ ރައީސް ޢަބްދުﷲ ޔާމިނަށް ތަޢުރީފުކުރައްވައި ވާހަކަދައްކަވާއިރު، "ކުޑަކޮށްވެސް ލަދެއް ނުގަނޭތޯ"އޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި ސުވާލުކުރައްވައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. ޖަމީލަށް ނިސްބަތް ކުރަށްވައި އާޒިމް މިފަދަ ޓްވީޓެއް ކުރަށްވާފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. ޖަމީލް ނާއިބު ރައީސްކަމުން ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ޑރ. ޖަމީލްގެ ވަކީލުން ވަނީ ޑރ. ޖަމީލް މަޤާމުން ވަކިކޮށްފައިވަނީ ދިފާޢު ވުމުގެ އެއްވެސް ފުރުސަތެއް ނުދީކަމަށް ކޯޓުގައި ބުނެފައެވެ.

އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓްގައިވަނީ ރައީސް ޔާމީނާއި ގުޅޭގޮތުން ޑރ. ޖަމީލް ދެއްކެވި ވާހަކަ ކޮޅެއްވެސް ހިމަނުއްވާފައެވެ. އެގޮތުން އެ އޯޑިއޯގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ، "ރައީސް ޔާމީންގެ ވެރިކަން މިހާރުވަނީ ނިމިފައި. ރައީސް ޔާމީނަށް ތާޢީދު ކުރަންވީ އެއްވެސް ސަބަބެއް ނެތް." ކަމަށެވެ.

"ވެރިކަމަށް ވަޑައިގެންނެވިއިރު ވަޢުދުވީ ކޮންމެ މަސްވެރިޔަކަށް ދިހަހާސް ރުފިޔާ، ކޮންމެ މަސްވެރިޔަކަށް އަށްހާސް ރުފިޔާ ދޭން ވަޢުދުވީ.. ރައީސް ޔާމީން ރާއްޖެއަށް ބާރު މިނެއްގައި ގެނެސްދީފައިވަނީ ފަސާދައާއި ކޮރަޕްޝަން. ވައްކަމާއި އަނިޔާވެރިކަން. ތާރީޚް ދެކެފައި ނުވާފަދަ އަނދިރި ވެރިކަމެއް." ރައީސް ޔާމީންގެ ދިފާޢީ ވަކީލް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.



މި އަޑުކޮޅާއެކު އާޒިމް ވަނީ "ޑރ. ޖަމީލް އަޅެ ކުޑަކޮށްވެސް ލަދު ނުގަންނަނީތޯ" ސުވާލު ކުރަށްވާފައެވެ.

ޑރ. ޖަމީލްގެ އަޑުކޮޅުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ ޤައުމު ނުދެކޭފަދަ ކޮރަޕްޝަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގައިގެން ކަމަށެވެ. އަދި އެއީ އިކޮނޮމިކް ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ތަނެއް ކަމަށާއި، އިކޮނޮމިކް ކައުންސިލްގެ ރައީސް އަކީ ރައީސް ޔާމީން ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މި ޚިޔާނާތުގެ ސީދާ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހޭކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ދިފާޢީ ވަކީލަކަށް ވުމަށްފަހު ޑރ. ޖަމީލް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަމަށާއި، ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތާ ގުޅިގެން ކޮށްފައިވަނީ ސިޔާސީ ޙުކުމެއް ކަމަށެވެ. އަދި ޚިޔާނާތުގެ ހުރިހާ ޒިންމާއެއް އުފުއްލަވަން ޖެހޭނީ ޑރ. ޖަމީލަށް ފަހު ރައީސް ޔާމީންގެ ނައިބުރައީސްކަމަށް އައްޔަން ކުރެއްވި އަޙްމަދު އަދީބުކަމަށް ޖަމީލް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޚިޔާނާތުގެ ކުށް ސާބިތުގެ ރައީސް ޔާމީނާއި އަޙްމަދު އަދީބަށްވެސް ވަނީ ޖަލު ޙުކުމް އިއްވާފައެވެ. ރައީސް ޔާމީންގެ ޙުކުމް ޖަލުގައި ތަންފީޛު ކުރެއްވި ނަމަވެސް އަދީބު ޙުކުމް ތަންފީޛު ކުރައްމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން