ރައީސް މައުމޫން (ވ). އާއި ބޮޑުވަޒީރު މޯދީ (ކ).
ރައީސް މައުމޫން (ވ). އާއި ބޮޑުވަޒީރު މޯދީ (ކ).
އިންޑިއާ އަކީ ދިވެހިންގެ "ބެސްޓް އިންޓަރނޭޝަނަލް ފްރެންޑް" ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ލީޑަރ މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިންޑިއާއިން ވަނީ ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ހިލޭ މިއަދު ފޯރުކޮށްދީފައެވެ. އިންޑިއާއިން މިއަދު ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިނެވެ. އެއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެކެވެ. މި ވެކްސިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބޭނުންކުރަމުންނެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިންޑިއާ އަކީ މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ރާއްޖޭގެ ބައިނަލްއަޤުވާމީ އެންމެގާތް އެކުވެރިޔާކަން އިތުރަށް ކަށަވަރު ވެގެންދިޔަ ކަމެއް ކަމަށެވެ. އަދި އިންޑިއާއިން މި ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ރައީސް މައުމޫން ވަނީ އިންޑިއާ ރައްޔިތުންނާއި ބޮޑުވަޒީރު މޯދީ އަށް ޝުކުރު އަދާކުރަށްވާފައެވެ.



އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ކުރު މެސެޖެއްގައި ވިދާޅުވީ، ކޯވިޑް-19 ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމާއެކު ރާއްޖެއިން ވެސް ވެކްސިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނާ ޙަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިންގެ 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުކަމަށެވެ. އަދި މި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން