ޞާދިރު ޢަލީދީދީ   16 ޖެނުއަރީ 2021 - 12:0
ވޭނީކަރުނަ
ވޭނީކަރުނަ
27 ވަނަ ބައި

..................

ޝާންބޭބެ ޢާއްމުކޮށް ކޮންމެ ދުވަހަކުވެސް ހަވީރު ހަޔެއް ޖަހާއިރު ޓެނިހުން ނިމިގެން އާދެއެވެ. އެންމެ ގިނަވެގެންވެސް އޭނާ ބޭރުގައި އުޅެނީ އަށެއް ޖަހަންދެނެވެ. އެކަމަކު މިހާރު ދިހަގަޑި ބައިވެއްޖެއެވެ. މިހާރު ދައްތަ އެންމެނަށް ކާންދީފިއެވެ. އަދި އޭނާގެ ކާއެއްޗެތި ހޫނުކުރަން ލައިފިއެވެ. އޭނާގެ އެތެރެހަށީގައި ހާސްކަމުގެ ރާޅުތައް ހުޅިނަގާފައި ހުއްޓެވެ. އެކަމަކު ރަމްލާއަށް ފެންނަ ގޮތުގައި ދައްތަ އެހެން މީހުންގެ ލޯމައްޗަށް އެކަން ސިއްރުކުރަން މަސައްކަތް ކުރަނީއެވެ. އަދި ހުރިހާކަމެއް ގަވައިދުން ބަރާބަރަށް ކުރަމުން ގެންދަނީއެވެ. މިރޭވެސް ރަމްލާ އިނީ އޭނާގެ ކޮޓަރީގައި ނިދުމަށް ޖެހިލުންވެފައެވެ. ވަގަކު ގެއަށް ވަދެއްޖެނަމަ އެތައް ދުވަހެއް ވަންދެން ގޭތެރޭގައި ބިރުވެރިކަން އުފެދޭ ފަދައިންނެވެ. އޭނާ އެކަނި ކޮޓަރީގައި ނިދުމަށް ޖެހިލުންވަނީވެސް އެހެން ވެގެންނެވެ..... އަންހެނުންނަކީ ކޮންފަދަ ނިކަމެތި ބައެއް ހެއްޔެވެ.... އޭނާ ވިސްނާލިއެވެ.... އެއްވެސް ގޮތަކުން އެއްވެސް ޙާލެއްގައި އެއްވެސް ޢުމުރެއްގައި އޭނާއަކަށް ހަމަޖެހުމެއް ނެތެވެ.....

އިރުއޮއްސުމާއެކު ޚުދު ކިސްރާއޮތީ ރަމްލާ ގާތު ބުނެފައެވެ.

[ކުދިވެރިން ރުއިމުން ރަމްލާއަށް އުނދަގޫ ނުވަންޏާ ދައްތަގެ ކޮޓަރީގައި ނިދާށެވެ. ޝާންބޭބެ ނިދިކުރެއްވި އެނދު އެހުންނަނީ ހުހަށެވެ.....]

މާގިނައިރަކު ދައްތަގެ ކައިރީގައި ޝާންބޭބެގެ އިންތިޒާރުގައި އޭނާއަކަށް ނީނދެވުނެވެ. އެހެންކަމުން އޭނާގޮސް ދައްތަގެ ކޮޓަރީގައި ނިދައިފިއެވެ.

މެންދަމުން އަލިވިފަހުން ކޮންމެވެސް ހަޅޭކެއްގެ އަޑުއިވިފައި ރަމްލާއަށް ހޭލެވިއްޖެއެވެ. އޭނާގެ ހިތް ނުބައި ހީގެ ޝިކާރައަކަށް ވެއްޖެއެވެ. އޭނާ ފުންމައިގެން ތެދުވުމާއެކު ދައްތަގެ އެނދަށް ނަޒަރު ހުއްޓުނެވެ.

އޭނާ އެނދަކު ނެތެވެ. ކުޑަކޮށް އަޑަށް ކަންފަތްދީގެން އިނުމުން އެއަޑު އަންނަނީ ޖެހިގެން ހުރި ކޮޓަރީންކަން އެނގުނެވެ. އެއިން ދޭހަވަނީ ކިސްރާ ދައްތައާއި ޝާންބޭބެގެ މެދުގައި ޒުވާބުކުރެވެމުން ދާކަމެވެ.... އޭނާއަށް ހަނދާން ވެއްޖެއެވެ. އެގާރަ ޖެހިއިރަކު ޝާންބޭބެއެއް ނާދެއެވެ. އޭނާ އަވަސް އަވަހަށް ރަޖާގަނޑުގެ ދަށުން އަތްނެރެ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ދޭއް ޖަހައިފިއެވެ.

ޝާންބޭބެ އެހާ ގިނައިރު ވަންދެން ބޭރުގައި ކީއްކުރެއްވީ ބާވައެވެ؟

ދެން އޭނާ ފަރުވާތެރި ކަމާއެކު އަރާރުމުގެ އަޑުއަހަން ފަށައިފިއެވެ. ދެމަފިރިންގެ މެދުގައި އުފެދިގެން މިއުޅެނީ ކޮންފަދަ އަރާރުމެއްތޯ ސާފުކޮށްލުމަށް ޓަކައެވެ.... އެހެމުން ވައްކަންކުރުމަކީ ނުބައިކަމެއްކަން އޭނާއަށް އެނގެއެވެ. އެހެން ނަމަވެސް ރޭގެ ޙާދިޘާ، ފުރޭތައެއް ފަދައިން އޭނާގެ ބޮލަށް ސަވާރުވެފައިވާތީ އެކަންކުރެވުނީއެވެ. ޝާންބޭބެ ޙައްދުން ނައްޓާނުލާނެ ކަންވެސް ނޭނގެއެވެ. އޭނާ ތެދުވެ އިށީނދެއްޖެއެވެ. ރޭގަނޑުގެ ހިމޭންކަމުގެ ތެރޭން ސާފުކޮށް އަޑުއިވެއެވެ. ދޮރުހުޅުވާ ބަހައްޓާފައި ދިއުން އެއީ ދައްތަ ހެދިގޯހެކެވެ. އެއީ ކުއްޖަކު ހޭލައިފިއްޔާ އަވަހަށް އަޑުއިވިގެން އަވަހަށް އައުމަށްޓަކާ ކުރިކަމަކަށްވެސް ވެދާނެއެވެ.

[އަހަރެން ގެއަށް އަންނަހިތް ނުވަނީއެވެ. އަޑު އިވިއްޖެ ހެއްޔެވެ. ޝާންބޭބެ ހަޅޭލައި ގެންފައި ބުންޏެވެ.] މިގެއަށް އަހަރެން އަންނަންވީ ކޮންކަމަކާ ހެއްޔެވެ.... ދެއަހަރު ދުވަހުއްސުރެ ކަލޭގެ ހުތުރު ސިފަ ފެނިފެނި އަހަރެން ފޫހިވެއްޖެއެވެ.]

[ޝާންއެވެ.... ޝާންއެވެ....] ދައްތަ ދެރަވެލާފައި ބުންޏެވެ. [ބައެއް ފަހަރަށް ތިޔަވެލައްވަނީ ކިހިނެއްތޯއެވެ؟ އިއްޔެއާ ހަމައަށް ހުންނެވީ ރަނގަޅަށެވެ. ރޭގައި ކިހާ ލޯތްބާއެކު ވާހަކަ ދެއްކެވިންތޯއެވެ. ކިހާ އޯގާވެރިކަމާއެކު ނިތްކުރީގައި ފިރުމާ ދެއްވިންތޯއެވެ. އެކަމަކު މިހާރު، މިހާ ލަސްވަންދެން އުޅުއްވީ ކޮންތަނެއްގައިތޯ ހަމަ އަހާލާ އިރަށް ތިޔަ.....]

[އަހަންނާ ސުވާލުކުރަން ކަލެއަކީ ކާކު ހެއްޔެވެ. އަހަރެން ހިތަށްއެރި ވަގުތަކު ހިތަށް އެރިތަނަކަށް ދާނަމެވެ... އަދި އަންނާނީވެސް ހިތަށްއެރި އިރަކުންނެވެ.... މިއީ އަހަރެންގެ ގެއެވެ. ކަލޭ ފޯރިމަރާ މީހަކަށްވެގެން އުޅެން ބޭނުމިއްޔާ ކަލޭގެ ގެއަށް ދާށެވެ.]

[ޝާންއެވެ....] ކިސްރާ ދައްތަގެ އަޑުގައި ވަނީ ނުކުޅެދުމެވެ. [އަޅުގަނޑަކީ ޝާންގެ އަނބިމީހާއެވެ. އަޅުގަނޑާމެދު ތިޔަ ބަހުރުވައިން ވާހަކަ ނުދައްކަވާށެވެ. އަޅުގަނޑުކުރީ ކޮންކުށެއްތޯއެވެ. ތިމާގެ ފިރިމީހާ ލަހުން ގެއަށް އައުމުގެ ސަބަބު އޮޅުންފިލުވުމުގެ ފުރިހަމަ ޙައްޤު ކޮންމެ އަންބަކަށް ލިބިގެންވެއެވެ. ދުރުވިތާކަށް ދުރުވިއިރު ބުނުއްވާފައި ދުރުވިނަމަ އެއްގޮތަކަށްވެސް އަޅުގަނޑު ސުވާލެއް ނުކުރީމުހެވެ. ދިހައެއް ޖަހަންދެން ޝާންގެ އިންތިޒާރުގައި ނުކައި އަޅުގަނޑުމެން ތިބީމެވެ. އަވަހަށް ނުދުރުވެވޭނެނަމަ ފޯނުކޮށްލައްވާފައި އެވާހަކަ ބުނުއްވި ނަމަވެސް އިތުރު ސުވާލެއް ކުރާކަށް ނުޖެހުނީހެވެ. ދެން ރަމްލާ ބުނާނީ ކީކޭތޯއެވެ....]

[އެއްވެސް މީހަކާމެދު އަހަރެންގެ ފަރުވާލެއް ނެތެވެ. ޝާންބޭބެ ފުންމައިގެންފައި ބުންޏެވެ.] ކަލޭގެ ތިމާގެ މީހުންގެ ހުރިހާކަމެއް އަލިފުން ޔާއަށް އަހަރެން ދަންނަމެވެ. މިދޭތެރެއަށްވަދެ މިތަން ހަލާކު ކުރުމަށް އޭނާ އައިކަމަށް ވަންޏާ އަވަހަށް މިތަނުން ދާށޭ އޭނާ ގާތުގައި ބުނާށެވެ.]

ރަމްލާއަށް ހީވީ އޭނާގެ މޭގައި ކޮންމެވެސް މީހަކު ގޮށްމުށުން ޖެހިހެންނެވެ.

[އެފަކީރު އެކައްޗެއްވެސް ނުބުނެއެވެ.] ކިސްރާ ދައްތަގެ އަޑު މަޑުވެއްޖެއެވެ. [މިދެމެދުގައި އެފަކީރު ދަމަންވީ ކީއްކުރަންތޯއެވެ. މީހެއްގެ ގޭގައި މުޅި ޢުމުރަށް ހުންނަން އަންނަނީ ކާކުތޯއެވެ.]

[ކަލޭގެ ތިމާގެ މީހުން މިތަނަށް ނުގެންނާށޭ ކިތަންމެ ފަހަރަކު އަހަރެން ބުނެފީމެވެ. އަހަންނަކީ އެމީހުން ބޭނުންހާ ގޮތަކަށް އެމީހުންގެ ނޯކަރަކަށްވެގެން ރެޔާއި ދުވާ ހޭދަކުރެވޭނެ މީހަކީމެއް ނޫނީމެވެ....]

ރަމްލާ ހިތާހިތުން ކިޔާލިއެވެ. މާތްކަލާކޯއެވެ.... ފިރިންގެ ކިތައް ވައްތަރު މިދުނިޔޭގައި ވޭތޯއެވެ.

[މަޑުން ވާހަކަ ދައްކަވާށެވެ. ޝާންއެވެ!] ކިސްރާ ދައްތަ ކުރެހިފައިވާ އަޑަކުން ބުންޏެވެ. [ރަމްލާ ނިދަން އޮތީ އަޅުގަނޑުގެ ކޮޓަރީގައެވެ. މިހުރިހާ ވާހަކައެއް އޭނާއަށް ނީވޭނެ ކަމެއްވެސް ނޭނގެއެވެ.]

[އެއްވެސް މީހަކު ދެކެ އަހަރެން ޖެހިލުމެއް ނުވެއެވެ. އިތުރު ސުވާލުކުރަންޏާ ހަމަ މިވަގުތު ކަލޭމެން ދެމީހުންގެ [ލަފުގައި] ހިފާ ގެއިން ބޭރުކޮށްފާނަމެވެ.... ނުބައި އަންހެނާއެވެ... ސިފަ ހުތުރު އަންހެނާއެވެ... އަހަންނާ ތަތްވެގެން އުޅޭއިރު ހީވަނީ ހަނދުގައި ކޭތަ ހިފާފައިވާ ހެންނެވެ. ކަލޭގެ ސިފަ ފެންނަ ހިނދު ހޮޑުލަވައެވެ.... ހިމޭނުން އިންނާށެވެ. އެންމެ ރަނގަޅުވާނީ އެގޮތެވެ. އަހަރެންގެ ފަރާތުން ކަލެއަށް ދެއަންހެން ކުދިން ލިބިއްޖެ ނޫން ހެއްޔެވެ. ދެން އިތުރަށް އަހަރެން ދޭންވީ ކޮން އެއްޗެއް ހެއްޔެވެ. މިދެކުދިންނަކީ އަހަރެންގެ އިޙްސާންތެރިކަމޭ ހީކޮށްލާށެވެ. އަހަރެން ގެއަށް ނާންނަނީ ކަލޭގެ ސިފަހުތުރު ކަމުންނެވެ. އަހަރެން ގިނައިރު ގޭގައި ބަހައްޓަން ބޭނުމިއްޔާ ކަލޭގެ ސިފަ ބަދަލުކޮށްލައިގެން އަންނާށެވެ.]

[ތަޤްދީރު ބަދަލުކޮށް ނުލެވޭއިރު ސިފައަށް ބަދަލުގެނެވޭނީ ކިހިނެއްތޯއެވެ.] މިހެން ބުނެފައި ދައްތަ ރޯން ފަށައިފިއެވެ. އޭނާގެ ލޮލުން ފައިބަމުންދާ ކަރުނައިން ތެމެމުން ދަނީ ރަމްލާގެ މޭކަމުގައި ރަމްލާއަށް އިޙްސާސް ކުރެވުނެވެ. ހީވީ ކުއްލިއަކަށް އެޅި ހޮނަކުން އޭނާގެ ހިތްފަޅައިގެން ދިޔަ ހެންނެވެ. ކިސްރާ ދައްތައަކީ ހުތުރު މީހެކޭ ބުނުމުގެ އެއްވެސް ޙައްޤެއްނެތެވެ. އޭނާއަށް ކަޅުކުލަގަދަ، ފުންލޮލެއް ލިބިފައިވެއެވެ. އިސްތަށިގިނަ ބުމައިގެ ސަބަބުން އެލޮލުގެ ރީތިކަން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ. ހިމަ ދިގު ނޭފަތެކެވެ. ޤުދްރަތުން އޭނާއަށް ހަދިޔާ ކުރައްވާފައިވާ އިސްތަށިގަނޑަކީވެސް ކަޅުކުލަ ގަދަ އިސްތަށި ގަނޑެކެވެ. އާދެ، ހުރިހާވެސް ގޯހަކީ އޭނާގެ ކުލައަކީ އޮޅަލި ކުލައަށްވާ ކަމެވެ.

އެކަމަކު މިހާރު މިހުރިހާ ރީތިކަމެއް ނެތެވެ. އެސްފިޔަތަކުގެ ދިގުކަމެއް ނެތެވެ. ލޮލުގައި އެވިދުވަރެއް ނެތެވެ. އިސްތަށިގަނޑުވެސް އެހާދިގެއް ނޫނެވެ.... މިހުރިހާކަމެއް ވީރާނާވެގެން މިދިޔައީ ފުރިހަމަ ދެއަހަރު ދުވަހުގެ ތެރޭގައެވެ. މިގޮތަށް ރޮއި ހިތާމަކުރުމުގެ ސަބަބުންނެވެ. އެއްފަރާތުން ދަރިން ވިހެއުމެވެ. އަނެއް ފަރާތުން ފިރިމީހާގެ އަނިޔާތަކަށް ކެތްކުރުމެވެ. މިޙާލުގައި އުޅެންވެއްޖިއްޔާ ކިތަންމެ ރީތި އަންހެނަކަށް ވިޔަސް ހަލާކުވެގެން ދާކަށް ގިނަދުވަހެއް ނުވާނެއެވެ.

ރަމްލާއެވެ. ކަލެއަކީވެސް ހަމަ އެކަހަލަ އަންހެނެކެވެ. ކަލޭ ތިޔަ ވިސްނުން ވިސްނުމަކީ ރީތިކަމެއް ނޫނެވެ.... ރަމްލާ ތުރުތުރު އަޅައިގަތެވެ.

ހަމަ އެވަގުތު ކުޑަކޮއްކޮ ރޮއިގެންފައި ތެދުވަން އުޅުނެވެ. އެއާއެކު ދައްތަ ދުވެފައި އަންނަ އަޑުއިވުނެވެ. ކުޑަކޮއްކޮ ނެގުމުގެ ބަދަލުގައި ރަމްލާ އަވަސް އަވަހަށް ރަޖާގަނޑުގެ ދަށަށް ވަދެއްޖެއެވެ. ދައްތަމެންގެ އަރާރުން އޭނާއަށް އިވިއްޖެކަން ދައްތައަށް އެނގިދާނެތީއެވެ. ރަމްލާ މޫނުމަތީގައި ރަޖާގަނޑު އަޅައިގެން އޮތްއިރު ހީވަނީ ގަދަނިދީގައި އޮތް މީހެއް ހެންނެވެ. ދައްތަ އެނދުގައި އިންއިރު އޭނާގެ ގިސްލުމުގެއަޑު ސާފުކޮށްއިވެއެވެ. އޭނާ ކަރުނަ އޮހޮރުވަމުން ކުޑަމީހާގެ ޖަގިޔާ ބަދަލުކުރިއެވެ. ބުއްފުޅި ދިނެވެ. ދެން ނިންދަވާފައި ބޭއްވިއެވެ. ދެން ރަޖާގަނޑު ގައިގާ އޮޅާލައިގެން އިށީނދެއްޖެއެވެ.

ދެބޭން ހެނދުނު އެކަކު އަނެކަކާ ހަތަރުކަޅި ބައްދަލެއް ނުކުރެއެވެ. ދައްތަ ކުދިވެރިންގެ ހެދުންތައް ހިފައިގެންގޮސް ދޮންނަން އިށީނދެއްޖެއެވެ. އެއާއެކު ރަމްލާ ދެކުދިން ގޮވައިގެންގޮސް އަވީގައި އިށީނދެއްޖެއެވެ.

ރޭ ވަންދެން ދެމީހުން ކޮންމެހެން ބުނަންވާ އެއްޗެއް ނޫނީ ނުބުނެއެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ކުރާނެ މަސައްކަތެއް ފެނޭތޯ ބަލަބަލާ ތިބެއެވެ.

ހެނދުނު ރަމްލާހުރީ ވަރަށް ބިރުންނެވެ. ޝާންބޭބެގެ ވާހަކައިގެ އަޑުނީވޭހާ ހިނދު އޭނާ ހުރީ އެހެން ބިރެއްގެ ތެރޭގައެވެ. މިހާރު އޭނާގެ ވާހަކަ އިވިފައި ރަމްލާގެ ހަށިގަނޑުން ފުރާނަ ނިކުމެދާން އުޅޭ ކަހަލައެވެ. މިކަހަލަ ގޮތްދޫނުކުރާ މީހަކު ކޮންމެފަދަ ހުތުރު ޢަމަލެއްވެސް ކޮށްފާނެއެވެ.

އިހަށްރޭގެ ޙާދިސާ ދައްތަ ގާތުގައި ބުނެ އަދި ޝާންބޭބެ އެކަމާ އިންކާރުކޮށް ރުޅި ހައްދުން ނައްޓާލައިފިއްޔާ ޝާންބޭބެ ބުނެފައިވާ ފަދައިން އެދެމީހުން ގެއިން ބޭރުކޮށްފާނެއެވެ.

އެހެންވެއްޖެނަމަ މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ ބޮލުގައި އެޅެނީ ކޮންފަދަ ބޮޑު އިލްޒާމެއް ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބުނާނީ ކުޑަކުޑަ ދުވަސްކޮޅަކަށް ދައްތަގެ ގެއަށް ގޮސްލާފައި އެއައީ ދައްތަގެ ޙަޔާތް ބަރުބާދު ކޮށްލާފައި ކަމުގައެވެ.

މައިދައިތަ ހީކުރާނީ ކީކޭ ހެއްޔެވެ؟.... މުޢާޒަށް ކުރާނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟... ޝާންބޭބެއާ އަހަރެންނާ ދެމެދުގައި ގުޅުން އޮންނަތާ އެތައް ދުވަހެއް ވުމަށްފަހު ފަޅާއެރި ދުވަހަކީ މިއީ ކަމުގައި މުޢާޒު ހީކުރުމަކީ ދުރުކަމެއް ނޫނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން