ޞާދިރު ޢަލީދީދީ   23 ޖެނުއަރީ 2021 - 13:54
ވޭނީކަރުނަ
ވޭނީކަރުނަ
32 ވަނަ ބައި

..................

މުޢާޒުގެ އަޑު ރަމްލާއަށް ޙަޔާތުގެ އިޙްސާސް ލިއްބައިދިނެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރިން ރިހުން އެންމެ ގަދަވި ވަގުތު އޭނާއަށް އަނެއްކާވެސް މަންމަގެ މަތިން ހަނދާން ކުރެވުނެވެ. މި ޢަޒާބުން މަންމަ އޭނާ ސަލާމަތް ކޮށްދީފާނެއޭ ހީވަނީ ކަންނޭގެއެވެ.... އެކަމަކު މިއުނދަގޫ އުފުލުމަކާނުލާ އެއްވެސް މަޔަކު މަންމައަކަށް ނުވެވޭނެއެވެ. އަނެއްކާވެސް މަޑުމައިތިރި އަޑެއް އައެވެ.....

އަދި އެއަށްފަހު ހިމޭންކަމުގެ ވިލާގަނޑު ހިޔާ އަޅައިފިއެވެ.

އެތައް އިރެއްގެ ފަހުން ޑަކްޓަރު އޭނާ ގާތުގައި ބުންޏެވެ. [ރަމްލާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ.] ރަމްލާ އޭނާގެ ވަރުބަލިވެފައިވާ އެސްފިޔަތަކުގެ ސަނދުވާ ދޫކޮށްލިއެވެ.....

އޭނާގެ ހިތުގައި ދަރިފުޅު ދުށުމުގެ އެދުމެއް ނުއުފެދުނެވެ..... ހީވަނީ އެތައް ދުވަހެއް ވަންދެން ހިނގަ ހިނގާފައި އައިސް ވަރުބަލިވެގެން ނިދާލަންވެގެން އުޅޭހެންނެވެ.

ރަމްލާގެ ގަޔަށްޖަހާފައިވާ އިންޖެކްޝަންގެ ސަބަބުން ނިދީގެ ތެރެއަށް ގެއްލެމުން ދަނިކޮށް، ބިރުވެރި ޚިޔާލެއް އޭނާގެ ހިތަށް ވެރިވެގަތެވެ..... އޭނާގެ ޒަޚަމްވެފައިވާ ހަށިގަނޑުގައިއަނެއްކާވެސް ވޭން އަޅައިގަތެވެ.

އޭނާ ސިފަހުތުރު ކުއްޖެއްގެ މަންމައަކަށް ވެއްޖެއެވެ. ސިފަހުތުރު އިންސާނެއް ދުނިޔެއަށް ގެނައީއެވެ. ދުނިޔޭގެ ހުތުރުކަމުގެ ތެރެއެށް އިތުރު މީހަކު ގެނައީއެވެ.

އަދިވެސް އެއްވެސް މީހަކު އޭނާގެ ދަރިފުޅު ދައްކާކަށް ނުޅޭއެވެ.... އެކުއްޖާފުޅު އޮތީ ދުރުގައި ބާއްވާފައެވެ. ގާތުގައި އެކުއްޖާއަށް ޚިދުމަތްކުރުމަށްޓަކާ ނަރުސް ކުއްޖަކު ހުއްޓެވެ.

މަންމަ ހިނިތުންވެލާފައި އެނަރުސް ގާތަށްގޮސް ހުއްޓިފައި ވަރަށް ލޮބުވެތި ރާގަކަށް ބުނަން ފެށިއެވެ.

[އަހަރެންގެ މުޢާޒުއާ މުޅިން އެއްގޮތެވެ.... ހީވަނީ ކުޑަކުޑަ މުޢާޒެއް ހެންނެވެ.... އޭނާވެސް ދިނުޔެއަށް އައިއިރު އޮތީ މިހެންނެވެ.....]

ރަމްލާ ހިތަށް ވީތަދުން އަނެއް ފަރާތަށް ބޯއަނބުރާލިއެވެ.

[މިހާރު ދެން ހުރިހާކަމެއް ނިމުނީއެވެ. ދެން ކަންބޮޑު ވެލައްވަނީ ކޮންކަމަކާތޯއެވެ.]

ނަރުސް ރަމްލާގެ ގައިމަތީގައި ފޮތިގަނޑު އަޅަމުން ބުންޏެވެ. އެއާއިއެކު ރަމްލާ އޭނާގެ ހިކި ތުންފަތުގައި ދޫކާއްތާލިއެވެ.

[ހިންގަވާށެވެ.... އަޅުގަނޑު ރަމްލާ އޮންނަވަންވީ ކޮޓަރިއަށް ގެންގޮސް ދޭނަމެވެ.]

ދެނަރުހުން ވެގެން ރަމްލާ ނަގާފައި ފުރޮޅުލީ އެނދުގައި ބާއްވައިފިއެވެ. އަދި އެއެނދު ދަމަމުން ބޭރަށް ނުކުމެއްޖެއެވެ.

ބޭރު ދޮރުކައިރީގައި މުޢާޒު ހުއްޓެވެ. ކެތްމަދުވެފައެވެ.

ރަމްލާ ފެނުމާއެކު އޭނާ ކުރިއަށް ޖެހިލިއެވެ. ރަމްލާ އޮތީ ދެލޯމަރައި ގެންނެވެ. ނަރުސް ވަރަށް ފަރުވާތެރި ކަމާއިއެކު އެނދުދަމާފައި މަތީބުރީގެ ކޮޓަރިއަށް ގެންދަނީއެވެ.

އެކަމަކު ރަމްލާއަށް އިޙްސާސް ކުރެވެމުންދަނީ މުޅި ދުނިޔެ އޭނާ ވަށާލާފައިވާ ކަމުގައެވެ. ދުނިޔޭގައިވާ ހުރިހާ މީހުން އޭނާއަށް ބަލަމުން ގެންދަނީ ކަމުގައެވެ. އެހުރިހާމީހުން ބުނަމުން ގެންދާ ކަހަލައެވެ. ބަލާބަލާށެވެ. މިއީ އަޖައިބެއްފަދަ ކުއްޖެއްގެ މަންމައެކެވެ. ބަލާބަލާށެވެ. ނިކަން ދެކެބަލާށެވެ.

އޭނާ ދުނިޔެއަށް ދިނީ ކޮން އެއްޗެއް ހެއްޔެވެ؟

ހޮސްޕިޓަލްގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ވިހާތާ ސައުވީސް ގަޑިއިރުގެ ކުރިއަކުން ދަރިފުޅު މަންމަގެ ކައިރިއަކަށް ނުގެންދެއެވެ. މަންމަ އިރުއިރުކޮޅާ ނުކުމެގެންގޮސް، ކުދިންގެ ކޮޓަރިއަށްވަދެ މާމަ ދަރިފުޅު ބަލާލާފައި އާދެއެވެ. ދެން ބުނެއެވެ. [މިއުޅޭ ނަރުހުން އަނެއްކާ އަހަރެންގެ ދަރިފުޅު ބަދަލުނުކުރާނެ ބާވައެވެ.]

މާތްރަސްކަލާކޯއެވެ. އެކުއްޖާފުޅު ބަދަލުވިޔަ ދެއްވާށެވެ. ރަމްލާ ހިތާހިތުން ވިސްނާލިއެވެ. މައިދައިތަ ފިޔަވާ އެހެން މީހަކު ކުއްޖާގެ ވާހަކައެއް ނުދައްކައެވެ. އިއްޔެ ހަތަރުދަމު މަންމަވެސް އިނީ މިތާނގައެވެ. މަންމަ އައިއިރު އޭނާ އޮތީ މިކޮޓަރިއަށް ގެނެވިފައެވެ.

މަންމަ އައުމުގެ ކުރިން މައިދައިތަ ރަމްލާގެ ނިތްކުރީގައި ފިރުމާލަމުން ބުންޏެވެ.

[އަހަރެން ދަރިފުޅުގެ މަންމައަށް އެންގީ ވިހޭ ފަހުންނެވެ.]

[އެއީ ކީއްވެގެންތޯއެވެ؟] ރަމްލާ ބަލިކަށި އަޑަކުން ބުންޏެވެ. [އަޅުގަނޑު މަރުވިނަމަ....]

[އެންމެ ރަނގަޅެވެ. އެކުން އަނގަނުތަޅާށެވެ. ދަރިފުޅާއެވެ. އެވަގުތު ހާސްވެފައި އޮތްވަރުން ހަމަގަސްތުގައި އަހަރެން މަންމައަށް ނޭންގީއެވެ. ދަރިފުޅާއެވެ. މިކަހަލަ ކަންތަކުގައި ކޮންމެ މައެއްގެ ހިތް ބަލިވާނެއެވެ. އެތައް ފަހަރެއްގެ މަތިން މިބުރަ އުފުލާފައިވީ ކަމުގައި ވިޔަސް ތިމާގެ ދަރިންނަށް ވޭންލިބޭހިނދު އެތަންދެކޭކަށް ކެރިކުޅަދާނަ ވެގެނެއް ނުވާނެއެވެ. ބަލިމީހާ ޑަކްޓަރުންގެ އަތްދަށުގައިވާއިރު، އެބަލިމީހާގެ ތިމާގެ މީހުން ތިބޭނީ ހިތުގައި ހިފަހައްޓައިގެން ކޮޓަރީގެ ބޭރުގައެވެ. ދަރިފުޅުގެ މަންމައަކީ، ފިސާރި ހިތްދެރަ އަންހެނެއްކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އޭނާ އައިސް ކަމަކާނުލާ ހާސްވެދާނެތީ އަހަރެން ނޭންގީއެވެ. އަދި އޭނާގެ ޙާލުފެނިފައި ރަމްލާވެސް ކަންބޮޑުވާން ޖެހިދާނެ ކަމުގައި އަހަރެން ވިސްނީމެވެ....]

ހަމަ އެވަގުތު ދޮރުހުޅުވާލާފައި މަންމަ އެތެރެއަށް ވަދެއްޖެއެވެ. އަދި ރަމްލާގެ ގައިގާ އޮޅުލައިގަތެވެ. މަންމަގެވަސް ޖެހުމުން ރަމްލާ އަނެއްކާވެސް ރޯން ފަށައިފިއެވެ.

އޭނާގެ ޙާލު ރަނގަޅަށް ސާފުވުމަށްފަހު މަންމަގެ ހިތްހަމަ ޖެހިއްޖެއެވެ. އަދި ހީނހީފައި މައިދައިތައާއި ވާހަކަ ދައްކަން ފަށައިފިއެވެ. އެއްވެސް މީހަކު ކުޑަދަރިފުޅާ ބެހޭގޮތުން މަންމަ ގާތުގައިވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން މަންމަވެސް ގެއަށްދިޔަ މަގުމަތީގައި ކުދިންގެ ކޮޓަރިއަށް ވަދެލާފައި އެދިޔަގޮތަށް ދިޔައީއެވެ. މިވަނީ ކީއްކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. މިކަން އޭނާއަށް ސިއްރުކުރަމުން މިގެންދަނީ ކީއްވެގެންކަމެއް އޭނާގެ ވިސްނުމަކަށް ނައެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރިން ނަރުސް އައިސް ކުޑަދަރިފުޅު މިގެންނަނީކަމާ އެކުއްޖާގެ ހެދުން ތައްޔާރުކޮށްފައި ބޭއްވުމަށް މައިދައިތަ ގާތުގައި ބުނެފައި ހިނގައްޖެއެވެ.

މައިދައިތަ އިނީ ކުޑަދަރިފުޅުގެ ހެދުމާއި އެއްޗެތި ތައްޔާރު ކުރުމުގައި މަޝްޣޫލު ވެގެންނެވެ. އެކަމަކު ރަމްލާގެ ލޯހުރީ ދޮރާދިމާއަށް ހުއްޓިފައެވެ. އޭނާވަނީ ކަނޑައެޅިގެން އެފަދަ ސިފަހުތުރު ކުއްޖެއްގެ ސޫރަދުށުމުގެ އެއްވެސް ޝައުޤެއް ނެތްކަމުގައި ހިތާހިތުން ބުނެފައެވެ. އެކަމަކު އެތެރޭގެ ޝައުޤުވަނީ ހުޅުފަޅާފައެވެ. ކޮންމެވެސް ކަހަލަ ނޭނގޭ ޖަޒްބާތެއްގެ ރާޅުބާނީ ހަށިގަނޑުގައި އުފެދިފައިވެއެވެ. ތިމާގެ ހަށިގަނޑުގެ އެއްބައި ދުށުމަށްޓަކައި ހިތްއޮތީ ތެޅިތެޅިއެވެ. އޭނާގެ އުޅަބޮށި މޫނުމަތީގައި އަޅާފައި އޮތްގޮތުން ދެކޭ މީހުންނަށް ހީވާނީ އެނާ އެއޮތީ ނިދާފައި ކަމުގައެވެ. އެހެން ނަމަވެސް އަތްދަނޑިއާއި އަތުމުލައްދަނޑިއާއި ދޭތެރޭން ހަމަވަރަށް ރަނގަޅަށް ވަންނަންހުރި ދޮރު ފެންނަން ހުއްޓެވެ.

ހަމައެވަގުތު ކުޑަކުއްޖަކު ގޮވައިގެން ނަރުސް އެތެރެއަށް ވަދެއްޖެއެވެ. އެކުއްޖާގެ ގައިގާ އޮތީ ހުދުތުވާއްޔެއް އޮޅާލާފައެވެ. ކުއްޖާއަކީ ފިސާރި ކުޑަކުއްޖެކެވެ. އެހެންކަމުން ތުވާލުގެ އެތެރޭގައި އެކުއްޖާ އޮތީ ފޮރުވިފައެވެ. ހަމައެކަނި ފެންނަނީ ބޮލުގެ އިސްތައްޓެވެ. ފިސާރި ވަރުގަދަވެފައި އެހާކަޅެވެ. މުޢާޒުގެ ބޮލުގެ އިސްތަށިގަނޑަކީވެސް އެހާމެކަޅު ވަރުގަދަ އިސްތަށިގަނޑެކެވެ.

ބިސްމިﷲއޭ ބުނެފައި މައިދައިތަ އެނބުރިލިއެވެ. އަދި ނަރުސްގެ އަތުން ކުއްޖާ އަތުލައިފިއެވެ.

[ދެން މީނާ ފެންވަރުވާ ލަންވީއެވެ. އިއްޔޭއްސުރެން މިއޮތީ ފޮން ނުވަރައެވެ.]

[މީނާ ބޭއްވީ ނަޖިސްނުފިލުވާ ހެއްޔެވެ.] މަންމަ އެހިއެވެ.

[އަޅުގަނޑުމެން ހަމައެކަނި ސްޕަންޖުން ސާފުކޮށްފާ ބާއްވަނީއެވެ. ދެން މިހާރު ފެންވަރުވާފައި ރީތި އެއްޗެހި އަޅުވަންވީއެވެ.]

[ކޮއްކޮ އަހަންނަށް އަތްގާތް ކޮށްދީފަން ހެއްޔެވެ؟] މައިދައިތަ އެހިއެވެ.

[ތިޔައީ އެއްވެސް ކަމެއްނޫނެވެ. އަޅުގަނޑު މިއައީވެސް ތިޔަކަމާއެވެ.]

ނަރުސް، ކުއްޖާގޮވައިގެން ފެންވަރާ ކޮޓަރިއަށް ވަދެއްޖެއެވެ. ހަމައެއާއިއެކު މައިދައިތަ ނޫކުލައިގެ ތުވާއްޔަކާއި ނޫކުލައިގެ ސައިބޯނި ފޮއްޓެއް ހިފައިގެންގޮސް ވަނުމުން ނަރުސް ޙައިރާންވެފައި އެހިއެވެ.

[ރަމްލާ ވިހާނީ ފިރިހެން ކުއްޖެއްކަން ޔަޤީން ވެލައްވާފައި އޮތީތޯއެވެ؟]

މައިދައިތަ ހީނލިއެވެ.

[ތިޔަކަހަލަ ވާހަކަ ތިޔަގޮތަށް ބުނާކަށް ނުވާނެއެވެ. އަންހެން ކުއްޖަކު ލިބުނު ކަމުގައި ވިޔަސް އެކަމަކުން އަހަންނަށް އެއްވެސް ފަރަޤެއްނެތެވެ.]

[އެގޮތަށް ދިމާވިނަމަ އެކުއްޖާގެ ކަންތައްތަކަށް ބޭނުންކުރާނީ ހަމަ ތިޔަ ނޫކުލައިގެ އެއްޗެތި ތޯއެވެ؟]

[އެކަމުންވާނީ ކީއްހެއްޔެވެ؟] މައިދައިތަ ބުންޏެވެ. [ތިޔައީ ހަމަ މިހާރުގެ ފެޝަނެވެ. އެހެން ނޫނަސް ހުރިހާ ކުލައަކުން އަހަރެން ހެދުން ތައްޔާރު ކުރީމެވެ.]

ނަރުސް، ކުއްޖާ ފެންވަރުވަން ފަށައިފިއެވެ. އެއާއިއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ.

[މިއީ ފުރަތަމަ މާމަ ދަރިފުޅުތޯއެވެ؟]

[އާއެކެވެ.] އޭނާ ބުންޏެވެ.

[ފިރިހެން ކުއްޖަކު ލިބުނުކަން އެއީ އުފާވެރި ކަމެކެވެ.]

[އަހަރެންގެ ހުރީ އެންމެ ފިރިހެން ދަރިކެއެވެ. ވީމާ އަހަރެން އެދެނީ އަދިވެސް ގިނަކުދިން ލިބުމެވެ.]

[ނަރުސް، ކުއްޖާ ތައްޔާރުކޮށްފައި، މުޢާޒު މަންމައަތަށް ދީފިއެވެ. ދެން ބުންޏެވެ.

[އަދި މީނާއަށް ދޭންވާނީ ހަމައެކަނި ކެއްކިފެނާއި މާމުޔެވެ.....] މިހެންބުނެފައި އޭނާ ބޭރަށް ނުކުމެއްޖެއެވެ.

[މައިދައިތަ ކޮންމެވެސް އެއްޗެއް ކިޔަވާލާފައި އެކުއްޖާގެ ގަޔަށް ފުމެލިއެވެ. ދެން ރަމްލާގެ ކައިރިއަށްގޮސް ބުންޏެވެ.]

[ދަރިފުޅާއެވެ. ނިކަން ބަލާލަބަލާށެވެ.]

[ރަމްލާގެ ހިތް ތެޅިގަތެވެ.... އޭނާ މޫނުމަތިން އަތްނެގިއެވެ.]

މައިދައިތަ މަޑުމަޑުން އެކުޑަކުއްޖާފުޅު ރަމްލާގެ ކައިރީގައި ބާއްވައިފިއެވެ. އެކަމަކު މުޅިން ދޫކޮށެއްނުލިއެވެ. ރަމްލާ ކެތްތެރިކަން ކުޑަވެފައި ބަލާލިއެވެ. އަނެއްކާ ބަލާލިއެވެ....]

އަނެއްކާވެސް ބަލާލިއެވެ. ވަރަށް ކުޑަކުޑަ އިންސާނެކެވެ.... ވަރަށް ކުޑައެވެ. އެކަމަކު ކިހާ ރީތި ހެއްޔެވެ.... ހުދު ރަތްކުލައެވެ. އޮތީ ލޯމަރާ ތަގުޅި ކޮށްގެންނެވެ. ހީވަނީ ޝަރްޠު ފުރިހަމަކޮށްފައި ލޯހުޅުވަން އޮތީ ހެންނެވެ. އެކުއްޖާގެ އެހެނިހެން ނިޝާންތަކުގެ ވާހަކަ ދެންހެވީ ނުދެއްކިއްޔާއެވެ. އަދި އެކުއްޖާގެ ގައިން އަޖައިބެއްފަދަ މީރުވަހެއް އަރައަރާ ހުއްޓެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން