33 ވަނަ ބައި
..................
މައިދައިތަ މަޑުމަޑުން އެކުޑަކުއްޖާފުޅު ރަމްލާގެ ކައިރީގައި ބާއްވައިފިއެވެ. އެކަމަކު މުޅިން ދޫކޮށެއްނުލިއެވެ. ރަމްލާ ކެތްތެރިކަން ކުޑަވެފައި ބަލާލިއެވެ. އަނެއްކާ ބަލާލިއެވެ....]
އަނެއްކާވެސް ބަލާލިއެވެ. ވަރަށް ކުޑަކުޑަ އިންސާނެކެވެ.... ވަރަށް ކުޑައެވެ. އެކަމަކު ކިހާ ރީތި ހެއްޔެވެ.... ހުދު ރަތްކުލައެވެ. އޮތީ ލޯމަރާ ތަގުޅި ކޮށްގެންނެވެ. ހީވަނީ ޝަރްޠު ފުރިހަމަކޮށްފައި ލޯހުޅުވަން އޮތީ ހެންނެވެ. އެކުއްޖާގެ އެހެނިހެން ނިޝާންތަކުގެ ވާހަކަ ދެންހެވީ ނުދެއްކިއްޔާއެވެ. އަދި އެކުއްޖާގެ ގައިން އަޖައިބެއްފަދަ މީރުވަހެއް އަރައަރާ ހުއްޓެވެ.
ރަމްލާގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރި އަރައިގަތެވެ. އެތެރެހަށި ފުރި ބާރުވެއްޖެއެވެ. އެދަރިފުޅު ނަގާ މޭގައި ޖައްސާ ބާރުކޮށްލުމަށް ރަމްލާގެ ހިތަށްއެރިއެވެ. ހިތްފުރެންދެން ލޯބިކުރުމަށް ހީކުރިއެވެ. ހިތުގައި ފޮރުވިފައިވާ ހުރިހާ ލޯތްބެއް އެދަރިފުޅުގެ މައްޗަށް އޮއްސާލުމަށް ހީކުރިއެވެ. ހުރިހާހިތާމައެއް ހިތުން ފޮހެލުމަށް ޢަޒުމް ކަނޑައެޅިއެވެ. ރޯންވީއެއް ކަމެއް ހަޅޭއްލަވައި ގަންނަންވީ އެއްކަމެއް އޭނާއަކަށް ނޭގުނެވެ... ތިމާއާއި ގާތުގައި.... ވަރަށް ގާތުގައި.... ވަރަށް ލޯބިވެތި... ހިތުގެ ކައިރީގައި.... ރީތި ދުނިޔެއެއް.... ފިނި ފޮނި އެތިކޮޅެއް ކަމުގައި އިޙްސާސް ކުރެވުނެވެ.
އެކަމަކު އޭނާ ހިތްގަދަކޮށްލިއެވެ. ނުވަތަ މައިދައިތަ ދެކެ ލަދުގަތީ ކަންނޭގެއެވެ. މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.
ހަމައެވަގުތު އެކުޑަކުއްޖާފުޅު ބަލިކަށި އަޑަކުން ކުކުރާލިއެވެ. މަންމަގެ މިޢަމަލާމެދު އޭނާ ނުރުހުނީކަން ނޭނގެއެވެ.
މައިދައިތަ ކުރިއަށް ޖެހިލާފައި ކުއްޖާ ނަގައިފިއެވެ.
[އަހަރެންގެ ދަރިފުޅު ބަނޑުހައިވީ ކަންނޭގެއެވެ. ފެންވެރުމަށްފަހު ކުދިން ބަނޑުހައި ވާނެއެވެ.]
އޭނާ ދަރިފުޅު މޭގައި ޖައްސާލިއެވެ. ދެން ވަރަށް ޝައުޤާއެކު އަތްދަނޑި މަތީގައި ބާއްވައިގެން އަނެއް އަތުން ފުޅިއަށް ފެންއަޅަން ފަށައިފިއެވެ. ކުޑަ މާމުއިފޮދެއް އަޅާލިއެވެ. ދެން އެނދުގައި އިށީނދެ އިނދެގެން ފުޅި ދޭން ފަށައިފިއެވެ.
އެކުއްޖާފުޅު ހަމައެކަނި އެންމެ އަޑެއް ލައްވާލާފައި ބާރަށް މުށްކަވާލިއެވެ. ދެން އަމިއްލަ ދުނިޔެއަށް ގެއްލިއްޖެއެވެ.
މައިދައިތަ މަސައްކަތް ކޮށްކޮށްގެން ފުޅީގެ ތުން އެކުއްޖާގެ އަނގައަށް ކޮށްޕިއެވެ. ދެން އަނެއްކާވެސް ތުންނެރެލިއެވެ. އިރުއިރު ކޮޅުން އެދަރިފުޅުގެ ރަތްދޫ ބޭރަށް ނެރެއެވެ. ހަމައެއާއެކު އެދުލުގެ މައްޗަށް ފޮނި މާމުއި ތިއްކެއް ވައްޓާލިއެވެ.... ދެން އެދޫ ބޯލާފައި ހިމޭން ވެލައެވެ.
މައިދައިތަ ހީނގަތެވެ. އަދި އިސްއުފުލާފައި ރަމްލާއަށް ބަލާލިއެވެ.
ހަމައެވަގުތު ރަމްލާއަށް އޭނާގެ މޭމަތީގައި، އަޖައިބުވާފަދަ، މަޑު ރިހުމެއް އެކުލެވިފައިވާ ކަމުގައި އިޙްސާސް ކުރެވުނެވެ. ބަރު ގޮތަކަށެވެ.... ހީވަނީ މޭމަތީގައި ހިލަ ބަނދެފައި ވާހެންނެވެ. އަދި މަޑު ރިހުމެއްގެ ތީރުތައް އެ މޭމައްޗަށް ހެރެމުން ދާހެން އޭނާއަށް ހީވިއެވެ.
މިއީ މައިވަންތަކަން ހެއްޔެވެ. އޭނާ ހިތާހިތުން ވިސްނާލިއެވެ.
[އެކަމަކު ފުރަތަމަ ކުއްޖާއަށް ކިރު ލިބުމުގައި ދެތިން ހަތަރު ދުވަސްވެސް ވެދެއެވެ. އަހަރެމެން އެހާދުވަސް ވަންދެން ކުދިންނަށް ދެނީ މާމުޔާ ކެއްކިފެން ނުވަތަ އުއްދަނޑި ދިޔަ ފާޑުގެ އެއްޗިއްސެވެ. އެކަމަކުވެސް މިހާރަކަށް އައިސް ޚާލިޞް އިންސާނަކު ފެންނަކަމަށް ނުވެއެވެ.]
ރަމްލާ ވަރަށް ޙައިރާންވެފައި މައިދައިތައަށް ބަލާލިއެވެ.
[އެއޮތީ ބަނޑުހައިވެފައެވެ... އެކަމަކު ދެކެބަލާށެވެ.. ހަމަ ކޮންމެފަހަރަކު ތުންގަނޑު އަނގައިން ނެރެލަނީއެވެ. ކުޑައިރުކޮޅެއް ވަންދެން ދެކޮޅު ހަދާނެއެވެ. ދެން އަމިއްލައަށް އެނގިދާނެއެވެ. އަމިއްލައަށް ބޯން ފަށާފާނެއެވެ. އަމިއްލައަށް ފުޅީގައި ހިފަހައްޓަފާނެއެވެ.]
[އެކަމަކު މަންމާއެވެ.] ރަމްލާ ކެތްމަދުވެފައި ބުންޏެވެ. [އޭނާ އެއޮތީ ބަނޑުހައި ވެފާކަމެއް މަންމައަށް އެނގިލެއްވީ ކިހިނެއްތޯއެވެ.]
[މިހިރަ ކަންތައްތައް ދަރިފުޅަށްވެސް ދެން އެނގިދާނެއެވެ. ކުއްޖާ ދުނިޔެއަށް އަންނަތާ ސާޅީ ދުވަހުގެ ތެރޭގައި، ގުދުރަތުން މިހުރިހާކަމެއް އެކުއްޖާއަށް އޮޅުން ފިލުވައިދެއްވާނެއެވެ. އެކަމަކު ބަނޑުގައި އޮންނައިރު މިހާރާ ވަރަށް ތަފާތުވާނެއެވެ. ކުއްޖާ ބަނޑުގައި އޮންނައިރު އެއްގޮތަކަށްވެސް ނުރޯނެއެވެ. ފުރިހަމައަށް ކާން ލިބެއެވެ. އޮންނަނީ ވިލާކޮޅެއްފަދަ ތަންމައްޗެއް ގައެވެ. ގަދައައްޔެއް ލޮލަކަށް ނޭޅޭނެއެވެ. ވަށައިގެންވާނީ މައިވަންތަކަމުގެ ނޫރެވެ. ދެމީހުންގެ ހިތް ވިންދުޖަހާނީ އެއްފަހަރާއެވެ. މަންމައާއި ދަރިފުޅުގެ ހިތް ތިމާގެކަމުގެ ގުޅުން އުފައްދަނީ ދަރިފުޅު ބަނޑުގައި އޮންނައިރުއެވެ. މިކަމަށްޓަކާ، ދަރިފުޅު ދުނިޔޭގެ ކޮންމެ ތަނެއްގައި ވިޔަސް މުޞީބާތުގެ ވަގުތު މަންމަގެ ހިތްތެޅެން ފަށައެވެ. ދަރިފުޅުގެ ހިތް ވިންދުޖަހަން ދަސްކުރަނީ މަންމަގެ ހިތުންނެވެ. އެ ދެހިތް އިޙްސާސްގެ ވާފަށަކުން ބަނދެލެވެއެވެ. އެކަމަކު އެންމެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އަންނަހިނދު މި އަލިކަން އޭނާއަކަށް ކަމަކު ނުދެއެވެ. ކިހާ ވަރަކަށް ދެލޯމަރާ ތަގުޅި ކޮށްގެން އުވޭ ހެއްޔެވެ. އެންމެ ފަހުން މަޑުމަޑުންގޮސް އެކުއްޖާގެ ސާފު ލޯ އަލިކަމުގެ ތެރެއަށް ހޭނިދެއެވެ. ފުރިހަމަ ސާޅީސް ދުވަހުގެ ތެރޭގައި އާދަތައް މުޅިން ބަދަލުކޮށްލައެވެ. ބަނޑުހައިވާ ހިނދު ރޮއިގަނެއެވެ. ލޯ ހުޅުވައިގެން އޮވެ ވަށައިގެން ހޯދައެވެ. އިވޭ އަޑުތައް އޭނާއަށް ރަނގަޅުވާން ފަށައެވެ. މިހިސާބަށް ދިއުމުން ދަރިފުޅު ނުރޯހާ ހިނދަކު މަންމަ އެކުއްޖާއަށް ކިރެއް ނުދެއެވެ. ޙަޤީޤަތުގައި އަހަރެމެންގެ މިޢަމަލުގެ ސަބަބުން ކުއްޖާއަށް ބޮޑާދެއްކުމުގެ އާދަ ހިފެމުން ދެއެވެ. ބާރަށް ރޮއިގަތުމުން ހުރިހާކަމެއް ހަމަ ޖެހިދާނެކަން ކުއްޖާއަށް އެނގިދެއެވެ.
މައިދައިތަ އެއްފަރާތެއްގައި ފުޅި ބަހައްޓާލަމުން ބުންޏެވެ. [މިކަހަލަ ވާހަކަތައް މިހާރަކަށް އައިސް ފޮތްތަކުގައި ފޮރުވިފައި ހުންނަނީއެވެ. މިކަހަލަ ކަންތައްތައް ހޮސްޕިޓަލް ތަކުގައި އުޅޭ ނަރުހުންނަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. ރޮއިގަތީމާ އެމީހުން އުޅޭނީ އަވަސްއަވަހަށް ބުއްފުޅިއެއް ގިރާފައި އެކުއްޖާގެ އަނގައަށް ޖެހޭތޯއެވެ. ކުރާނީ ކީއްހެއްޔެވެ؟ އަހަރެމެންނަކީ މިހާރު މުސްކުޅިންނެވެ. އެއްޗެކޭ ބުނެފިއްޔާ ޒުވާންކުދިން، މަލާމަތް ކުރާނެއެވެ. ހަރުބަހެއް ބުނެފިއްޔާ ސަމާސާއަކަށް ހަދާލައެވެ. ކުދިންގެ ލޮލުގައި އަނދުންއެޅުމަކީ ފާޑުފާޑުގެ ބަލިޖެހޭކަމެއް ކަމުގައި ބުނެއެވެ...] މައިދައިތަ މިހެންބުނެފައި ހިމޭންވެއްޖެއެވެ. ރަމްލާ ނުރުހުން ވެދާނެކަމަށް ހީކޮށްފައި ނޫންކަމެއްވެސް ނޭގެއެވެ. ދެން ބުއްފުޅީގެ މަތިޖަހާފައި އެއް ފަރާތެއްގައި ބަހައްޓައިފިއެވެ. އަދި ލޯތްބާއެކު ބުންޏެވެ. [މިހާރު އެނިދީއެވެ. ހަމަ އެހާވަރަށް ބަނޑުބޮޑުވީ ހެއްޔެވެ. އެތެރެއަށް ދާނީ އެންމެ ދެތިން ތިކި ކަންނޭގެއެވެ....]
އޭނާ ކަފަކޮޅަކުން ކުޑަދަރިފުޅުގެ އަނގަމަތި ސާފުކޮށްލިއެވެ.
[ވަރަށް ކެތްތެރި ކުއްޖެކެވެ. އަހަރެންގެ މުޢާޒުއާއި ހަމަ އެއްވެސް ތަފާތެއް ނެތެވެ.]
އާހް! ރަމްލާ ދިގު ނޭވާއެއް ދޫކޮށްލިއެވެ.
ކުއްޖާގެ މަންމައާބެހޭގޮތުން ޚިޔާލަކީ ކޮބައިތޯއެވެ. މަންމަ ކެތެއް ނުކުރޭތޯއެވެ. އެމަންމަ ތިމާގެ ހިތުގެ އުދާސް އާހެއްގެ ސޫރައިގާވެސް ބޭރެއްނުކުރެއެވެ. އެ މަންމަ އިންނަނީ އަމިއްލަ ދުލުގައި ތަޅެއްލައިގެންނެވެ. ހަމަ ކޮންމެ ތަޢުރީފެއް ތިޔަކުރައްވަނީ އަމިއްލަ ދަރިއަށެވެ. ތިޔަ ރަނގަޅު ސިފަތައްހުރީ ހަމައެކަނި ތިޔަމަންމަގެ ދަރިފުޅުގެ ކިބައިގާ ހެއްޔެވެ؟ އަދި މިލޯބި ދޮން ކުއްޖާފުޅު....؟
ސިފައާއި ކުލައަށް ބަލާލިއިރު އެއީ ހަމަގައިމުވެސް މަންމަގެ ފަރާތުން ލިބިފައިވާ އެއްޗެއްކަން އެނގެއެވެ. މިއީ މުޢާޒުގެ ދަރިއެކޭ ބުނާނީ ކާކުތޯއެވެ؟
އެކަމަކު މައިވަންތަކަމުގެ ލޯތްބަކީ، ކަނު އެއްޗެކޭ ބުނެއުޅޭ ދޮގެއްތޯއެވެ.
ރަމްލާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އޭނާގެ ލޮލުން ކަރުނަ އައީއެވެ.
[ދަރިފުޅާއެވެ. އަރިއަކަށް ބާއްވާދެން ހެއްޔެވެ.] މައިދައިތަގެ އަޑުއައެވެ.
ރަމްލާ އެނދުގެދިގަށް ހަމަޖެހިލިއެވެ. ކުޑަކޮށް ކަރުނަ އޮހޮރާލާފައި ހިތްހަމަ ޖައްސާލީއެވެ. އޭނާ މައިދައިތައާއި ދިމާއަށް މޫނު އަނބުރާލިއެވެ....
އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ އަސަރެވެ. ކުޑަކޮށްވެސް ވަރުބަލިވެފައިވާކަމެއް އިޙްސާސެއް ނުކުރެވެއެވެ.
[މަންމަގެ އުނގުގައި އޮވެ ދަރިފުޅު ނިދައިފިތޯއެވެ. މަންމަގެ އުނގުގައި ބާއްވައިގެން ކުދިން ލޮއްސަ ފާނަންތޯއެވެ.] މަންމަކުރެން މިހެން އަހާފާނަމޭ ރަމްލާގެ ހިތަށްއެރިއެވެ. އެކަމަކު އެކައްޗެކޭވެސް ނުބުނެއެވެ. ހަމައެކަނި އޭނާގެ ސުވާލަށް ޖަވާބުދިނީއެވެ.
[މި އޮވެވޭގޮތް އެންމެ ރަނގަޅެވެ. އަދި ފަރާތަކަށް ފުރޮޅިލާ ހިތެއް ނުވެއެވެ.]
މައިދައިތަ ފޮތިގަނޑު ދުރުކޮށްލާފައި ކުޑަދަރިފުޅަށް ބަލާލިއެވެ. ހީވީ ދަހިކުއްޖަކު ސިއްރު ސިއްރުން އަތުގައި އޮތް ކާއެއްޗެތި ބޮނޑި ހުޅުވާލާފައި ބަލާލި ހެންނެވެ. ދެން އޭނާ ރަމްލާއަށް ބަލާލިއެވެ. އަދި ބުންޏެވެ.
[މުޢާޒުގެ ބައްޕަ ޢަޔާޒް ނިޔާވުމަށްފަހު، މުޢާޒުއަށް ލިބޭ ފިރިހެން ކުއްޖަކަށް ކިޔާނެނަމެއް އަހަރެންއޮތީ ނިންމާފައެވެ. މިދަރިފުޅަށް ކިޔާނީ މަޢޫޒެވެ.]
އެހެން ނަމަވެސް ދަރިފުޅަށް ކިޔާނެ ނަމަކާއިމެދު ރަމްލާ ފަހަރެއްގައިވެސް ވިސްނާފައެއްނެތެވެ. އޭނާ ދަރިފުޅުގެ ސިފައާއިމެދުވެސް ވިސްނާފައެއްނެތެވެ. ވީއިރު ކިޔާނެނަމަކާއިމެދު ވިސްނޭނީ ކިހިނެއްތޯއެވެ؟ އެހެނިހެން އަންހެނުން ބަލިވެއިންނަހިނދު ދަރިފުޅުގެ ނަމާމެދު ވިސްނާ ރީތިހެންހީވާ ނަންތައް އެއްކޮށްހަދައެވެ. އެކަމަކު ރަމްލާ ފުރިހަމަ ނުވަމަސް ދުވަސް ވަންދެން ވިސްނަމުން އައީ އެހެން އެއްޗެކެވެ. އެހެންކަމުން ނަމަކާއިމެދު އޭނާއަށް ނުވިސްނުނީއެވެ.
[މަޢޫޒު] މިނަންއިވުމުން ރަމްލާ ސިހިފައި ބަލާލިއެވެ. މައިދައިތަ އަޖައިބު ގޮތަކަށް އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިނެއެވެ. އޭނާ ހީކުރީ ރަމްލާއަށް މިނަން ކަމުނުދިޔައީ ކަމުގައެވެ. އެހެންނޫނީ އޭނާ ކޮންމެވެސް އެހެންނަމެއް ކިޔަން ގަސްދުކޮށްފައި އޮތީއެވެ. ރަމްލާއަށް ގޯހެއް ހެދިއްޖެކަން ހަމަވަގުތުން އެނގިއްޖެއެވެ. އެހެންކަމުން އުފާވެރި ގޮތަށް ބުންޏެވެ.
[މަންމާއެވެ. މަޢޫޒަކީ ވަރަށްރީތި ނަމެކެވެ. އަޅުގަނޑަށްވެސް ވަރަށް ރީތި ނަމެކެވެ.]
[މާތްރަސްކަލާނގެ ދަރިފުޅު އުފަލުގައި ލަހައްޓަވާށިއެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް ދެއްވާށިއެވެ. އަހަރެންގެ ކޮންމެ ނޭވާއެއްގައިވަނީ ދަރިފުޅަށްޓަކާ ކުރެވޭ ދުޢާއެވެ.]
ރަމްލާ އަނެއްކާވެސް ލޯމަރާލިއެވެ. ވެނީ ހިތާމައިގެ ވިލާގަނޑު އޭނާގެ ލޯމައްޗަށް ހުރަސްއެޅިއެވެ. މަންމާއެވެ. ތިޔަކުރައްވާ ދުޢާއަކުން އަހަންނަށްޓަކާ ތަޤްދީރު ނިންމަވާފައިވާގޮތް ބަދަލެއް ނުކުރެވޭނެއެވެ..... ތިޔަ ދަރިފުޅު ބަދަލުކޮށެއް ނުލެވޭނެއެވެ..... އާ ދުނިޔެއެއް ގެނެހެއް ނުދެވޭނެއެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ
*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު