28 ވަނަ ބައި
..................
ދެބޭން ހެނދުނު އެކަކު އަނެކަކާ ހަތަރުކަޅި ބައްދަލެއް ނުކުރެއެވެ. ދައްތަ ކުދިވެރިންގެ ހެދުންތައް ހިފައިގެންގޮސް ދޮންނަން އިށީނދެއްޖެއެވެ. އެއާއެކު ރަމްލާ ދެކުދިން ގޮވައިގެންގޮސް އަވީގައި އިށީނދެއްޖެއެވެ.
ރޭ ވަންދެން ދެމީހުން ކޮންމެހެން ބުނަންވާ އެއްޗެއް ނޫނީ ނުބުނެއެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ކުރާނެ މަސައްކަތެއް ފެނޭތޯ ބަލަބަލާ ތިބެއެވެ.
ހެނދުނު ރަމްލާހުރީ ވަރަށް ބިރުންނެވެ. ޝާންބޭބެގެ ވާހަކައިގެ އަޑުނީވޭހާ ހިނދު އޭނާ ހުރީ އެހެން ބިރެއްގެ ތެރޭގައެވެ. މިހާރު އޭނާގެ ވާހަކަ އިވިފައި ރަމްލާގެ ހަށިގަނޑުން ފުރާނަ ނިކުމެދާން އުޅޭ ކަހަލައެވެ. މިކަހަލަ ގޮތްދޫނުކުރާ މީހަކު ކޮންމެފަދަ ހުތުރު ޢަމަލެއްވެސް ކޮށްފާނެއެވެ.
އިހަށްރޭގެ ޙާދިސާ ދައްތަ ގާތުގައި ބުނެ އަދި ޝާންބޭބެ އެކަމާ އިންކާރުކޮށް ރުޅި ހައްދުން ނައްޓާލައިފިއްޔާ ޝާންބޭބެ ބުނެފައިވާ ފަދައިން އެދެމީހުން ގެއިން ބޭރުކޮށްފާނެއެވެ.
އެހެންވެއްޖެނަމަ މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ ބޮލުގައި އެޅެނީ ކޮންފަދަ ބޮޑު އިލްޒާމެއް ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބުނާނީ ކުޑަކުޑަ ދުވަސްކޮޅަކަށް ދައްތަގެ ގެއަށް ގޮސްލާފައި އެއައީ ދައްތަގެ ޙަޔާތް ބަރުބާދު ކޮށްލާފައި ކަމުގައެވެ.
މައިދައިތަ ހީކުރާނީ ކީކޭ ހެއްޔެވެ؟.... މުޢާޒަށް ކުރާނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟... ޝާންބޭބެއާ އަހަރެންނާ ދެމެދުގައި ގުޅުން އޮންނަތާ އެތައް ދުވަހެއް ވުމަށްފަހު ފަޅާއެރި ދުވަހަކީ މިއީ ކަމުގައި މުޢާޒު ހީކުރުމަކީ ދުރުކަމެއް ނޫނެވެ.
މަންމައާ ބައްޕައަށް އަހަރެން ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟.... ކިތަންމެ ބަޔަކަށް ވިސްނާދޭން އަހަންނަށް ޖެހޭނެއެވެ.... ކެނޑަނޭޅި ރޯން ޖެހޭނެއެވެ. ހުވާތަކެއް ކުރަން ޖެހޭނެއެވެ..... އަދި މިކަންތަކުގެ ސަބަބުން މުޅި ޢާއިލާ ކަންބޮޑުވާނެއެވެ. އަދި އަހަރެންގެ ކުށެއްނެތް ކަމުގައި އެއްވެސް މީހަކު ޤަބޫލުކުރާނެކަމެއް ނުކުރާނެކަމެއްވެސް ނޭނގެއެވެ. އަހަންނަކީ އެކަހަލަ ހުރިހާ މުޑުދާރު ކަމަކުން ރައްކައުތެރި ވެފައިވާ މީހަކީމެވެ.
ރަމްލާ އެގޮތަށް އިނދެ މުޅިހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އަތްފައި ފިނިވެއްޖެއެވެ. މިތަނުން ދުވެފިލަން އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެއްވެސްކަމެއް އޭނާގެ އިޚްތިޔާރަކު ނުވެއެވެ. އެރޭގެ ޙާދިސާއަށްފަހު އޭނާއަށް އަދި ޝާންބޭބެއެއް ނުފެނެއެވެ. އަދި އެ އިންސާނާ ދެކޭކަށްވެސް ރަމްލާ ނޭދެއެވެ. އެހެން ނަމަވެސް އެއިންސާނާގެ ކުރިމައްޗަށް ދެވިއްޖެއްޔާ ވާނީ ކިހިނެތް ކަމެއްވެސް ނޭގެއެވެ.
އަނެއްކޮޅުން ކިސްރާ ދައްތަގެ ޙަޔާތަށް ބަލާއިރު ހިތްހުއްޓިދާ ފަދައެވެ....... ބޭރުފުށުން އޭނާ ހިތްހަމަ ޖެހިފައިވާގޮތް ފެންނަލެއް ކިހާބޮޑު ހެއްޔެވެ؟ މިހާތަނަށް އޭނާ ކަޑައްތު ކޮށްފައިވަނީ މިކަހަލަ ކިތައް މަރްޙާލަކަމެއްވެސް ނޭގެއެވެ. އަދި ކުރިޔަށް އޮތްތާނގައި އޭނާގެ ޙާލަކީ ކޮބައި ކަމެއްވެސް އެއްގޮތަކަށްވެސް ނޭނގެއެވެ.
މާތްކަލާކޯއެވެ. އަންހެނުންނަކީ ހަމަ މިކަހަލަ މަޖްބޫރީ ބައެއްތޯއެވެ.
ޖެހިގެން އައި ތިންދުވަސް ވަރަށް ހިތްދަތިކަމާއެކު ވޭތުވެގެން ހިނގައްޖެއެވެ.
ގޭތެރޭން ބައެއް ފަހަރު ޝާންބޭބެވެސް ފެނެއެވެ. އެހެން ނަމަވެސް އަވަސް އަވަހަށް ނިކުމެގެން ދާއިރު ފެންނަނީ ލައިނުގަނެގެން އުޅޭމީހެއް ހެންނެވެ. އެދާ ދިއުމުގައި ގޭތެރޭން އެއްގޮތަކަށްވެސް ރަމްލާ ނުދެކޭ ކަހަލައެވެ.
މިއީ ރަމްލާގެ ނަސީބު ނޫންކަމެއްވެސް ނޭގެއެވެ.
ތިންދުވަސް ވޭތުވެދިޔުމަށްފަހު، ހުކުރުދުވަހު އެމީހުން ލާހޫރަށް ދާނެ ވާހަކަ ކިސްރާ ދައްތަ އޭނާގެ ގާތުގާ ބުނެފިއެވެ. އެއާއެކު ރަމްލާގެ ހިތް އުފަލުން ފޮޅުނެވެ.
ދެދުވަސްވަންދެން ކިސްރާ ދައްތަ، ކުދިންގެ ހެދުންތައް ތައްޔާރުކޮށް ދަތުރުހެދިއެވެ. ރަމްލާވެސް ހީނހީނފައި ދައްތަގެ މަސައްކަތުގައި ބައިވެރިވެ އުޅުނެވެ. އެންމެ ޙައިރާން ވާންޖެހޭކަމަކީ ކިސްރާ ދައްތަ އޭނާގެ އާދައިގެ މަތިން ޝާންގެ ފަސްފަހަތުން މަޖާވެލާފައި އުޅޭ އުޅުމެވެ. އެއްވެސް ކުއްޏެއް މިލައެއް ނުޖެހޭފަދަ ގޮތަކަށެވެ. އޭނާ އަބަދުވެސް އެއުޅެނީ އެއުފަލާ މަޖަލުގައެވެ. އާދެ! މީސްތަކުންގެ ލޯ މައްޗަށެވެ.
ޝާންބޭބެ ބޭރުގައި އުޅެފައި ގެއަށް ވަދެއްޖިއްޔާ ކޮންމެވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ހިފައިގެން އޭނާ ކޮޓަރިއަށް ކިސްރާ ދެއެވެ.
ކިސްރާ ދައްތައަކީ، ކެތްތެރިކަމުގެ ކަނޑެއް ހެއްޔެވެ؟ ނޫނީ.... މިހުރިހާ ކަމެއް ފެނިފެނި ރަމްލާގެ ސިކުނޑި ކުދިކުދި ވަނީއެވެ.
ސްޓޭޝަނަށް ފޭބިއިރު ޑްރައިވަރު އައިސް ހުއްޓެވެ. އެހެންކަމުން އޭނާ ފުރަތަމަ ދިޔައީ މަންމަގެ ގެއަށެވެ. މުޅި ޕްރޮގްރާމް ރަމްލާ އޮތީ ފޯނުން މުޢާޒުގާތު ކިޔާ ދީފައެވެ. އެހެންކަމުން މުޢާޒު ރޭގަނޑު ދިހައެއް ޖެހިއިރު ގެއަށް އަތުވެއްޖެއެވެ. ހަމައެއާއެކު މަންމަ ގަދަކަމުން އޭނާ ކާން ބައިންދައިފިއެވެ. އިރުކޮޅެއް ވަންދެން ވާހަކައިގާ ދެމިތިއްބެވެ. އެއަށްފަހު މުޢާޒު ރަމްލާ ގޮވައިގެން ގެއަށް ހިނގައްޖެއެވެ.
މައިދައިތަ އޭނާގެ އިންތިޒާރުގައި ހޭލާ އިނެވެ. ގެއަށްގޮސް ވަނުމާއެކު އަވަސް އަވަހަށް އައިސް ކާނީ ކޮންއެއްޗެއްތޯ ޙާލު ކިހިނެއްތޯ އަހާ އޮޅުން ފިލުވިއެވެ. ދެން ބުންޏެވެ.
[ކޮޓަރިއަށްގޮސް އަރާމުކޮށްލަން އޮށޯވެލާށެވެ. މަންމަވެސް އެބަދަމެވެ.]
ރަމްލާ ކޮޓަރިއަށް އަތުވެއްޖެއެވެ.
އެހެންނަމަވެސް ކޮޓަރިއަށް ވަނުމާއެކު ޙައިރާންވެފައި ކޮޓަރީގެ މެދުގައި ހުއްޓި ހުރެއްޖެއެވެ. ކޮޓަރީގެ ތަރުތީބު އޮތީ މުޅިން ބަދަލުވެފައެވެ. މިހާރު އެނދުހުރީ ކޮޓަރީގެ އަނެއް ފަރާތު ފާރު ކައިރީގައެވެ. ޑްރެސިންގ ޓޭބަލް ކުޑަދޮރު ކައިރިއަށް އަތުވެއްޖެއެވެ. ސޯފާތަކުގެ ކުރިމަތި ދޮރާދިމާއަށް އެނބުރިއްޖެއެވެ. ޑްރެސިންގ ޓޭބަލް މަތީގައިވާ ހުރިހާ އެއްޗެއް ވިދާ ބަބުޅައެވެ.
ކޮޓަރީގައިވަނީ އެންމެ ދިރުމެކެވެ.... އެންމެ ހަމަޖެހުމެކެވެ. އޭގެ ނިޝާން ހަމަ ކޮންމެ އެއްޗަކުން ފެންނަން ހުއްޓެވެ.... ރަމްލާ ކޮންމެ އެއްޗަކަށް ވަކިވަކިން ބަލަމުން ގެންދިޔައެވެ. އަންހެނަކު ބޭރުގައި އުޅެފައި އެނބުރި ގެއަށް އަންނައިރު ގޭތެރޭގައިވާ ހުރިހާ އެއްޗެއް ސާފުތާހިރު ކަމާއެކު ހިނިތުންވެލާފައި ބައްދަލުކުރުމުން ކިހާ އުފަލެއްވޭ ހެއްޔެވެ؟
ރަމްލާގެ ސާމާނުތައް ހިފައިގެން މުޢާޒު އެތެރެއަށް ވަތުވެއްޖެއެވެ. އަދި ބުންޏެވެ.
[ކޮޓަރީގެ ތަރުތީބު ބަދަލުކޮށްލީ އަހަންނެވެ.]
[ކީއްވެގެންތޯއެވެ؟............. ރަމްލާ މަޑުމަޑުން ބުނެލިއެވެ.
[މޫސުމް ބަދަލުވަނީ ނޫން ހެއްޔެވެ؟........ މިހާރު އެނދުހުރިގޮތް ރަނގަޅު ވާނެއެވެ.] އޭނާ އުފާވެލާފައި ހިނިތުންވެލިއެވެ. [އިތުރު އެނދެއްގެ ޖާގަވެސް އެބަ ބޭނުންވެއެވެ.]
ރަމްލާ ސިހިފައި މުޢާޒަށް ބަލާލެވުނެވެ.
އަނދިރި ރޭރޭގައި އެއްވެސް ތަރިއެއް ފިޔައެއް ނުޖަހާނެއެވެ.
ރަމްލާ ބަނޑުގައި ހިފަހައްޓާލައިގެން މަޑުމަޑުން އައިސް އެނދުގައި އިށީނދެއްޖެއެވެ. މުޢާޒު އަނެއްކާވެސް ބޭރަށް ނުކުމެއްޖެއެވެ. ރަމްލާ މަޑުމަޑުން އިނދެގެން އެކި އެއްޗިއްސަށް ވަކިވަކިން ބަލަމުން ގެންދިޔައެވެ. މިތާނގައި ހުރި ދިރުންނެތް ކޮންމެ އެއްޗަކަށް މިހާރުވަނީ މުޅިން އައުދިރުމެއް އައިސްފައެވެ. މުޢާޒުގެ މޫނުފިޔަވައި އެހެން ހުރިހާ އެއްޗެއްގައި ވަނީ ރީތިކަމެވެ. އޮމާން ކަމެވެ.....
މައިދައިތަ ތަސްބީޙަ ގުނަމުން އެތެރެއަށް ވަތުވެއްޖެއެވެ.
[ދަރިފުޅާއެވެ. ޙާލު ކިހިނެއް ހެއްޔެވެ؟]
[މުޅިން ރަނގަޅެވެ.....] ރަމްލާ ހިނިތުން ވެލުމަށް މަސައްކަތް ކުރިއެވެ.
[އެކަމަކު މަންމައަށް ހީވަނީ ރަނގަޅު ނޫން ހެންނެވެ. މޫނުމަތީގެ ކުލަވަރު ތިހިރީ ބަދަލުވެފައެވެ. ލޯ، ވަޅުވަދެފައެވެ. އެތާނގައި ހުރިއިރު ޑޮކްޓަރަށް ދެއްކިން ހެއްޔެވެ؟]
[އެއްފަހަރު ދެއްކީމެވެ.... އެކަމަކު މިއަދު މަންމައަށް ތިޔަގޮތަށް ފެނިލައްވަނީ ދަތުރުގެ ސަބަބުން ކުޑަކޮށް ވަރުބަލިވެފައި ވާތީއެވެ.]
[ފައިނަގާ ބަލާށެވެ. ދައްކާލަ ބަލާށެވެ....] މައިދައިތަ ރަމްލާގެ ކަށިމަތި ބަލާލާފައި ބުންޏެވެ. [ފަޔަށް ތިހިރީ ވަރަށްބޮޑަށް ލޭފައިބާފައެވެ. އެއީ ކިހިނެތްވެގެން ހެއްޔެވެ؟]
[ކަމެއްނުވެއެވެ.....] ރަމްލާ ދެފައި އެނދުމަތީގައި ބާއްވާލިއެވެ. [ރޭލުތެރޭގައި އިންނަން ޖެހެނީ ދެފައި އެލުވާލައިގެން ނޫންތޯއެވެ. މިހާވަރަށް ދުޅަވީ އެހެންވެގެންނެވެ.]
މައިދައިތަ ރަމްލާގެ ދެފައިގާ އަތްޖައްސާލިއެވެ.
[މަންމާއެވެ. ތިޔަ ކުރައްވަނީ ކީއްތޯއެވެ؟]
[މިހާވަރަށް ދުޅަވީ ކީއްވެގެންތޯ މަންމަ ބަލާލީއެވެ.]
[ބައެއް ފަހަރު ގިނައިރު ފައި އެލުވާލައިގެން އިނުމުންވެސް ފައިދުޅަވެއެވެ. އެކަމަކު އިރުކޮޅަކުން ރަނގަޅު ވެދެއެވެ. މަންމަ ތިޔަގޮތަށް އަތް ނުލައްވާށެވެ.]
[ރަނގަޅެވެ. ތިޔައީ މަންމަގެ ދަރިއެކެވެ.] މައިދައިތަ ފަރުވާތެރި ކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ. އަދި ކޮންމެވެސް އެއްޗެއް ވިސްނާލަމުން ބުނެފިއެވެ. [ހަމަ ހެދުނާ ދަރިފުޅުގެ ޑޮކްޓަރަށް ދައްކަން ވާނެއެވެ. މިހެން މިބުނީ މިވަގުތު ދަރިފުޅު ވަރުބަލި ވެފައިވާހެން މަންމައަށް ހީވާތީއެވެ. ދެން އޮށޯވެލާށެވެ.]
މިހެން ބުނެފައި މައިދައިތަ ކޮޅަށް ތެދުވެއްޖެއެވެ.
މުޢާޒު ރަމްލާގެ އެއްޗެހިތައް ގެނެސް އެކިތަންތާނގައި ތަރުތީބުން ބަހައްޓައިފިއެވެ. މަންމަ ނުކުމެގެން ދިއުމާއެކު އޭނާ އައިސް އިށީނދެއްޖެއެވެ. އަދި ފަރުވާތެރި ކަމާއިއެކު ރަމްލާގެ މިލާފައިވާ ލޮލަށް ބަލާލިއެވެ. ރަމްލާ އޭނާގެ ދެފައި ނިވާކޮށްލިއެވެ. މުޢާޒު ރަމްލާގެ މޫނުން ފެށިގެން ފަޔާއި ހަމައަށް ބަލަމުންއައެވެ. ދެން ރަމްލާގެ ދެފައިމަތީގާ އަތް ބާއްވާލަމުން ބުންޏެވެ.
[ރަމްލާއެވެ. އަހަންނަށް ހީވަނީ ރަމްލާ ވަރަށް ވަރުބަލިވެފައިވާ ހެންނެވެ.]
ރަމްލާ އެއްވެސް ޖަވާބެއް ނުދެއެވެ. މުޢާޒުގެ ކަޅުއަތުން ރަމްލާގެ ދޮން ފައިގާ ފިރުމަން ފަށައިފިއެވެ. އޭނާގެ ދެއަތް ކިހާ މުޑުދާރު ހެއްޔެވެ؟ ރަމްލާގެ މެޔަށް ގޮތްވާން ފަށައިފިއެވެ.
ދަތުރު މަތީގައިވެސް ރަމްލާ އިނީ އަމިއްލަ ނަފްސަށް މަލާމާތްކޮށްލަ ކޮށްލައެވެ. އޭނާގެ ހިތް ބުނާބުނުން ދައްތަ ގާތުގާ ކިޔާދިނެވެ... އޭނާ ލަދުވެތިވިއެވެ.... އަމިއްލަ ހިތަށް ވިސްނާދިނެވެ... މުޢާޒުއާމެދު ރަނގަޅަށް ކަންތައްކުރުމަށް އޭނާގެ ހިތް ނަޞޭޙަތްތެރި ވިއެވެ.
ކޮންމެފަދަ ގޮތަކަށް ހުއްޓަސް މުޢާޒަކީ މާތް މީހެކެވެ.... ހިތްހެޔޮ މީހެކެވެ.... އޭނާގެ ވާހަކަ ދެއްކުމުގައި ކިހާ ފޮނިކަމެއް އެކުލެވިފައިވޭ ހެއްޔެވެ. ގޯސްވެގެން މިއުޅެނީ ހަމަ އެންމެ ކަމެކެވެ. މުޢާޒުގެ އެހެނިހެން ރަނގަޅު ކަންތައް ތަކަށްޓަކައި އޭނާގެ ސިފައާމެދު ރަމްލާއަށް ހިތްހަމަ ޖައްސާލެވިދާނެ ހެއްޔެވެ. އޭނާ އެކަމަށް ހިތްހަމަ ޖައްސަން ޖެހޭނެއެވެ. ދުނިޔޭގައި އެއްވެސް މީހަކަށް ހުރިހާ މޮޅެއް ނުލިބޭނެއެވެ. ރީތިވުމާއި ހުތުރުވުން އެއީ އަމިއްލަ އިޚްތިޔާރުގައި އޮންނަކަމެއް ނޫނެވެ. އެކިމީހުން އެކި ސިފަސިފައަށް ހައްދަވަނީ މާތްރަސްކަލާނގެއެވެ.
ހުރިހާގޮތަކުން އޭނާ އަމިއްލަ ހިތަށް ވިސްނާދިނެވެ. އެތައް ފަހަރެއްގެ މަތިން މުޢާޒުގެ އޯގާވެރިކަން ހަނދާން ކުރިއެވެ. އެއާއެކު މުޢާޒުއާމެދު ހިތްހަމަ ޖައްސާލުމަށްޓަކާ ޢަޒުން ކަނޑައެޅިއެވެ. އެހެން ނަމަވެސް އޭނާގެ ސިފަ ފެނުމާއެކު ރަމްލާގެ ހުރިހާ އުއްމީދެއް، ޢަޒުމެއް ފުށްގުޑިތަކެއް ފަދައިން ވައިތެރެއަށް އަރައިގެން ހިނގައްޖެއެވެ. އެތެރެ ހަށީގައި ހަމަ އެޠޫފާން އުފެދިގައެވެ. މުޢާޒު ލޯބިވެތިގޮތަކަށް އައިސް ކައިރީގައި އިށީނުމުން އޭނާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ..... ނާރުތަކުގައި ވޭނީ ރިހުމެއް އުފެދިގަތެވެ. އޭނާ ލޯމަރާލިއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު