ޞާދިރު ޢަލީދީދީ   25 ޖެނުއަރީ 2021 - 13:44
ވޭނީކަރުނަ
ވޭނީކަރުނަ
34 ވަނަ ބައި

..................

[މަޢޫޒު] މިނަންއިވުމުން ރަމްލާ ސިހިފައި ބަލާލިއެވެ. މައިދައިތަ އަޖައިބު ގޮތަކަށް އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިނެއެވެ. އޭނާ ހީކުރީ ރަމްލާއަށް މިނަން ކަމުނުދިޔައީ ކަމުގައެވެ. އެހެންނޫނީ އޭނާ ކޮންމެވެސް އެހެންނަމެއް ކިޔަން ގަސްދުކޮށްފައި އޮތީއެވެ. ރަމްލާއަށް ގޯހެއް ހެދިއްޖެކަން ހަމަވަގުތުން އެނގިއްޖެއެވެ. އެހެންކަމުން އުފާވެރި ގޮތަށް ބުންޏެވެ.

[މަންމާއެވެ. މަޢޫޒަކީ ވަރަށްރީތި ނަމެކެވެ. އަޅުގަނޑަށްވެސް ވަރަށް ރީތި ނަމެކެވެ.] [މާތްރަސްކަލާނގެ ދަރިފުޅު އުފަލުގައި ލަހައްޓަވާށިއެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް ދެއްވާށިއެވެ. އަހަރެންގެ ކޮންމެ ނޭވާއެއްގައިވަނީ ދަރިފުޅަށްޓަކާ ކުރެވޭ ދުޢާއެވެ.]

ރަމްލާ އަނެއްކާވެސް ލޯމަރާލިއެވެ. ވެނީ ހިތާމައިގެ ވިލާގަނޑު އޭނާގެ ލޯމައްޗަށް ހުރަސްއެޅިއެވެ. މަންމާއެވެ. ތިޔަކުރައްވާ ދުޢާއަކުން އަހަންނަށްޓަކާ ތަޤްދީރު ނިންމަވާފައިވާގޮތް ބަދަލެއް ނުކުރެވޭނެއެވެ..... ތިޔަ ދަރިފުޅު ބަދަލުކޮށެއް ނުލެވޭނެއެވެ..... އާ ދުނިޔެއެއް ގެނެހެއް ނުދެވޭނެއެވެ.

[ދަރިފުޅާއެވެ. ސުރުވާތަށްޓެއް ގެނެސްދެން ހެއްޔެވެ.] މައިދައިތަ ތެދުވެފައި ކުޑަދަރިފުޅު ވަށުވައިފިއެވެ. އަދި އިރުކޮޅެއް ވަންދެން ކޮންމެވެސް އެއްޗެއް ކިޔަވާލަ ކިޔަވާލަ ހުއްޓެވެ. ދެން ގައިމަތީގައި ފޮތިގަނޑެއް އަޅާފައި ސުރުވާ ތަށްޓެއް ތައްޔާރު ކޮށްލިއެވެ. އަދި ބުނަން ފެށިއެވެ.

[ދަރިފުޅާއެވެ. މިސުރުވާތަށި ބޯލާށެވެ. އަދި ކުޑަކޮށް ފުށްފޮޅެއްޖަހާ ރީތިވެލާށެވެ. މިހާރު ޙާފިޒް ސާހިބު ދުރުވާނެ ކަންނޭގެއެވެ.]

[ކޮން ޙާފިޒް ސާހިބެއްތޯއެވެ؟]

[އެއީ އަހަރެމެންގެ އަވަށުގެ ޙާފިޒް ސާހަބެވެ. ވަރަށް މުސްކުޅި މީހެކެވެ.

މުޢާޒުގެ ކަންފަތް ދޮށުގައި ބަންގިގޮވީ އޭނާއެވެ. އަހަރެންގެ މައިދައިތަ ބުނިގޮތުގައި މުޢާޒުގެ ބައްޕަގެ ކަންފަތް ދޮށުގައިވެސް ބަންގިގޮވީ އޭނާއެވެ. މިހާރު ޢުމުރުން ނުވަދިހަ ހައަހަރު ވެއްޖެއެވެ. ޤަރުނެއް ވާންއުޅެނީއެވެ. މުޅި ޢުމުރުދުވަސް އެހޭދަކުރަނީ މިސްކިތު މުދިމު ކަމުގައެވެ. ވަރަށްބޮޑު ޢިލްމުވެރި އެކެވެ. އަހަރެން ގަސްދުކޮށްފައި އޮތީ މުޢާޒަށް ލިބޭ ދަރިއެއްގެ ކަންފަތް ދޮށުގައިވެސް އޭނާ ލައްވާ ބަންގި ގޮއްވުމަށެވެ. މިހާރު ދުރުވާނެ ކަންނޭނގެއެވެ.]

[މަންމާއެވެ. އަޅުގަނޑު ވިހޭތާ މިއީ ދެވަނަދުވަސް ނޫންތޯއެވެ؟ ކުއްޖާގެ ކަންފަތުގައި މިހާރު ކިތަންމެ އިތުރު އަޑެއް ޖެހިއްޖެއެވެ.]

[އާއެކެވެ. މިކަހަލަ ހަސްފަތާލު ތަކުގައި ވާނީވެސް އެހެންނެވެ. ކޮންމެފަތިހަކު ހަސްފަތާލުގެ މެޝިނަރީ ހިންގާ އަޑުއެހުމަށް މަޖްބޫރު ކުރުވައެވެ. އެކަމަކު ހަމަވިހެއުމާއިއެކު އެވަގުތުން މައުލަވީއަކަށް ނުދުރުވެވެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ކޮންމެ ޒަމާނެއްގައިވެސް އެޒަމާނެއްގެ ޙާލަތު ނިޔާކުރާ ގޮތަކަށް އުޅެން ޖެހޭނެއެވެ.]

މި ދެމައިން މި ފަލްސަފާގެ މައްޗަށް ވާހަކަ ދައްކަދައްކާ ތިއްބާ ބޭރުން ރަނގަބީލު ވެއްޖެއެވެ. އެއާއެކު މުޢާޒު ވަރަށް މުސްކުޅި މީހަކު ގޮވައިގެން ވަދެއްޖެއެވެ.

މަންމަކޮޅަށް ތެދުވެއްޖެއެވެ. ޙާފިޒު ސާހިބު އިށީނުމަށް ގޮނޑިދެއްކިއެވެ. މުޢާޒުގެ އަތުގައި ކޮންމެވެސް ކަހަލަ ޕެކެޓެއް އޮތެވެ. އޭނާ، މިއީ ޙާފިޒު ސާހިބުދެއްވި ހަދިޔާއެކޭ ބުނެ އެޕެކެޓް މަންމައާއި ޙަވާލުކޮށްފިއެވެ.

މަންމަ ކުޑަދަރިފުޅު ނަގައިގެން ގެނެސްފިއެވެ.

ހާފިޒް ސާހިބު އޭނާގެ ތުރުތުރުއަޅާ އަތުން ކުއްޖާނެގިއެވެ.... ހީނލާފައި ބަލާލިއެވެ. ދެން ފުރަތަމަ ކުއްޖާގެ ކަނާތު ކަންފަތް ދޮށުގައި ބަންގިގޮވިއެވެ.

ﷲ އަކްބަރުގެ އަޑު ފުރަތަމަ އިވިފައި ކުއްޖާ ބިރުގަތެވެ. މުށްކެވިފައިވާ އަތްހުޅުވުނެވެ. ދެން ރުޅިދައްކާލާފައި ތެޅިގަތެވެ.

ޙަޤީޤަތުގައިވެސް ﷲ އަކްބަރުގެ އަޑުއިވުމުން އިންސާނާ ސިހިދެއެވެ. ތުއްތުކުދިންވެސް ބަންގީގެ އަސަރަކުން ޣާފިލެއް ނުވެއެވެ. ރަމްލާ ވިސްނާލިއެވެ.

ދެ ކަންފަތް ދޮށުގައި ދެ ފަހަރު ބަންގި ގޮވުމަށްފަހު، ޙާފިޒް ސާހިބު މައިދައިތަގެ އަތަށް ދަރިފުޅު ދީފިއެވެ.

[ޙާފިޒް ސާހިބު އަޅުގަނޑުގެ ރަމްލާގެ ގަޔަށްވެސް ފުމެލާ ދެއްވަންވީ ނޫންތޯއެވެ.]

މުޢާޒުގެ މަންމަ ރަމްލާ ބާއްވާފައިއޮތީ ކުޑަކޮށް ބޮލަށް އުސްވާ ކަހަލަގޮތަކަށެވެ. ޙާފިޒް ސާހިބު އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. ބޯމަތީގައި އަތް ބާއްވާލިއެވެ. އަދި ލޯ މަރާލައިގެންހުރެ ކިޔަވަ ކިޔަވާފައި ފުމެން ފަށައިފިއެވެ.

ރަމްލާގެ ލޮލުގައި އަނެއްކާވެސް ހޫނު ކަރުނަ އުފެދެން ފަށައިފިއެވެ. ހިތަށް އެހާބޮޑު ދިލަކަމެއް ލިބުނީ ކީއްވެގެންކަމެއް ނޭނގެއެވެ.

އެވާހަކައެއް އަނގައަކުން ބޭރެއްނުވެއެވެ. އެކަމަކު އެކަރުނަތައް ލޮލުން ބޭރުވާންވެގެން އުޅޭކަހަލަ ގޮތަކަށް ލޯ ތުރުތުރު އަޅަނީއެވެ. މުޢާޒު ވަރަށް ފަރުވާތެރި ކަމާއިއެކު އަދި ލޯތްބާއެކު ރަމްލާގެ ރީނދޫކުލަ އަރާފައިވާ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

އާދަކާދައާއި އެއްގޮތްވާ ގޮތުގެމަތިން ރަމްލާ އޭނާގެ މަންމަގެ ގެއަށް އަތުވެއްޖެއެވެ. މަޢޫޒަށް މިހާރު އެއްމަސް ވެއްޖެއެވެ. މިހާރު އޭނާ އަމިއްލައަށްވެސް މަޢުޒޫގެ ކަންތައްތައް ކުރަން ފަށައިފިއެވެ. އެދުވަހު ރަމްލާ ގަސްތުކޮށްފައި އޮތީ މަޢޫޒަށް އެއްޗެހި ގަންނަން ބާޒާރަށް ދިއުމަށެވެ.

އޭނާ، މަޢޫޒު ފެންވަރުވާފައި ނިންދެވިއެވެ. ދެން އަތްފައި ދޮވެލައިގެން ހެދުން ބަދަލުކުރިއެވެ. އަދި އޭނާގެ ދިގު އިސްތަށިގަނޑުގައި ފުނާއެޅުމަށްފަހު ތިރިއަށް ދޫކޮށްލިއެވެ. ދެން ދަބަސް ހިފައިގެން ބޭރަށް އައިސް މަންމަ ގާތުގައި، ބުނަންފެށިއެވެ.

[މަންމާއެވެ. އަޅުގަނޑު ކުޑަކޮށް ބާޒާރުކޮށްލަން ގޮސްލަނީއެވެ.]

މަންމަ އެނބުރިލާފައި ބުންޏެވެ.

[ހަވީރު ބައްޕަދުރުވީމާ ބައްޕައާއިއެކު ދާން ހުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟]

[މަންމާއެވެ. ބައްޕަ އަވަހަށް ގެއަށް ދުރުވާނެ ދުވަހަކަށް އަޅުގަނޑު އިންތިޒާރު ކުރާތާ މިހާރު ވަރަށްގިނަ ދުވަސް ވެއްޖެއެވެ. އެކަމަކު ބައްޕަ ދުރުވަނީ ރޭގަނޑު އެހާ ދަންވެފައި ވަނިކޮށެވެ. އެހެންކަމުން އަޅުގަނޑަށް ބައްޕައާއި އެކުގައި ނުދެވެނީއެވެ. މަޢޫޒަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ހުސްވެއްޖެއެވެ. އަޅުގަނޑަށްވެސް ބައެއް ތަކެތި ގަންނަންވެފައި އެބައޮތެވެ. ކުރިމަތީގައި އެހެރަ ފިހާރައިން ވަރަށްގިނަ އެއްޗެހި ލިބިދާނެއެވެ. ދެން ނުލިބި އޮތް އެއްޗެއް ފަހުން ބައްޕައާއެކު ގޮސް ގަނެފާނަމެވެ.]

[އެންމެ ރަނގަޅެވެ.] މަންމަ ދެވަނަ ފަހަރަށް އައިނު އަޅާލުމާއެކު ނޫހުގެ އެތެރޭގަނޑުތަކުގެ ތެރެއަށް ކަޅި ހިންގާލަމުން ބުންޏެވެ. [ކައްކާ، މިހާ ގޮވައިގެން ދާށެވެ.]

[ނޫނެކެވެ. މަންމާއެވެ.] ރަމްލާ ބުނެލިއެވެ. [ފިހާރަ އެހެރީ މިތާ ކައިރީ ނޫންތޯއެވެ. އެފަކީރު މިހާރުވެސް އެއުޅެނީ ކޮންމެވެސް ކަމެއްގައި ނޫންތޯއެވެ. އެހެން ނޫނަސް މިއީ އަޅުގަނޑު އެންމެ ފުރަތަމަ ބޭރަށްދިޔަ ފަހަރެއްނޫނެވެ.]

ރަމްލާގެ މަންމަގެ ގެހުންނަނީ ހަނިގޯޅިއެއްގެ ތެރޭގައެވެ. އެހެން ނަމަވެސް ގޯޅިން ނުކުންނަ ދިމާއިންބޮޑު މަގުމަތީގައި ވަރަށްބޮޑު ފިހާރައެއް ހުރެއެވެ. މިކޮލޮނީގެ މީހުން ވިޔަފާރިކުރަނީ މިތަނުންނެވެ. މިހަނިގޯޅި ކަންމަތީގައި، ފިނި ބުއިންތަކާއި ދުފާއެއްޗެތިވިއްކާ ފިހާރަގަނޑެއްވެސް ހުރެއެވެ. އެހެންކަމުން މިމަގަކީ ވަރަށް ފުރިހަމަ މަގަކަށްވަނީ ވެފައެވެ.

ކައިވެނީގެ ކުރިން ރަމްލާ މިފިހާރައަށް ވަރަށްގިނައިން ވިޔަފާރިކުރަންގޮސް އުޅެއެވެ. ކުދިކުދި އެއްޗެހި ގަނެލަން ދުވާލަކު އެތައްފަހަރަކު އެތަނަށް އޭނާ ދެއެވެ. އަދި ތިމާގެ މީހަކު ގެއަށް އަތުވެއްޖިއްޔާ އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ގަނެލަން އޭނާ ފޮނުވައެވެ. ތަންތަނުން އެއްޗެހި ގަންނަން ދިއުމަކީ ރަމްލާ ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެން ނަމަވެސް މީހަކާއި އިނުމަށްފަހު އޭނާ އާދަކޮށް އައިސްއުޅޭތަނެއް ނުފެނެއެވެ. އަދި އަމިއްލަ ކަންތައްތައް ކުރުމަށް ބޭނުންވާ ސާމާނު ގަނެލާކަށްވެސް އޭނާ ނުދެއެވެ. އޭނާ ބާޒާރަށް ދާންވެގެން އުޅޭތާ ވަރަށްގިނަ ދުވަސް ވެއްޖެއެވެ. މުޢާޒުވެސް ރަށަކުނެތެވެ. އޭނާވީ އޮފީހުގެ މަސައްކަތެއްގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ކަރާޗީއަށް ގޮހެވެ.

އެންމެފަހުން މިއަދު އޭނާ ބާޒާރަށް ދާން ތައްޔާރު ވެއްޖެއެވެ. އަދި ދަބަސް ހޫރަމުން ބޭރަށް ނުކުމެއްޖެއެވެ. ހަމަކުރީގެވެސް މަގެވެ. އޭނާގެ ކައިވެނީގެ ދުވަސްކޮޅުގެ ތެރޭގައި، ވަރަށް ތަފާތު ޖަޒްބާތުތަކަކާއެކު މިމަގު އެތައް ފަހަރެއްގެ މަތިން ހުރަސްކުރިއެވެ. އެކަމަކު މިއަދު މިމަގުން ހިނގާފައިދާއިރު ފިޔަވަޅުތައް ވަރަށް ކަންނެތް ކަމުގައި ހީކުރެވެއެވެ. އެހިނގުމުގައި، އަމިއްލަ އިތުބާރެއްނެތެވެ. ކިހާ އަޖައިބުކަމެއް ހެއްޔެވެ. އޭނާ ވިސްނާލިއެވެ. ފުރިހަމަ އެއް އަހަރުދުވަހުގެ ތެރޭގައި އޭނާ މަންމައަކަށް ވެއްޖެއެވެ. އެކަމަކު އަދިވެސް އޭނާ ކައިވަންޏަކާ ނުރުހެއެވެ.

އޭނާ މަގުމަތިން ހިނގާފައި ދިޔައިރު އެމަގާމެދު ހީކުރެވެމުން ދިޔައީ، ފަޅުވެފައިވާ މަގެއްކަމުގައެވެ. އިއްޔެއާއި ހަމައަށް އޭނާފޮރުވާފައިވާ ޚަޒާނާ ޑާކޫންގެ ބައިގަނޑެއް އައިސް ފޭރިގެންފިއެވެ.

ހަނިގޯޅިގަނޑެއްގެ ކަންމައްޗަށްގޮސް ހުއްޓިފައި، އޭނާ ފަރާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. ބޮޑުމަގުގައި އެއްވެސް ޓްރެފިކެއްނެތެވެ. އޭނާ މަގު ހުރަސްކޮށްލިއެވެ. އަދި ފިހާރައާއި ދިމާއަށް ހިނގައިގަތުމާއިއެކު ރޯވެފައިވާ އަލިފާން ދަނޑިއެއް އައިސް އޭނާގެ ގަމީހުގެ ފަސްބައިގާ ޖެހިއްޖެއެވެ. ބިރުން އޭނާ ފަހަތަށް އެއްފިޔަވަޅު އަޅާލިއެވެ. ފަރުވާތެރި ކަމާއިއެކު ގަމީހަށް ބަލާލިއެވެ. ދެން ރުޅިވެރި ނަޒަރަކުން އަލިފާން ދަނޑިއާއި ދިމާއަށް ބަލާލިއެވެ. އަލިފާން ދަނޑިއައީ ކައިރީގައި ހުއްޓާފައިއޮތް ކާރެއްގެ ތެރެއިންނެވެ. ކުރީ ސީޓްގައި ޒުވާން ފިރިހެނަކު، ސުއްޓާއެއް ރޯކޮށްލައިގެން އިނެވެ. އަނެއް އަތުގައި އަލިފާންފޮށި އޮތެވެ. ސުއްޓާ ރޯކުރުމަށްފަހު އެއްވެސް ޚިޔާލެއްނެތި އޭނާ އަލިފާންދަނޑި އެއްލާލީއެވެ. އަދި އެދިޔަ ގޮތަކަށްގޮސް ރަމްލާގެ ގަމީހުގައި ޖެހުނީއެވެ... އަލިފާންދަނޑި ގަމީހުގައި ޖެހުމާއެކު ނިވުނުކަން އެއީ ހަމަނަސީބެވެ. އެހެން ނޫންނަމަ ގަމީހުގެ ފަސްބައި އެދީހެވެ.

ރަމްލާ މަލާމާތުގެ ނަޒަރަކުން ބަލާލުމުން ކާރުގައިއިން ޒުވާނާ އަވަސް އަވަހަށް ދޮރުހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. އަދި ވަރަށް މަޑުމައިތިރި އަޑަކުން ބުންޏެވެ.

[މާފުކުރައްވާށެވެ. ތިޔައީ އަޅުގަނޑުގެ ކުށެވެ. އަޅުގަނޑަށް ބަލާނުލާ އަލިފާންދަނޑި އެއްލާލެވުނީއެވެ. އެއީ ކޮށްގެންވާނެ ކަމެއްނޫނެވެ... މަގަކީ ހިނގާމީހުންނަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ.... އަޅުގަނޑު... އަޅުގަނޑު ލަދުވެތިވަމެވެ...]

[ދެން އެންމެ ރަނގަޅު....!] ރަމްލާ ހިތުން ބުނެލިއެވެ.

އޭނާ އުޅުނީ ދެއަތްޖޯޑުކޮށް މާފަށް އެދެންވެގެންނެވެ. ނުވަތަ އޭނާގެ ލަދުވެތިކަމުގެ އިޙްސާސް، ދެއަތްޖޯޑުކޮށް މާފަށް އެދުނީއެވެ.

ރަމްލާ، އޭނާގެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރެއްޖެއެވެ.

ވިދާ ބަބުޅާ، ބިއްލޫރި ގޮޅިތަކެއް ފަދައިން ޙަރަކާތްތެރިވާ ކެތްމަދު ލޮލެކެވެ. ސާފުކަމުން ހީވަނީ ވައިމަޑު ދުވަހެއްގެ އުޑުމަތި ހެންނެވެ. ބައެއް ދިމަދިމާއިން ރަތްދަޅަވެސް ފެނެއެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

*********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން