ޞާދިރު ޢަލީދީދީ   21 ޖެނުއަރީ 2021 - 11:36
ވޭނީކަރުނަ
ވޭނީކަރުނަ
30 ވަނަ ބައި

..................

[ބޭރުތެރޭގައި މަސައްކަތްކޮށްފާ އަޔަކަސް އެކަމުގެ އުޖޫރަ ފިރިމީހާއެއް ނުދޭނެއެވެ. ތިމާ މަސައްކަތް ކޮށްފާ އައިސް ތިމާ އަމިއްލައަށް އެކަމުގެ އަގުވެސް އަދާކުރާށެވެ. އަންހެނުން ގާތުގައި ގޭތެރޭގައި ތިބުމަށް ފިރިމީހާ ބުނެފިއްޔާ ގިނަފަހަރަށް އަންނާނީ ރުޅިއެވެ. އެމީހުން ހީކުރާގޮތުގައި އެއީ އެމީހުންގެ ތަރައްޤީއަށް އެޅޭ ހުރަހެކެވެ. ނޫނެކެވެ. އެއީ ގޯހެކެވެ. އަހަންނަކީވެސް މާބޮޑަށް ކިޔަވައިގެން އިން މީހެއްނޫނެވެ. އެކަމަކު އަހަންނަށް އެނގޭކަމަކީ އަންހެނުންނަކީ ލޫޅާފަތި ބައެއްކަމެވެ. ސާފު ބައެއްކަމެވެ. ރީތި ބައެއްކަމެވެ. އެމީހުން ކުރަންވާނީ މަޑުމައިތިރި ސާފު ރީތިކަންތައްތަކެވެ. ތިމާގެ ދިރިއުޅުން އަރާމާ ހަމަޖެހުމުގެ ތެރޭގައި ވޭތުކޮށްލުން ބޭނުމެވެ. ކުދިން ބަލާ ބޮޑުކުރުމާ ގޭތެރޭގެ ކަންތައްތަކީ ވަރަށްބުރަ މަސައްކަތެކެވެ. މިގޮތަށް ފުރިހަމަ ގެވެހި އަންބަކަށް ވެވިއްޖިއްޔާ ފިރިމީހާ ރަނގަޅު ވެދާނެއެވެ.]

[ދައްތާއެވެ. ދައްތަ އަބަދުވެސް ވާހަކަ ދައްކަވަނީ ފިރިހެން ވެރިންނާ އެއްކޮޅަށެވެ.] އެއަންހެން މީހާ ގާތަށް ރުޅި އަންނަގޮތް ވެއްޖެއެވެ. މަންމަ ހޭން ފަށައިފިއެވެ.

އެންމެ ރަނގަޅެވެ. ރުޅި ނާންނާށެވެ. ކޮންމެވެސް ދުވަހަކުން ޝަބީރުއާއި ވާހަކަ ދައްކާލަން ތިޔަގެއަށް އަހަރެންވެސް ގޮސްލާނަމެވެ. އެކަމަކު ބުނަން ހެއްޔެވެ. ދެމީހުން ދެބަސްވާ ކޮންމެ ފަހަރަކު ވަރިވުމުގެ ވާހަކަ ނުދައްކާށެވެ. މީގެފަހުން އެއްގޮތަކަށްވެސް އެލަފްޒު ބޭނުން ނުކުރާށެވެ. މާތްމީހުން، ދެމަފިރިން ކިތަންމެ ވަރަކަށް އަރާރުން ވިޔަސް އެލަފްޡު ބޭނުމެއް ނުކުރާނެއެވެ. އެލަފްޡަކީ ދެމީހުންގެ ގާތްކަން ދުރުކޮށްދޭ ލަފްޡެކެވެ. ލޯބީގެ ގުޅުން މުލުންލުހެ ކުދިކުދިކުރާ އެއްޗެކެވެ.... ކައިވެނީގެ ޙަޔާތުގައި ލޯބި، ގަދައަށް ހެދޭ ދަނޑެއް ފަދައިން ހެދެމުން ދާނެއެވެ. ބައެއް ފަހަރަށް އެދަނޑަށް ޙާލާތުގެ ކާދުއާއި އިޙްސާސްގެ ހޫނުކަން ނުލިބުމުން އެދަނޑުގެ ހެދުމަށް ހުރަސް އެޅިދެއެވެ. ކަލޭމެން ކަހަލަ ޅަކުދިން އަރާރުމެއްވާ ކޮންމެ ވަގުތަކު [ވަރި] މިލަފްޡު ބޭނުންކުރަން ވެއްޖިއްޔާ މިދަނޑު ވީރާނާވެ ހިނގައިދާނެއެވެ. ދަނޑާމެދު ފަރުވާ ބެހެއްޓުން ކޮންމެހެން ބޭނުމެވެ... އޭރުން އެދަނޑަށް އާރޯކަން އަންނާނޭކަން ގައިމެވެ.]

ހާސްކަން މަތީގައި އިން ރަމްލާ ވަރަށް ފަރުވާތެރި ކަމާއެކު މަންމަގެ މޫނަށް ބަލާލިއެވެ.

[ދައްތާއެވެ. އަޅުގަނޑު މިވަގުތު ދަނީއެވެ.] އެ އަންހެން މީހާ ތެދުވެއްޖެއެވެ. [ދައްތާއެވެ. ދައްތައާ ވާހަކަ ދައްކާލުމުން ވަރަށްބޮޑަށް ހިތްހަމަ ޖެހިއްޖެއެވެ. އެހެން ނޫންނަމަ އަޅުގަނޑު މޮޔަވެއްޖައީހެވެ. ރޭގަނޑެއްގައި އަރާރުން ވެއްޖިއްޔާ އަނެއް ދުވަހަކު ހެދުނު އޮފީހަކަށް ނުދެވެއެވެ..... މިހާރު ދެން ވަރަށް ހިތްހަމަ ޖެހިއްޖެއެވެ.]

[ކޮއްކޯއެވެ. ތިޔަގޮތް ވަރަށް ރަނގަޅެވެ. ގޭގައި ތިބޭ ދުވަސްވީ މީހުންނަކީ ހަމަ މިކަހަލަ ނަސޭހަތް ދިނުމަށް ތިބޭ ބައެކެވެ. ކަލޭމެންގެ ކަމަކީ އެމީހުންނާ ދުރަށް ދިއުމެވެ. އެމީހުންނަކީ އެއްވެސްކަމެއް ކުރުމަށް އެކަށީގެންވާ ބައެއް ކަމުގައި ނުވިޔަސް ކަލޭމެން ކުދިން ދައްކާ ހުރިހާ ވާހަކައެއް އެމީހުންގެ މޭގައި ވަޅުލާހާ ތަނަވަސްކަން އެމީހުންގެ ހިތްތަކުގައި ވެއެވެ. އެމީހުންގެ ބަލިކަށި މޭތަކުގައި އަޑިނޭގޭހާ ވަޅުތަކެއް ހުރެއެވެ. އެމީހުންގެ ކިބައިގާ މުޅި ޢުމުރުދުވަހުގެ ތަޖްރިބާ ހުންނާނެއެވެ. ކަލޭމެން ކުދިން ކުރާ ބައެއް ކަންތައްތައް އެމީހުން މަނާކުރަނީ އެމީހުންނަކީ މާބޮޑެތި ސިކުނޑިތަކެއް ލިބިގެން އުޅޭ މީހުންކަމަށް ހީކޮށްގެންނެއް ނޫނެވެ. އެހެނީ، އެމީހުންގެ މާޒީގައި ކޮށްފައިވާ ކުށްތަކުގެ އަލީގައި ކަލޭމެން ކުދިން ކުށްކުރުމުން ދުރުކުރަނީއެވެ. ޙަޔާތުގެ ކޮންމެ ތަޖުރިބާއެއްގެ ރައްދު ޢަމަލު އެއްފަހަރާ ކުރިމައްޗަކަށް ނާންނާނެއެވެ. މުސްކުޅިކަމަކީ އެނބުރި އައުމެކެވެ. އިންސާނާ، މުސްކުޅިވެ، ވަރުދެރަވެ، އެއްފަރާތެއްގައި އިންނަ ހިނދު، ވޭތުވެދިޔަ ޒަމާން މޫނުބަލާ ލޯގަނޑެއްގެ ތެރެއިން ފެންނަ ފަދައަކުން ފެންނަމުން ދާނެއެވެ.... މިތަޖްރިބާގެ މަގުން ހިނގައިފިއްޔާ ހުރިހާކަމެއް އެނގިދާނެއެވެ.... ގޭގައި އުޅޭ މުސްކުޅިންނަށް އިތުބާރުކޮށް، އެމީހުންނަކީ ތިމާމެންގެ ސިއްރުވެރިން ކަމުގައި ދެކެ، އަދި އެމީހުންގެ ތަޖްރިބާއިން އަލިކަން ހޯދައިފިއްޔާ ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ވެދާނެއެވެ.]

[ދައްތާއެވެ. ދައްތަ ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް....] އެއަންހެންމީހާ ބުންޏެވެ. [ތިޔަކަހަލަ ބުއްދިވެރި މަޔަކު އަޅުގަނޑަށް ފެނިފައިވަނީ ވަރަށް މަދުންނެވެ. އަޅުގަނޑުގެވެސް މައިދައިތައަކު އިނދެއެވެ. އޭނާގެ ހިތުގައި ޅީދަރިންނަށްޓަކައި ވަނީ މުޅިންވެސް ޙަސަދައެވެ....]

މަންމަ ތަރުކާރީ ޓުކުރި ހިފައިގެން ކޮޅަށް ތެދުވެއްޖެއެވެ.

[ދެމީހުން އެކުގައި އުޅުމަށްޓަކާ އެކެއްގެ ޙާލު އަނެކަކު ދެކެންވާނެއެވެ.... ދެން އަވަހަށްދާށެވެ.... އަހަރެން ކޮންމެވެސް ދުވަހަކުން ވާހަކަ ދައްކާލަން ދާނަމެވެ.]

އެ އަންހެންމީހާ ހިނގައިގަންނަމުން ރަމްލާއާއި ދިމާއަށް ބަލާލިއެވެ. އޭނާ ބުންޏެވެ.

[ދައްތާއެވެ. ދައްތައަކީ ނަސީބުވެރިއެކެވެ. ރަނެއް މަލެއްފަދަ ޅީދަރިއަކު ލިބުނީތީއެވެ.]

[ރަމްލާއެވެ. ޙާލު ކިހިނެތް ހެއްޔެވެ؟]

[ޙާލު ރަނގަޅެވެ.] ރަމްލާ ބުންޏެވެ.

[މިދުވަސްވަރު ތިޔައިންނަނީ ވަރަށް ކަންބޮޑުވެފައި ދޯއެވެ. އަންހެނުންނަށް އުފުލަންޖެހެނީ ކޮންކަހަލަ ބުރަތަކެއްކަން ކުރިޔަށްއޮތް ދުވަސްތަކުގައި އެނގިދާނެއެވެ. ކައިވެންޏަކީ ހަމައެކަނި ރީތި ހުވަފެނެކެވެ.] މިހެން ބުނެފައި އޭނާ ނުކުމެގެން ހިނގައްޖެއެވެ.

އެކަމަކު މަންމަގެ ލޯ ރަމްލާގެ މޫނާ ދިމާވުމާއެކު އެހުރިގޮތަށް ހުރެއްޖެއެވެ. އެއަންހެންމީހާ ނުކުމެގެން ދިޔުމާއެކު މަންމަ ރަމްލާގެ ކައިރިއަށް އަތުވެއްޖެއެވެ. އަދި ވަރަށް ލޯތްބާއެކު އޭނާގެ މޫނަށް ބަލަމުން ކައިރީގާ އިށީނދެއްޖެއެވެ.

[ދަރިފުޅާއެވެ. ކިހިނެއްވީ ހެއްޔެވެ....] އޭނާ ރަމްލާއާއި ހަތަރުކަޅި ހަމަކޮށްފައި އަހާލިއެވެ.

[ރަމްލާގެ މޫނު ތިޔަހާ ނޫވެފައި ތިހިރީ ކީއްވެގެން ހެއްޔެވެ.]

ރޮވެން ކައިރިވެފައި އިން ރަމްލާ މަންމަގެ އަތުގައި ހިފުމާއެކު ފަޅަފަޅައިގެން ހިނގައްޖެއެވެ.

މަންމަ، ރަމްލާގެ ކޮލުގައި އަތްޖައްސާލިއެވެ.... ފިނިކަމުން ހީވަނީ ގަނޑުފެންގަނޑެއް ހެންނެވެ. ދެން އޭނާ ރަމްލާގެ މޫނުމަތީގައިހުރި ދާތިކިތައް ފޮހެފައި އެނދުގައި ވަށުވައިފިއެވެ. ދެން ބުންޏެވެ.

[މިހެންވާން ފެށީ ކޮންއިރަކު ހެއްޔެވެ؟]

[އިއްޔެ ރޭން ފެށިގެންނެވެ.]

[އެހެން ހެއްޔެވެ. އެކަމަކު ދަރިފުޅު ނުބުނަމު ނޫން ހެއްޔެވެ؟....] މަންމަ ކަންބޮޑުވެފައި ތެދުވެއްޖެއެވެ.

[ދަރިފުޅު ނުބުނީ ކީއްވެގެން ހެއްޔެވެ؟]

[މަންމާއެވެ....] ރަމްލާ ގިސްލަ ގިސްލާފައި ރޯން ފަށައިފިއެވެ. [ދެން ކެތެއް ނުކުރެވޭނެއެވެ. އަޅުގަނޑު މަރުވެދާނެއެވެ..... މިއަދު އަޅުގަނޑު މަރުވާނެކަން ގައިމެވެ.]

[އަސްތާއެވެ....[ މަންމަ އަނެއްކާވެސް ތެޅިގެންފައި އިށީނދެއްޖެއެވެ.

[އަނގައިން ރަނގަޅު އެއްޗެހި ކިޔާށެވެ..... ކަލާނގެ ކިބަފުޅަށް ޝުކުރުކުރާށެވެ. ހުރިހާކަމެއް ރަނގަޅު ވެދާނެއެވެ.]

އެކަމަކު މަންމައަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. މުޅިން ހާސްވެއްޖެއެވެ. ރަމްލާ ރޮނީއެވެ. އޭނާގެ ވޭނީ އާހުތަކުން މަންމަގެ ހާސްކަން އިތުރުވަމުން ދަނީއެވެ. މިހާރު އޭނާ ހަދާނެގޮތެއް ނޭގިގެން ދެކޮޅު ދެކޮޅަށް ހިނގަނީއެވެ...

[މަންމާއެވެ.... މަންމާއެވެ.] ރަމްލާ ރޮމުން ބުންޏެވެ. [އަޅުގަނޑުގެ މަންމައަށް އަންގަވާލަ ދެއްވާށެވެ.... އަންގަވާލަ ދެއްވާނަން ދޮގެއްތޯއެވެ... އަޅުގަނޑުގެ މަންމައަށް.... އެހެންނޫނީ.... އަޅުގަނޑު މަރުވެދާނެއެވެ.]

ހަމައެވަގުތު މަންމައަށް މުޢާޒުގެ މަތިން ހަނދާން ކުރެވިއްޖެއެވެ. އޭނާ ވަގުތުން އެތެރެއަށް އަތުވެއްޖެއެވެ. މުޢާޒަށް ފޯނު ކުރިއެވެ. ނަސީބު ރަނގަޅުކަމުން މުޢާޒުއާ ގުޅިއްޖެވެސް މެއެވެ. އޭނާ އަވަހަށް ގެއަށް އައުމަށް މުޢާޒު ގާތުގައި ބުނެފައި ބަދިގެއަށް ހިނގައްޖެއެވެ. ދެން ކުރަންވީ ކަންތައް އޭނާއަށް އެނގިއްޖެއެވެ. އުނދުން މައްޗަށް ކުޑަ ކިރުފޮދެއް ހޫނުކުރަން އުދައިފިއެވެ. އޭގެ ތެރެއަށް އެކަށީގެންވާ ވަރުގެ ގިތެޔޮ ކޮޅެއްވެސް ވައްޓާލިއެވެ. އަދި މިނޫނަސް މިއަށް އަޅަންވާ އެހެނިހެން ތަކެތި އެޅިއެވެ. ހޫނުވެގެން ދިޔުމާއެކު ކުޑަ ރީނދޫކޮޅެއްވެސް އަޅާލިއެވެ. ދެން ތައްޓަކަށް އަޅައިގެން ރަމްލާގެ ކައިރިއަށް ހިނގައްޖެއެވެ.

[މަންމާއެވެ. ތިޔައީ ކޮން އެއްޗެއްތޯއެވެ؟]

[މިއީ ކިރުތައްޓެކެވެ. މިބޯލާށެވެ. އޭރުން ރިހުން ގަދަވެދާނެއެވެ.]

މަންމާއެވެ....!] ރަމްލާއަށް މިހާރު ވާހަކަ ދެއްކެނީ، ތަންކޮޅެއް ބާރަށެވެ. [ތިޔަދެއްވަނީ ކޮންފަދަ އަނިޔާއެއް ތޯއެވެ؟ މިހާރުވެސް އަޅުގަނޑަށް ކެތްވަނީއެއް ނޫނެވެ. އެކަމަކު ތިޔަބުނުއްވަނީ ރިހުން ގަދަކުރާ ވާހަކައެވެ.... އަޅުގަނޑަށް އަނިޔާ ކުރައްވަން ތިޔައުޅުއްވަނީ ކީއްކުރަން ތޯއެވެ؟.....]

[ދަރިފުޅާއެވެ.......] މަންމަ ކިރުތަށި ބަހައްޓާފައި ރަމްލާނަގާ ބައިންދަން އުޅުނެވެ. [މިކަހަލަ ކަންތަކުގެ ތަޖްރިބާއެއް އަދި ދަރިފުޅަކަށް ނުލިބެއެވެ. ހޮސްޕިޓަލުގައި ވާނީ ކިހާއިރެއް ކަމެއްވެސް ނޭގެއެވެ. މިކިރުތަށި ބޯލުމުން ހުރިހާކަމެއް ރަނގަޅު ވެދާނެއެވެ.... އަވަހަށް ބޯލާށެވެ. ރުޅި ދައްކާކަށް ނުވާނެއެވެ..... ތެދުވާށެވެ.]

ރަމްލާ ތެދުވަން އުޅުނެވެ. އޭނާގެ މޫނުމައްޗަށް އަނދިރި ވެގަތެވެ. އުޑާއި ބިން އެނބުރެން ފަށައިފިއެވެ. ހީވަނީ ނޭވާ އުފުރިދާނެ ހެންނެވެ.

[މަންމައަށް ފޯނުކުރެއްވިން ތޯއެވެ؟]

ރަމްލާ ކިރުތަށިން ކޯވަރެއް ބޯލުމަށްފަހު ބޯއުފުއްލާލި ގޮތުން ހީވީ ދުނިޔެއިން ނިކުމެގެން ދަމުން މަންމައަށް ބަލާލިހެންނެވެ.

[އަދި ނުކުރަމެވެ.....] މަންމަ މަޑުމަޑުން ބުންޏެވެ.

[ކީއްވެގެންތޯއެވެ.... ކިހިނެތްވީ ތޯއެވެ.....] ރަމްލާ އަތުންޖަހާފައި ކިރުތަށިން އެތިފޮދެއް ބަންޑުން ކޮށްލިއެވެ. [އަޅުގަނޑު މިއޮއްގެން މަރުވަނީއެވެ. އެކަމަކު އަޅުގަނޑު މަންމައަކަށް އަންގަވައެއް ނުލެއްވީމުއެވެ.]

[ކުރިން ދަރިފުޅު ކިރުތަށި ބޯލާށެވެ. އޭގެ ފަހުގައި، އަހަރެންގޮސް ފޯނުކޮށްދީ ފާނަމެވެ.]

ރަމްލާ ހިތާދެކޮޅަށް ކޯވަރަކުން ކޯވަރަކުން ކިރުތަށި ބޮއިފިއެވެ. ކިރުގެ ކޯވަރުތައް ކަރުތެރެ ކުދިކުދި ކުރަމުން އެތެރެއަށް ދާއިރު ހީވަނީ ޚަންޖަރެއްގެ މިޔަ ކަރުގައި އެޅެމުން ދާހެންނެވެ. އެވަގުތު ޙަޔާތަކީ އަގުބޮޑު އެއްޗެއް ކަމުގައި އޭނާއަށް ފެނުނެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗެއް އޭގެ ޒާތުގައި އަގުބޮޑު ކަމުގައި ފެނުނެވެ. އޭނާގެ ލޮލުގައި މަޑުމައިތިރި އާހެއްގެ އަސަރު އުފެދުނެވެ.

[އަޅުގަނޑު ސަލާމަތް ކޮށްދެއްވާށެވެ. ކޮންމެ ގޮތަކުން ނަމަވެސް އަޅުގަނޑު ސަލާމަތް ކޮށްދެއްވާށެވެ.]

މި އިޙްސާސާއެކު މަންމަގެ އުނގުގައި ބޯއަޅާލުމުގެ އުއްމީދު އާވެގަތެވެ.... މަންމަގެ އުނގުގައެވެ.... އެ އުނގަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ހިތާމައެއްގެ ތެރޭގައި ބޯއަޅާލަން އެދޭ އުނގެވެ. އެއީ ސަލާމަތުގެ ހިޔަންޏެވެ. އެ އުނގުގައި ބޯ އަޅާލުމުން ދުނިޔޭގައި ދިމާވާ ކޮންމެ ހިތާމައަކުން އިންސާނާއަށް ހަމަޖެހުން ލިބެއެވެ.

[މަންމާއެވެ.... ދެން ދުރުވެ ފޯން ކޮށްދެއްވާށެވެ.] ރަމްލާ ދެނޭވާ ދޭތެރޭން ބުނެލިއެވެ.

[އާއެކެވެ....] މަންމަ ތަށި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

މަންމަ ތެދުވުމާއެކު ރިހުންގަނޑެއް އަތުވެއްޖެއެވެ..... ރަމްލާ ބާރަށް ރޮއިގެންފިއެވެ....

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން