ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ވ). ޑރ. މުޢިއްޒު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ވ). ޑރ. މުޢިއްޒު
މާލޭގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެދޭނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ޑރ. މުޢިއްޒު އިންތިޚާބު ކުރުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ބޭފުޅުން މާލޭގެ ރައްޔިތުންނަށް ގޮވާލަށްވައިފިއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަ ކުރަށްވާ ކެނޑިޑޭޓުންގެ މެދުގައި މިހާރުވެސް ވާދަވެރި ކެމްޕޭނެއް ކުރަމުންދާއިރު، އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުޢިއްޒުގެ ދިފާޢުގައި އެ ކޯލިޝަންގެ ލީޑަރޝިޕް ނިކުމެފައިވަނީ، ހައުސިން މިނިސްޓަރަކަށް ޑރ. މުޢިއްޒު ހުންނަވައިގެން 7 އަހަރު ވީ އިރުވެސް މާލެއަށް އެކަށީގެންވާ ތަރައްޤީއެއް ގެނެސްދީފައިނުވާ ކަމަށް، ޑރ. މުޢިއްޒު އާއި ވާދަ ކުރަށްވާ ކެނޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ ސަޕޯޓަރުން ބުނަމުން ގެންދިއުމާއި ގުޅިގެންނެވެ.

ޑރ. މުޢިއްޒުގެ ދިފާޢުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ. ޝަހީމް ވިދާޅުވީ، ޑރ މުއިއްޒަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ގުނަ މަޝްރޫޢުތަކެއް ހިންގެވި ތަޖުރިބާ ހުރި ޢިލްމީ ބޭފުޅެއް ކަމަށެވެ. އަދި މާލޭ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލަށް އުޖާލާކަން އަންނާނީ މޭޔަރު ކަމަށް ޑރ. މުޢިއްޒު ހޮވައިގެން ކަމަށް ޝަހީމް ވިދާޅުވިއެވެ.



ޑރ. މުޢިއްޒުއާ ދެކޮޅަށް ކުރަމުންދާ ކެމްޕެއިންގެ ޕޯސްޓަރަކާއެކު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރާ ބައެއް ކަންތައްތައް ދޮގު ކުރަށްވާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އޮތް ފަޅެއް ވިއްކާލުމުގައި ޑރ. މުޢިއްޒުގެ ޙިއްސާއެއް އޮތްކަމަށް ދެކެވޭ ވާހަކަ މުޢިއްޒު ވަނީ ދޮގު ކުރަށްވާފައެވެ.

މުޢިއްޒު ވިދާޅުވީ، "އެއްވެސް އިރެއްގައި އެއްވެސް ފަޅެއް އެއްވެސް ފަރާތަކަށް ވިއްކާލުމަށް ނުވަތަ ކުއްޔަށް ދިނުމަށް، ނޫނީ އެހެންވެސް މުޢާމަލާތެއް ކުރުމަށް އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާނެ" ކަމަށެވެ. ނަމަވެސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރުކަން ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ޢަދަދެއްގެ ފަޅުތަކާއި ގިރިތައް ވަނީ އެތެރެއާއި، ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދީފައެވެ.



ޑރ. މުޢިއްޒަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ޑރ. މުޢިއްޒު އަކީ ކޮންކްރީޓް މޭން ކަމަށެވެ. އަދި ޑރ. މުޢިއްޒުއާ ވާދަކުރަށްވާ ކެނޑިޑޭޓަކީ ތަރައްޤީ އަކީ ކޮންކްރީޓް ނޫން ކަމަށާއި، ތަރައްޤީ އަކީ ޕެނެޑޯލް ގުޅައެއް ކަމަށް ބުނާ ޕާޓީގެ މެމްބަރެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މުއިއްޒުގެ ވާދަވެރި ކެނޑިޑޭޓުންނަކީ ސަރުކާރު ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.



އަދި މާލޭ ސިޓީގެ ރައްޔިތުންނަކީ ގަމާރުންކަމުގައި އެމްޑީޕީއަށް ނުހެދޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ޑރ. މުޢިއްޒު ވަޒީރުކަން ކުރެއްވީ މުޅި ރާއްޖެއަށް ކަމަށެވެ. އަދި މާލޭގައި ޑރ. މުޢިއްޒު އެތައް ޕްރޮޖެކްޓެއް ހިންގެވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ހިޔާ މަޝްރޫޢު ވެސް ނިމުމަކަށް ގެންދެވި، ބްރިޖް އަޅައި، ޕާކްތަކާއި މަގުތައް ތަރައްޤީ ކުރުމުގައި ރައީސް ޔާމީންގެ ހައުސިންގ މިނިސްޓަރ ހަމަ ބެސްޓް. މާލެ މޭޔަރަކަށް ޑރ. މުޢިއްޒު ބެސްޓް ވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.



އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަޙީމް ޢަބްދުﷲ ވެސް ވަނީ ޑރ. މުޢިއްޒުގެ ޚިދުމަތްތަކާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެން ޑރ. މުޢިއްޒު މާލެއަށް ކޮށްދެއްވި ޚިދުމަތަށް އެކަނި ބެލި ނަމަވެސް މުއިއްޒާ ވާދަ ކުރެވޭނެ ދެވަނަ ބޭފުޅަކު އަތްފުނާ އަޅައިގެން ހޯދިޔަސް ނުފެންނާނެ ކަމަށެވެ.



ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު، މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފަށާފައެވެ. މި އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ޑރ. މުޢިއްޒުގެ އިތުރުން ވާދަ ކުރަށްވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް ޢަބްދުއް ސައްތާރާއި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަ ކުރަށްވާ އަލްހާން ފަހުމީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން